ޣައްޒާއަށް ދޭން ފެށި ހަަމަލާތައް ހުއްޓާލަން އިސްރާއީލުން ހަމާސްއާއެކު އެއްބަސްވުމަކީ "ޓެރަރިޒަމްގެ ކުރިމަތީގައި އަމާންދިނުން" ކަމަށް ބުނެ އިސްރާއީލުގެ ދިފާއީ ވަޒީރު އެވިގްދޯރް ލީބަރމަން އިސްތިއުފާދީފިއެވެ. އޭނާވަނީ އަވަސް އިންތިޚާބެއް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށްވެސް ގޮވައިލާފައެވެ.
ލީބަރމަންގެ އިސްތިއުފާގެ ސަބަބުން މިހާރުވެސް މައްސަލަތަކެއްގެ ތެރޭގައި އޮތް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ބަލިކަށިވެގެންދާނެއެވެ.
"ހަމަލާ ބަދަލުކުރުން ހުއްޓާލައި އަމާންކަން ގާއިމުކުރުމުގެ ނަމުގައި އިއްޔެ ކުރެވުނު ކަމަކީ ޓެރަރިޒަމަށް ބޯލަނބައި އަމާންދިނުން ފަދަ ކަމެއް. ކައިރި މުސްތަގުބަލަކަށް ބަލާއިރު، ދައުލަތެއްގެ ގޮތުގައި އަހަރުމެން މިކުރާ ކަމަކީ އަމާންކަން ގަތުން. އެހެންނަމަވެސް، ދުރު މުސަތަގުބަލަށް ވިސްނާއިރު އަހަރުމެން ޖެހޭނޭ ވަރަށް ބޮޑު އަގެއް ދައްކައި، ބޮޑުތި ގެއްލުންތަކެއް ތަހައްމަލްކުރަން." އިސްތިއުފާދިނުމަށްފަހު ނޫސްވެރިންނާ ވާހަަކަދައްކަމުން އޭނާ ބުންޏެވެ.
ލީބަރމަންގެ އިސްތިއުފާއާއެކު އޭނާގެ އިސްރާއީލް ބައިތެނޫ ޕާޓީވެސް ވަނީ ވެރިކަންކުރާ ކޯލިޝަނުން ވަކިވެފައެވެ. އެެހެންކަމުން، އާއްމު އިންތިޚާބަށް އަދި އެއް އަހަރު އޮއްވާ، 120 މެންބަރު ހިނެނޭ ގާނޫނުހަދާ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ އަދަދު މިވަނީ 61 އަށް ތިރިވެފައެވެ.
މިކަމާގުޅިގެން އިސްރާއީލުގެ ސިޔާސީ މުހައްލިލުުން ލަފާކުރަނީ، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަކާ މިހާރުވެސް ކުރިމަތިލަމުން ގެންދާ ބޮޑުވަޒީރު ނަތަންޔާހޫ އަވަސް އިންތިޚާބަކަށް ދާނެކަމަށެވެ. އެހެންނަމަވެސް، ދިފާއީވަޒީރުކަން ދެންކުރާނީ ނަަތަންޔާހޫކަން ހާމަކުރަމުން ލިކުޑް ޕާޓީގެ ތަރުޖަމާނު ބުނީ އަވަސް އިންތިޚާބަކަށް ދާންނުޖެހޭ ކަމަށެވެ.
އަނެއްކޮޅުން ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން ބުނީ ލީބަރމަން އިސްތިއުފާދިނުމަކީ ޣައްޒާއަށް ލިބުނު ސިޔާސީ ނަސްރެއް ކަމުގައެވެ. އަދި ފަލަސްޠީނު މީހުންނާ ކުރިމަތިލައި ބަލިވެއްޖެކަމަށް އޭނާވީ އިއުތިރާފެއް ކަމުގައެވެ. ޙަމާސްގެ ތަރުޖަމާނު ސާމީ އަބޫޒުހްރީ ވިދާޅުވި ގޮތުގައި "ސާބިތުކަމާއެކު ކުރިމަތިލައި އިސްރާއީލުގެ މަސްރަހަށް ލޮޅުން އެރުވުގައި ޣައްޒާ ކާމިޔާބުވެެއްޖެ" އެވެ.
ފާއިތުވި އާދީއްތަ ދުވަހު އިސްްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 160 އަމާޒަކަށް 460 ރޮކެޓް ފޮނުވާފައި ވެެއެވެ. އަދި އިސްރާއީލު ސިފައިންގެ ޔުނިޓަކާއި ޙަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން ޤައްސާމް ބްރިގޭޑްސްއާ ދެމެދު ހަމަލާ ބަދަލުކުރެވިފައި ވެއެވެ.