ރައީސް ނަޝީދުގެ ރަސްމީ ދަތުރުފުޅުތައް ފަށްޓަވާނީ އިބޫ ހުވައި ކުރެއްވުމަށްފަހު: އެމްޑީޕީ

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅުތައް ރަށްރަށަށް ފަށްޓަވާނީ ރައީސް (މުންތަޚަބު) އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމަށްފަހު ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ނަޝީދު މިހާރު ކުރައްވާ ދަތުރުފުޅުތަކަކީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުނުވެ ގިނަދުވަސްތަކެއް ވުމުން އެމީހުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އެދަތުރުފުޅުތައް އަދި ވެސް ކުރިއަށް ގެންދަވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިމަހު 6 އިން 8 އަށް އައްޑޫސިޓީއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެދަތުރުފުޅުގައި އެމަނިކުފާނުގެ އަނބި ކަނބަލުން ލައިލާ ޢަލީގެ އިތުރަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރައީސް ނަޝީދުގެ ދެކަނބަލުން މިއަދު ވަނީ ހއ. ދިއްދުއަށް ވަޑައިގެންފައެވެ. މިދަތުރުފުޅަށްފަހު އެދެކަނބަލުން މާދަމާ މާލެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ޝިފާޒު ވިދާޅުވީ އަދިވެސް ވަގުތު އެބައޮތް ކަމަށާއި އިތުރު ދަތުރުފުޅުތައް ރައީސް ނަޝީދު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިދަތުރުފުޅަށްފަހު ވެސް ދަތުރުތައް އެބަހުރި ކުރިއަށް. ރަސްމީކޮށް ބޮޑު ޓުއާއެއްގެ ގޮތުގައި ދަތުރުތައް ފަށްޓަވާނެ އިބޫ ހުވައި ކުރެއްވުމަށްފަހު،" ޝިފާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.