އިބޫ ހުވައި ކުރެއްވުމަށްފަހު ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ

ރިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ރައީސް ކަމުގައި ހުވައި ކުރެއްވުމަށްފަހު މާލޭގައި ކުޅިވަރުގެ ބޮޑު ފެސްޓިވަލެއް ބާއްވަން ނިންމަވައިފިއެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 18 އިން 19 އަށެވެ. "ދުޅަހެޔޮ، ހަށިހެޔޮ ޢީދު" ގެ ނަމުގައި ބާއްވާ މި ފެސްޓިވަލުގައި ރައީސް ނަޝީދާއި، އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައި ގަންނަވާނެއެވެ. ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނީ ފުޓުބޯޅަ ކުޅުއްވުމުގައެވެ. އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނީ ވޯލިގައި ކަމަށް ޓްރާންސިޝަން ކޮމިޓީން މިއަދު ވިދާޅުވިއެވެ. އެ ކޮމިޓީން ވިދާޅުވީ މިއީ އިންތިޚާބީ ރައީސްގެ އެދިވަޑައިގެންނެވުމަށް ބާއްވާ ފެސްޓީވަލެއް ކަމަށެވެ.

މިފެސްޓިވަލް މާލޭގެ 4 ސަރަޙައްދެއްގައި ބޭއްވުމަށް ވަނީ ނިންމަވައިފައެވެ. ފެސްޓިވަލުގައި ފަސް ހާހެއްހާ މީހުން ބައިވެރިވާނެ ކަމަށް އެކޮމިޓީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 300 މީހުން ވެސް ހިމެނެއެވެ. މިއީ ހުރިހާ ޢުމުރެއްގެ މީހުންނަށް ހުޅުވާލައިގެން ބާއްވާ އުފާފާޅު ކުރުމުގެ ފެސްޓިވަލެކެވެ. އޭގައި ރައީސް މައުމޫނާއި، އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެކޮމިޓީން ވިދާޅުވިއެވެ.

އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ މިއީ ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ޚާއްސަކޮށްގެން ބާއްވާ ކަމެއްނޫން ކަމަށެވެ. މިއީ އެންމެންނަށް ހުޅުވާލައިގެން ބާއްވާ ފެސްޓިވަލެކެއެވެ. އޭގައި ތަފާތު ކުޅިވަރުތައް ހިމެނެއެވެ.

މިފެސްޓިވަލުގެ މައިގަނޑު މަޤުސަދަކީ ހުރިހާ ޢުމުރެއްގައި މީހުން ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވުމުން ކަމަށް ވެސް ޓްރާންސިޝަން ކޮމިޓީން ވިދާޅުވިއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހު ހަވާރު 5:00 ގައި ގަލޮޅު ދަނޑުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.