މިބަލަނީ ގަޑިއެއްހާ އިރުތެރޭ މާލޭގައި ހިނގާލެވޭ ވަރުކުރަން: އެމްއެންޑީއެފް

އެމްއެންޑީއެފުން މަސައްކަތްކުރައްވަނީ ކުރިއަށްއޮތް ގަޑިއެއްހާ އިރުތެރޭގައި މާލޭގައި ބޮޑުވެފައިވާ ފެން ހިންދައި ހިނގާލެވޭ ވަރު ކުރުމަށް ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑަރ ޢަބްދުﷲ ޒުހުރީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ސިފައިން ގެންދަވަނީ މާލޭގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކުގައި 14 ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ގިނަ ޕަމްޕްތައް ބަހައްޓައިފައިވަނީ އަމީނީ މަގާއި އައިޖީއެމްއެޗު ސަރަހައްދުގައެވެ. އެ ސަރަޙައްދު ތަކުގައި ބަހައްޓައިފައިވަނީ އެންމެބޮޑެތި ޕަންޕުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ދެ ގެއަކުން މީހުން ނެރެން ވެސް ޖެހިފައިވެއެވެ.

މާލޭގައި ފެންބޮޑުވުމުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ މިއީ ކާރިސާއެއް ކަމަށެވެ. މިފަދަ ކާރިސާއެއް މާލެއަށް ކުރިމަތިވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ފެން ހިންދުމަށް ކުރެވެންއޮތްހާ މަސައްކަތެއް ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ވީޓީވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ޓީވީއެމް އިމާރާތަށް ފެންވަދެ އެ ސްޓޭޝަންގެ މަސައްކަތް ހުއްޓާލަން ޖެހިފައިވަނިކޮށް ސިފައިންވަނީ އެތަނަށްގޮސް ފެންހިންދާލައިފައެވެ.

މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ ސިފައިންވަނީ ފުށްގުދަނަށް ފެންވަނަ ނުދިނުމަށް ވެލިބަސްތާ ޖަހައި ސަލާމަތީ ފިޔަވަޅު އަޅައިފައި ކަމަށެވެ. ވިއްސާރައާ ގުޅިގެން އެމްއެންޑީއެފްގެ ހުރިހާ ޓްރޫޕުސްއެއް ފުލް އެލާޓުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.