މޮރޮކޯ ރަސްގެފާނުގެ މަންދޫބު، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، މައުނިޔާ ބައުސެޓާއާއި، ސީޝެލްސްގެ ކެމިނެޓް ސެކްރެޓަރީ މުޙައްމަދު ޢަފީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގެ ތެރެއިން ރައީސް ވަނީ މައުނިޔާ ބައުސެޓާއަށް މަރުޙަބާ ވިދާޅުވެ ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
މޮރޮކޯގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލެއްވުމަށް މިފަދަ ފުރުޞަތެއް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުން މޮރޮކޯގެ ރަސްގެފާނު ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައިވާކަމަށް ވިދާޅުވިއެވެ.
މައުނިޔާ ބައުސެޓާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ސަޤާފަތާއި އިސްލާމްދީނާއި ގުޅުންހުރި ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް މިދާއިރާތަކުން ދެޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލު ކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައިވެއެވެ.
މައުނިޔާ ބައުސެޓާގެ އިތުރަށް ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފު ވެސް މިއަދު ހެނދުނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ އަފީފަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ކެބިނެޓް ސެކްރެޓަރީ އަފީފް ވެސް ވަނީ މި ޚާއްޞަ ޝަރަފުވެރި ރަސްމިއްޔާތަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާމެދު ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީއާ މަޝްވަރާކުރައްވާފައެވެ.