އެޗުޑީސީގެ މުދާތަކެއް ގެންދަން އުޅެނިކޮށް އަތުލައިގެންފި

އެޗުޑީސީގެ މުދާތަކެއް ދޯންޏަކަށް އަރުވައިގެން ގެންދަން އުޅެނިކޮށް މިއަދު އަތުލައިގެންފިއެވެ.

އެޗުޑީސީގެ އިސް ބޭފުޅަކު ވިދާޅުވީ ދޯންޏަކަށް އަރުވައިގެން ގެންދަން އުޅުނީ ރައީސް ޔާމީންގެ ކެމްޕޭނުގައި ބެނާފަދަ ތަކެތި ދެމުމަށް ބޭނުންކުރި ދަގަނޑު ހޮޅިތަކެއް ކަމަށެވެ.

"އެތަކެތި ދޯންޏަކަށް އަރުވައިގެން ގެންދަން އުޅޭކަމުގެ ޚަބަރު ލިބުނީ އާންމުންގެ ފަރާތުން. އެމައުލޫމާތު ލިބިގެން އަޅުގަނޑުމެން ފުލުހުންނަށް ގުޅައިގެން ފުލުހުން މެދުވެރިކޮށް އެކަންހުއްޓުވީ. އެ ތަކެތި ގެންދަން އުޅުނީ އެޗުޑީސީގެ މުވައްޒަފުންތަކެއް. އެހެންނަމަވެސް އެ ގެންދަން އުޅުނީ ކޮންތަކަށް ކަމެއް އަދި ނޭނގޭ،" އާފަތިހަށް މައުލޫމާތު ދެއްވި ބޭފުޅުޅާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދޯންޏަށް އަރުވައިގެން ގެންދަން އުޅުނީ ކިތައް ހޮޅިކަމެއް އަދި ކަށަވަރު ނުވާކަމަށެވެ. އެހެންވެ އެޗުޑީސީގެ އިތުރަށް ފުލުހުން ވެސް މިހާރު ގެންދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

"އަޅުގަނޑުމެން މިހާރު މިގެންދަނީ އިންޓަރނަލް އޮޑިޓެއް ހަދަދަމުން. އެ އޮޑިޓު ނިމުމުން އެނގޭނީ މަދުވެފައިވަނީ ކިހާރަކަށް ކަމެއް،" އޭނާ ވިދާޅުވިއެވެ.
މިއަދު ގެންދަންއުޅުނު ސާމާނު އަތުލުމަށްފަހު މިހާރުވަނީ ޕްރޮކިޔުމެންޓާ ހަވާލުކޮށްފައެވެ. އެތަނުން އެއްވެސް އެއްޗެއް ކުރިން ގެންގޮސްފައިވާކަމެއް އަދި ކަށަވަރު ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހުރިހާ ކަމެއް ސާފުވާނީ ތަހުގީގަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. "އެ އެއްޗެއްސަކީ ބޭނުންކޮށްފައި ސްޓޮކާ ހަވާލު ނުކޮށްހުރިއެއްޗެއް. މިއަދު ހަވީރު އެ އެއްޗެހި ގެންދަން އުޅުނީ. އަޅުގަނޑުމެން މިބަލަނީ ކިހާވަރެއްތޯ ގެންދިޔައީ. ކިހާވަރެއްތޯ މަދުވެފައިހުރީ،" އެޗުޑީސީން މައުލޫމާޔު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.