ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ- އިމްރާން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ކޯލިޝަނުން ދޭންޖެހޭނެ ކަމަށް ޖަލުން މިނިވަން ވެފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އަދާލަތު ޕާޓީގެ އޮފީހުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިމްރާން ވިދާޅުވީ ކޯލިޝަނުން ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކާމިޔާބު ކުރުން މުހިންމު ކަމަށެވެ. އަދި ކޯލިޝަނެއްގައި މަސައްކަތް ކުރާއިރު ތަފާތު ވިސްނުންތަކާއި ޚިޔާލުތައް ހުރިނަމަވެސް ހުރިހާ މީހުންވެސް އެކުގައި ތިބެންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓޭނަމަ މިފަހަރު ދެމެހެއްޓޭނެ ކަމަށާއި ކޯލިޝަނުން ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުޙަންމަދު ސޯލިޙްއަކީ ކޯލިޝަން ރޫޅުނަނުދީ ކޯލިޝަން ދެމެހެއްޓޭނެ ވެރިޔަކަށް ވާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އިމްރާން ވިދާޅުވީ ކޯލިޝަނުގައި ތިބީ ހަތަރު ފިކުރެއްގެ މީހުން ކަމަށެވެ.

އެހެންވެ މަސައްކަތް ކުރިޔަށް ދާންޖެހޭނީވެސް އެ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ. އިމްރާން ވަނީ އޭނާ ޖަލު ޙުކުމުގައި ހުންނެވިއިރު އޭނާއަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.