ރައީސް ޔާމީނާއެކު ދެމިހުންނާނަން: އަދުރޭ

ކުރިއަށްއޮތްތާގައި ވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ދެމިހުންނަވާނެ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލީސް މެންބަރު އަބްދުރައްހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް ވިދާޅުވެފައިވަނީ ސިޔާސީ ދާއިރާއަށް ވެންނެވި ހިސާބުން ފެށިގެން އަދާ ހަމައަށް ހުންނެވީ ސިޔާސީ ގޮތުން އެއް ފިކުރެއްގައި ކަމަށެވެ. އޭނާގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއްފިކުރެއްގައި ހުންނެވުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އަބްދުރައްހީމް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ފިކުރު ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިހެކޭ އެއްގޮތަށް މިއަދު ވެސް ހުންނެވީ ރައީސް ޔާމީން އަރިހު ސާބުތުވެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމަކީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ރަށްރަށަށް ވަޑައިގެން ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސަށް ކެމްޕޭން ކޮށްދެއްވުމަށް އޭނާ ވަޑައިނުގަންނަވާ ރަށެއް ރާއްޖޭގައި މަދުވާނެއެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވަނީ އިބްރާހީމް މުހައްމަދު ސާލިހުއާ ވާދަކޮށް ބޮޑުތަފާތަކުން ބަލިވެފައެވެ.

ރައީސް ޔާމީން ވަނީ މި ބަލި ގަބޫލު ކުރައްވައިފައެވެ. އެހެންނަމަވެސް ޕީޕީއެމާއި ރައީސް ޔާމީން ފަހުން ތުހުމަތު ކުރައްވަމުން ގެންދަވަނީ ވޯޓުގެ ނަތީޖާ އޮޅުވައިލައިފައިވާ ކަމަށެވެ. އެހެންކަމުން އެއީ ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށާއި އެކަން ހިނގައިދިޔަގޮތް ސާފުކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވަން ޖެހޭނެ ކަމަށް ޕީޕީއެމުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ނިމިގެންދިޔައީ ދެފުން ފެންނަ ގޮތަށް ރަނގަޅަށް ކަމަށެވެ. އިންތިޚާބަށް ފަހު އަންނަމުންދާ ޝަކުވާތަކަށް ބަލާއިރު ނަތީޖާއަށް އެއްވެސް ބަދަލެއް އަންނަވަރުގެ ކަމެއްނެތް ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.