ދެކުނަށް ވައިޓް އެލާޓް ނެރެފި

ވިއްސާރަވެ ވައިގަދަވާނެ ކަމުގެ އިންޒާރުދީ ދެކުނުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ދ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަކަށެވެ. މިއަދު ހެނދުނު 8:15 އިން ފެށިގެން 13:15 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ އާންމުގޮތެއްގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ދެކުނާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަކޮށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.