ފްރާންސްގެ ދަށުގައި އޮންނަ ޕެސިފިކް ކަނޑުގެ ރަށްތައް ކަމުގައިވާ ނިއު ކެލެޑޯނިޔާގައި އިއްޔެ ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގައި އެރަށްތަކުގެ ގިނަ މީހުން ފްރާންސުގެ ދަށުން މިނިވަންވުމަށް ދެކޮޅުހަދައިފިއެވެ.
ވޯޓުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުގައި ވޯޓުލީ މީހުންގެ %56.4 ބޭނުން ވަނީ އެރަށްތައް ފްރާންސުގެ ބައެެއްގެ ގޮތުގައި އޮންނާށެވެ. މިނިވަންވެ ވަކި ގައުުމަކަށް ވުމަށް ތާއީދުކުރީ %43.6 މީހުންނެވެ.
ޕެސިފިކް ކަނޑުގައި، ފްރާންސާ 18 ހާސް ކިލޯމީޓަރު ދުރުގައި އޮންނަ ނިއު ކެލެޑޯނިއަކީ ދުނިޔޭގައި ހުރިކަން އެނގޭ ނިކެލްގެ ހަތަރުބައިކުޅަ އެއްބަައި ހުރި ގައުމެވެ. ނިކެލްއަކީ އިލެކްޓްރޯނިކްގެ ސިނާއަތުގައި މުހިއްމު މާއްދާއެކެވެ. އަދި ނިއު ކެލެޑޯނިޔާއަކީ ފަރަންސޭސިންނަށް ޕެސިފިކްގައި އެމީހުންގެ ފައިހަރުކޮށްލަން ލިބިފައިވާ އިސްތިރާތީޖީ މަރުކަޒެކެވެ.
18 ހާސް އަކަކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ނިއު ކެލެޑޯނިޔާގެ 278500 ގެ އާބާދީގައި ތިބި ވޯޓުލުމުގެ ހައްގު ލިބިގެންވާ 174000 މީހުންގެ %80 އިއްޔެ ވޯޓުލާފައި ވެއެެވެ.
ވޯޓުގެ ނަތީޖާއަށް ފަހު ވާހަކަފުޅުދައްކަވަަމުން ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ވިދާޅުވި ގޮތުގައި ނިއު ކެެލެޑޯނިޔާގެ ގިނަ މީހުން ބޭނުންވަނީ އެ ރަށްތައް ފްރާންސުގެ ބައެއްގެ ގޮތުގައި އޮތުމަށެވެ. "ވޯޓުލާ މީހުންނަށް، ހުރިހާ ހަގީގަތެއް އެނގި ތިބެ، ފްރާންސާއި ނިއު ކެލެޑޯނިޔާއާއި ދެމެދު އޮތް ގުޅުމަށް ބަލައި، މިނިވަންކަމާއެކު ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ދެވުނު. މި ތާރީޚީ ފިޔަވަޅު އަހަރުމެންނަށް އެކުގައި އެޅުނުކަމަށްޓަކައި އަހަރެން ފަޚުރުވެރިވަން." ރިޔާސީ ގަނޑުވަރު އެލީޒޭ ޕެލެސްއިން ނެރުނު ބަޔާނެއްގައި ރައީސު މެކްރޯން ވިދާޅުވެފައި ވެއެވެ.
އިއްޔެ ނިއު ކެލެޑޯނިޔާގައި ލެވުނު ވޯޓަކީ 1977 ވަނަ އަަހަރު ފްރާންސުގެ ދަށުން މިނިވަން ވާން އެފްރިކާގެ ޖިބޯޓީ ވޯޓުލީފަހުން ފަަރާންސުގެ ދަށުގައި އޮތް ސަރަހައްދެގައި ލެވުނު މިފަދަ ފުރަތަމަ ވޯޓެވެ.
ނިއު ކެލެޑޯނިޔާއަކީ 1853 ވަނަ އަހަރުއްސުރެ ފްރާންސުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ 1980ގެ އަހަރުތަކައި ފްރާންސާ ދެކޮޅަށް ހިނގި ހަމަނުޖެހުންތަކަށް ފަހު 1988 ވަނަ އަހަރު އެކުލަވާލެވުނު އެއްބަަސްވުމުުގައި 2018 ނިމުމުގެ ކުރިން މިނިވަންކަމާ ގުޅޭ ވޯޓެއް ލުމަށް އެއްބަސްވެފައިވެއެވެ. އަދި 2022 ގެ ކުރިން މިފަދަ އެެހެން ވޯޓެއް ލުމަށްވެސް ނިންމާފައި ވެއެވެ.