ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލީޙުގެ ވެރިކަމުގެ ފުރަތަމަ ދުވަސް ޚާސަވެގެންދާނީ ސިޔާސީ ހައްޔާރީން ދޫކޮށްލުމަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް މުންތަޚަބުގެ ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ސިޔާސީ ކުށްވެރިން ދޫކޮށްލައްވާނެ ކަމަށް ރިޔާސީ ކެމްޕޭންތެރޭގައި އިބްރާހީމް މުޙައްމަދު ޞާލުޙު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ވެރިކަމުގެ ފުރަތަމަ ދުވަހު އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމަނިކުފާނު އެހެން ވިދާޅުވިއިރު ސިޔާސީ ކުށްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންވަނީ ސްޕްރީމް ކޯޓުގެ އަމުރުގެ ދަށުން މިހާރުވަނީ މިނިވަން ވެފައެވެ. އެހެންނަމަވެސް އެފަދަ މައްސަލަ ތަކުގައި ބަންދުވެފައިވާ މީހުން އަދިވެސް އެބަތިބި ކަމަށާއި، އެމީހުން ވެސް ދޫކޮށްލަވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުން ދޫކޮށްލައްވާނެ އުޞޫލެއް ވިދާޅެއް ނުވެއެވެ.