ޢަބްދުﷲ އާއި އަމީތު ޖޭޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބަދުﷲ އަޙުމަދާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

އެ ދެބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވީ ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ދެ މެމްބަރުން ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމްވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލު ކުރައްވައިފައެވެ.

މި ދެ މެމްބަރުންނަކީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ ގޮނޑިތައް އަލުން ލިބިވަޑައިގެންނެވީ ގޮނޑިތައް ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ކަނޑައެޅުއްވުމުންނެވެ.

ކޯލިޝަން ސަރުކާރު ގާއިމް ކުރުމަށްފަހު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން ގެންދަވަނީ ޖޭޕީއަށް ސޮއި ކުރައްވަމުންނެވެ. އެގޮތުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރާއި، ކަނޑިތީމު ދާއިރާގެ މެމްބަރު ވެސް ވަނީ ޖޭޕީއަށް ސޮއި ކުރައްވައިފައެވެ. އަދި މާވަށު ދާއިރާގެ މެމްބަރު އަޒުހާން ފަހުމީއާއި އަދިވެސް އިތުރު މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ.

މިބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވުމަކީ ލިގެންދާ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.