ޖޭޕީއާއި ސަރުކާރާ ދެމެދަށް ވަންނަން އުޅޭ މީހުންނަށް އެފުރުސަތު ނުދޭނަން: ޤާސިމް

ކޯލިޝަން ސަރުކާރާއި ޖުމްހޫރީ ޕާޓީއާ ދެމެދަށް ވަނުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް މިއަދު ހަވީރު ޖޭޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ކުރީގެ ދެފަހަރު އެކުލަވާލި ކޯލިޝަން ސަރުކާރު ރޫޅިގެން ދިޔައީ ޖޭޕީގެ ސަބަބުން ނޫންކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމަށްފަހު ސަރުކާރު ހިންގަވަން ފަށްޓަވާ ދުވަހުން ފެށިގެން ފުރަތަމަ ދުވަހެކޭ ފަސް އަހަރު ނިމިގެންދާ ދުވަހެކޭ ތަފާތެއްނެތި ކޮނޑާއިކޮނޑު ޖައްސައިގެން އެކީގައި މަސައްކަތްކުރާނެ ވާހަކަ ވަރަށް ސާބިތު ކަމާއެކީ ދަންނަވަން. އަޅުގަޑުމެންގެ މިދޭތެރެއަށް ބަޔަކު ވަންނަން އުޅުނަސް އެފުރުސަތެއް ޖުމްހޫރީޕާޓީއަކުން ހަމަގައިމުވެސް ނުދޭނެ ކަމަށް ކަށަވަރުކޮށް ޔަޤީންކޮށްދެން،" ޤާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަން ސަރުކާރެއް ގެނެވިފައި މިވަނީ ވަރަށްގިނަ ބައެއްގެ ޤުރުބާނީތަކެއް ވެގެން ކަމަށެވެ. އޭގެ ތެރޭގައި ކޯލިޝަންގެ 4 ލީޑަރުންނާއި، މަޖިލީހުގެ ބައެއް މެމްބަރުންނާއި އެހެނިހެން ވެސް ބޭފުޅުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެފަރާތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ ކާނަލް ނާޒިމްގެ މައްޗަށް ވެސް ދޮގު ތުހުމަތުތަކެއް ކުރައްވައި އެތައް ދުވަހަކު ވޭނުގައި އުޅުއްވުމަށްފަހު މިހާރު މިނިވަންވެ ސިޔާސީ ދާއިރާއާ އަލުން ގުޅިވަޑައިގެންނެވުމީ ލިބުނު އުފަލެއް ކަމަށެވެ. ޚާއްސަކޮށް ޖޭޕީއާ ގުޅިވަޑައިގެންނެވުމަކީ އެޕާޓީއަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޤާސިމް މިއަދު ވަނީ އެމަނިކުފާނުގެ ޕޮލިޓިކަލް އެޑުވައިޒަރަކަށް ނާޒިމް އައްޔަން ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.