ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަދިވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގަނެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަ ޕަކްސާގެ އަނިޔާވެރިކަމާއި ކޮރަޕްޝަން ބޮޑުވެ ލަންކާގެ ރައްޔިތުން ނުކުމެ އޭނާ ވެރިކަމުން ދުރުކުރި ކަމަށެވެ. އެހެންނަމަވެސް ކުޑަ ސަހަރަކުން މަޖިލީހަށް ވަޑައިގެން ބަރުލަމާނީ ނިޒާމުގެ ތެރެއިން މިހާރުވަނީ ވެރިކަމަށް ވަޑައިގެންފައި ކަމަށެވެ. އެފުރުސަތު ރައީސް ޔާމީނަށް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވައި ކުރެއްވިޔަސް އަދި ވެރިކަމުގައި ދެމިހުރެވޭނެ ކަމެއް ކަށަވަރެއް ނުވެއެވެ. އެއީ ޕާލަމެންޓުގައި ގޮނޑި މަދު ކަމުންނެވެ. ރައީސް ސިރިސޭނާއި ރާޖަޕަކްސާ އާ ދެބޭފުޅުން ގުޅިވަޑައިގެންނެވުމުން ހަމަވަނީ 95 ގޮނޑިއެވެ. އެހެންނަމަވެސް ރާޖަޕަކްސާ މިހާރުވަނީ ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވައިފައެވެ. އޭނާ ހުވައި ކުރެއްވުމުން ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ރާޖަޕަކްސަގެ އަނިޔާއާއި ކޮރަޕްޝަން ބޮޑުވެގެން ސިލޯނު މީހުން ނުކުމެ ބޮޑުތަނުން ބޭރުކޮށްލީމައި ކުޑަ ސަހަރަކުން މަޖިލީހަށްވަދެ ބަރުލަމާނީ ނިޒާމްގެ ތެރެއިން އެ ނެގީ ޤައުމުގެ ވެރިކަން. ޔާމީން ފ. އަތޮޅުން މަޖިލީހަށް ހޮވިގެން އަދި ގައުމުގެ ވެރިކަމަށް އާދެވިދާނެ،" ކަމަށެވެ.
ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވެ ވަޑައިގެންނެވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްދު ސާލިހާ ވާދަކުރައްވައި 38 ހާސް ވޯޓުގެ ތަފާތަކުންނެވެ.
ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ރިޝްވަތު ހިފައި އިންތިޚާބު ގަޑުބަޑު ކުރައްވައިފައިވާތީ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލް ކުރެއްވުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް އެ މައްސަލަ ނިމިގެންދިޔައީ ރައީސް ޔާމީނާ ދެކޮޅަށެވެ.