މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ އަނބިކަނބަލުން ރޯޒްމާ މަންސޫގެ މައްޗަށް މަނީ ލޯންޑަރިންގއާއި ޓެކުހަށް މަހަރުހެދުމުގެ 17 މައްސަލައެއްގައި މިއަދު ދައުވާ އުުފުލައިފިއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިި ވަނީ މެލޭޝިޔާގެ އެންޓި މަނީ ލޯންޑަރިންގ އެންޑް އެންޓި ޓެރަރިޒަމް ފައިނޭސިންގ އެންޑް ޕްރޮސީޑިންގްސް ފްރޮމް އަންލޯފުލް އެކްޓިވިޓީސް ގާނޫނު (އަމްލާ-2001) ގެ 41 ވަނަ މައްދާގެ ދަށުންނެވެ. އޭނާގެ މައްޗަށް ދައުވާކުރެވޭ މަނީ ލޯންޑަރިންގ މައްސަލަތަކުގައި ޖުމްލަ 7 މިލިއަން ރިންގިޓް (1.68 މިލިއަން އެމެރިކާ ޑޮލަރު) ހިމެނެއެވެ.
މިއީ މެލޭޝިޔާގެ ތަރީޚުގައި ކުރީގެ ބޮޑުވަޒީރެއްގެ އަނބިކަނބަލެެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.
ސެސަންޝް ކޯޓުގެ ފަނޑިޔާރު އަޒުރާ އަލްވީގެ ކުރިފުޅުމަތީގައި ދައުވާތައް އިއްވިއިރު ހިމޭނުން ހުންނަވައި، ދައުވާތައް އުފުލައި ނިމުމުން ރޯޒްމާ ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.
މިއަދު ދައުވާ އުފުލި 17 މައްސަލަ ރޯޒްމާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް 15 އަހަރުގެ ޖަލު ހުކުމަކާއި، ދައުވާ އުފުލި މައްސަލަތަކުގައި ހިމެނޭ ފައިސާގެ ފަސް ގުނައިގެ ޖުރުމާނާއެެއް އަންނާނެއެވެ.
މިއަދު ދައުވާތައް އިއްވުމަށް ފަހު، ޝަރީއަަތުގެ މަޖިލިސް ނިންމާލުމުން، ފަނޑިޔާރު ޝަރިއަތް އޮތް ކޮޓަރިން ނުކުމެވަޑައިނުގަންނަވަނީސް ރޯޒްމާ ވަނީ އެތަނުން ނުކުމެވަޑައިގެންފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައި ވަނީ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އެދުވަހު ކޯޓަށް ހާޒިވުވެވަޑައިގަތުން ޝަރުޠުކޮށް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ 2 މިލިއަން ރިންގިޓަށެވެ. އޭގެ ތެރެއިން 5 ލައްކަ މިއަދު ދައްކައި ބާކީ މި މަހު 11 ގެ ކުރިން ކޯޓަށް ދައްކަން ޖެހެއެވެ. ކަފާލާތުގެ ދަށުން ދޫކޮށްލިއިރު ފަނޑިޔާރު އަޒުރާ ވަނީ އެހެން ޝަރުޠެއްވެސް ކަނޑައަޅުއްވާފައެވެ. އެއީ ރޯޒްމާގެ ވަކީލުންގެ ޓީމުން މައްސަަލައިގެ އެެއްވެސް ހެއްކަކާއި، އަދި ހެއްކެއް ކަމަށް ބެލެވިދާނެ އެއްވެސް މީހަކާ ވާހަކަނުދެއްކުމެވެ.
ރޯޒްމާ މަންސޫރާއެކު އޭނާގެ ފިރިކަލުން ނަޖީބު ރައްޒާޤުވެސް މިއަދު ކޯޓަށް ވަޑައިގަތެވެ.
"ދުއާކުރުން އެއްގޮތަކަށްވެސް ދޫކޮށްނުލާތި. އަދި ﷲއާމެދު އޮތް އީމާންކަމުގައި ހިފަހައްޓާތ." މިއަދު ކޯޓަށް ވަޑައިގަތުމުގެ ކުރިން އަނބިކަނބަލުންނަށް ހިތްވަރު ދެއްވަމުން ނަޖީބު އޭނާގެ ފޭސްބުކް ސަފުހާގައި ލިއުއްވާފައި ވެއެވެ.