ރައީސް މުޙައްމަދު ނަޝީދު މާލެ ވަޑައިގެން ޚާއްސަ ޚިތާބެއް ދެއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން ރީފްސައިޑު ކަންމަތި ހިސާބުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތައް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނު ޚާއްސަ ޚިތާބެއް ދެއްވާނެ ކަމަށް އިންތި ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޚިތާބު ޚާއްސަވާ ސަބަބާއި އެ ޚިތާބު ޚާއްސަ ކުރައްވަނީ ކޮން ކަމަކަށް ކަމެއް އިމްތިޔާޒު ފަހުމީ ވިދާޅެއް ނުވެއެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ތާރީޚެއް ކަމަށް އެމްޑީޕީން ބުނެފައިވަނީ ނޮވެމްބަރު އެއްވަނަ ދުވަހެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޙަރަކާތްތަކެއް އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެމަނިކުފާނު ހުޅުލެއިން މާލެ ވަޑައިގަންނަވާނީ ކަނޑުމަގުން ކަމަށާއި، ކަނޑުމަތިން ވެސް އެމަނިކުފާނަށް މަރުޙާބާ ދެންނެވުމުގެ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދަށް މަރުޙަބާ ދަންނަވާނީ އެންމެ މަތީފެންވަރުގައި އެންމެ ފުރިހަމަ ގޮތުގައި ކަމަށެވެ. އެ އިންތިޒާމް އެމްޑީޕީން ހަމަޖައްސަވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދު މާލެ މި ވަޑައިގަންނަވަނީ އެތައް އަހަރެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހުއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިމިގަންނަވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރު ކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަނަވަން ނިންމެވުމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރައީސް ނަޝީދު ބަލައި ސްރީލަންކާއަށް ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގަންނަވާނީ އެ ދެބޭފުޅުން އެކީގައެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށްފަހު ނޮވެމްނަރު 3 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ތިމަންނާ އަކީ މާތް މީހެކޭ. ތިމަންނާ ބުނާގޮތަކަށޭ އިބޫ އުޅެން ޖެހޭނީ