ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާއެކު އެކަމަނާއަށް އަމާޒުކޮށް މީހުން ކިޔަމުންދާ ފާޑުކިޔުންތަކަށް މަރުޙަބާ ދަންނަވާ ކަމުގައި މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ކަމެއް ރަނގަޅު ކުރެވޭނީ ފާޑު ކިޔުންވެސް އައިސްގެން ކަމަށެވެ. ޚާއްސަގޮތެއްގައި ފާޑުކިޔުންތަކުގެ ތެރެއިންވެސް ނެގެޓިވްކޮށް އަންނަ ފާޑުކިޔުންތަކަށް ކުރިމަތި ލެއްވުމަކީ މައްސަލަތައް ދެނެގަނެ ޙައްލު ކުރަން އެންމެ ފަސޭހަ ގޮތް ކަމަށް އައިޝާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކަންކަމުގައި ފާޑުކިޔުންވެސް އަންނާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ފާޑުކިޔުންތަކަށް މަރުޙަބާ ދަންނަވައި އެކަންކަމާވެސް ކުރިމަތި ލައްވައިގެން ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރު ދާންބޭނުންވާ އެންމެ އުހަށް ވާސިލްވުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި މިނިސްޓަރު އައިޝާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް މިހާތަނަށް އެކަމަނާ ފާޑުކިޔާ އެއްވެސް މީހަކަށް ރައްދު ދެއްވާފައިނުވެއެވެ. އައިޝާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރީއަށްވެސް ބަޖެޓުގެ ތާށިކަން ވަރަށް ބޮޑު ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ވީހާވެސް ފުރިހަމައަށް ޚިދުމަތް ދިނުމަށްޓަކައި ބޭރުގެ އެހީ ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.