ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާތާ ފުރަތަމަ ސަތޭކަ ދުވަސް ތެރޭގައި އަބުރުގެ ގާނޫނު އުވާލައި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާތަކާ ބައްދަލު ކުރެއްވުމުގެ ސިލްސިލާގެ ތެރެއިން އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ސަންގު ޓީވީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވީ މިހާރު އޮތް އަބުރުގެ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިފައިވާ ހިޔަންޏެއް ކަމަށެވެ. އަދި ދިވެހި ނޫސްވެރިން މިހާރު މަސައްކަތް ކުރަންޖެހިފައި ވަނީ ކިހިނެތްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި މުހިންމު އެއްޗެއްކަން ފާހަގަ ކުރެއްވިއެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ނޫސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ އެފަދަ ހުރަސްތައް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ޙައްލުކޮށް ދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިން ވާންޖެހޭނީ ދެފަރާތުގެ ވާހަކަވެސް ގެނެސްދޭ ބަޔަކަށް ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށްވެސް ދޭ ބަޔަކަށް ނޫސްވެރިން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އިބްރާހިމް މުޙަންމަދު ސޯލިޙަކީ މީގެކުރިން މީޑިޔާގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.