ރައީސް ޔާމީންވެސް މަޖިލީހަށް ކުރިމަތި ލައްވަނީތަ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ކުރިމަތި ލައްވާނެ ކަމުގެ އިޝާރާތްތަކެއް އެމަނިކުފާނުގެ ބަޔެއް ސަޕޯޓަރުން ކުރަމުން އެބަދެއެވެ.

ސޯޝަލް މީޑިޔާގައި ރައީސް ޔާމީންގެ ބަޔެއް ސަޕޯޓަރުން ގެންދަނީ ކުރިޔަށް އޮތް މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ކުރިމަތި ލައްވާނެ ކަމަށާއި ކުރިމަތި ލައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެމަނިކުފާނު 2013 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވިއިރު ހުންނެވި މަޖިލީހުގެ މުލަކު ދާއިރާއަށް ކަމުގައިވެސް ބުނަމުންނެވެ.

ރައީސް ޔާމީން ކުރިޔަށް މަޖިލީހުގެ އިންތިޚާބުގައި މުލަކު ދާއިރާއަށް ކުރިމަތި ލައްވާނެ ކަމުގެ ސިގްނަލްތަކެއް އެމަނިކުފާނުގެ ސަޕޯޓަރުން ދެމުން ދިޔަނަމަވެސް ޕީޕީއެމާއި ރައީސް ޔާމީންގެ ފަރާތްޕުޅުން އަދި މަޖިލީހަށް އެމަނިކުފާނު ނުކުންނަވާނެ ކަމެއް އަދި ނޫން ކަމެއްވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް މީޑިޔާއާ މީގެދެދުވަހެއް ކުރިން ބައްދަލު ކުރައްވާފައެވެ.

ރައީސް ޔާމީން މަޖިލީހަށް ކުރިމަތި ލައްވާނެކަން ނުވަތަ ނޫން ކަމެއް އަދި ކަށަވަރު ވެފައިނުވިޔަސް އެމަނިކުފާނުގެ ބަޔެއް އަރިސް ބޭފުޅުން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގަތުމަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިމުނީ ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވަރަށްގިނަ އަހަރު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ މުލަކު ދާއިރާގެ މެމްބަރު ކަމުގެ އިތުރުން ނ. އަތޮޅުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރީގެ ރައީސް ޔާމީން ނުކުންނަވާނެ ކަމުގެ އިޝާރާތް އެމަނިކުފާނުގެ ސަޕޯޓަރުން ދެމުންދާއިރު ކުރީގެ ރައީސް މުޙަންމަދު ނަޝީދުވެސް މިހާރު ވަނީ މަޖިލީހުގެ އިންތިޚާބަށް ނުކުންނަވާނެކަން އިއުލާނު ކުރައްވައި ކެމްޕޭންވެސް ފައްޓަވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.