އެފްއައިޔޫ އިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވުމުގައި އެމްއެމްއޭގެ އެއްވެސް ދައުރެއް ނޯންނަ ކަމަށް އެމްއެމްއޭ އިން ބުނެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް ،އެފްއައިޔޫ އިން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވުމުގައި އެ އޮތޯރިޓީގެ އެއްވެސް ދައުރެއް ނޯންނަ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ. އެމްއެމްއޭ އިން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްއެމްއޭގެ ފަރާތުން ވަނީ ބަޔާނެއް އިއްވާފައެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފްއައިޔޫ ހިންގުމާ ގުޅޭ ގޮތުން އެ އޮތޯރިޓިގެ ދައުރަކީ "އެ ޔުނިޓް ހިންގުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސައިދިނުމާއި ޔުނިޓްގެ އިސްވެރިޔާ އާއި އެހެނިހެން މުއައްޒަފުން އައްޔަން ކުރުމާއި އެ ޔުނިޓުގެ ހިންގުމުގެ އިދާރީ ކަންކަން ފަހިކޮށްދިނުމެވެ. އޭގެ އިތުރުން ގާނޫނުގައި ކަނޑައެޅިގެން އެހެން ފަރާތަކުން ހެދުމަށް ބަޔާންކޮށްފައިވާ ގަވައިދެއް ފިޔަވާ އެހެން ގަވައިދުތައް ހަދާ ހިންގުން. އެ ޔުނިޓްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނެ ފަރާތަކީ ސީދާ އެޔުނިޓުން ކަން ގާނޫނެގެ 30ވަނަ މާއްދާގައި ވަނީ ކަނޑައަޅާފައި" ކަމަށެވެ. އެހެންކަމުން އެޔުނިޓުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ފޮނުވާނީ ސީދާ އެޔުނިޓުން ކަމަށް އެ އޮތޯރިޓީ އިން އިއްވި ބަޔާނުގައި ބުނެއެވެ.

އެމްއެމްއޭ އިން މިއަދު މީޑިއާ އާއި ބައްދަލުކުރެއްވާފައި މިވަނީ އެފްއައިޔޫ އިން އެކްޓިން ޕޮލިސް ކޮމިޝަނަރަށް ފޮނުވި ސިޓީގައި ހުރި ވާހަކައިން ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ޚިލާފުވެފައިވާ އެއްވެސް ކަމެއް އެނެގެން ނެތުމުން ފުލުސްއޮފީހުން އެސިޓީ އަނބުރާ ނަގާފައިވާ ކަމަށް ގަވަރނަރ ވިދާޅުވިކަމަށް ބުނެ ރައީސްއޮފީހުގެ ތަރުޖަމާނު މިއަދު ޓުވީޓުކުރައްވާފައިވަނިކޮށެވެ. އެމްއެމްއޭގެ ފަރާތުން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށް ވެސް މުޢާޒުގެ ޓުވީޓުގައިވެއެވެ.

 

މި ބައްދަލުވުމުގައި އެފްއައިޔޫގެ ފަރާތުން ހިއްސާ ކުރަން ބޭނުންވީ މައުލޫމާތު ވެސް ވަނީ އިއްވާފައެވެ. އެޔުނިޓުން މިހާތަނަށް 137 ރިޕޯޓެއް ދިވެހިރާއްޖޭގެ ތަހުގީގީ އިދާރާ ތަކާއި ހިއްސާކުރެވިފައިވާ ކަމަށާއި މިހާތަނަށް ތަހުގިގީ އަދި ތަންފީޒީ އިދާރާ ތަކާއި ހިއްސާ ކުރި އެއްވެސް ސިޓީ އެއް، ރިޕޯޓެއް، އަދި މިފަދަ އެއްވެސް މައުލޫމާތެއް އަނބުރާ ގެނެސްފައިނުވާނެ ކަމަށް އެބަޔާނުގައި ވެއެވެ.

ތިރިގައި އެވަނީ އެފްއައިޔޫގެ ބަޔާނެވެ.  

"އެފް އައި ޔޫ އަކީ ގާނޫން ނަންބަރު 10/2014 މަނީ ލޯންޑްރިން އެންޑް ޓެރަރިޒަމް އަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ  ގާނޫނުގެ 27 ވަނަ މާއްދާ ގެ ދަށުން ދަށުން އުފެދިފައިވާ ޔުނިޓެކެވެ. މި ޔުނިޓަކީ މަނީ ލޯންޑްރިންގެ ހަރަކާތްތަކާއި ޓެރަރިޒަމް އަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލުމާތު ހޯދާ ދިރާސާކޮށް ތަހުގީގީ އދި ތަންފިޒީ އިދާރާތަކަށް ފޯރުކޮށްދޭ ތގައުމީ މައި އިދާރާ އެވެ. މިގޮތުން މިޔުނިޓުން ތަހުގީގީ އިދާރާތަކާއި ތަންފީޒީ އިދާރާތަކަށް ފޮނުވޭ މައުލޫމާތު ގާނޫން ނަންބަރު 10/2014އިގެ 37 ވަނާ މާއްދާ ގައި ވާ ގޮތުން އޭގެ އެންމެ ނަޒާހަތްތެރިގޮތުގަިއ ބަލަހައްޓާ ހުއްދަ ނެތި ތިންވަނަ ފަރާތަކާ ހިއްސާ ނުކޮސް ތަހުގިގު ތަކގުައި އެ އިދާރާތަކުން ބޭނުންކރުުމަކީ ދެންނެވުނު ގާނޫނުން ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ވެސް ލާޒިމް ކުރާ ކަމެއް ކަމުގައި ދެކެމެވެ. އަދި މި ޔުނިޓާ ހަވާލުކޮށްފައިވާ  މަސައްކަތްތަކާ ޒިންމާތައް އުފުލުމުގައި ޕްރޮފެޝަނަަލް އެންމެ މަތީ މިންގަނޑުގައި ދެމިތިބެނެ ކަމުގައި ދަންނަވަން. މިގޮތުން މި ގާނޫން ވުޖޫދަށް އައުމާ އެކު މި ގާނޫނުގެ ދަށުން މި ޔުނިޓުން މިއަދާ ހަމައަށް 137 ރިޕޯޓެއް ދިވެހިރާއްޖގެ އެކިއެކި ތަހުގީގީ އިދާރާ ތަކާއި ހިއްސާކުރެވިފައިވާނެ، އަދި މިޔުނިޓުން މިހާތަނަށް ތަހުގީގީ އިދާރާއަކާ ހިއްސާ ކުރި އެއްވެސް ސިޓީ އެއް، ރިޕޯތެއް އަދި މިފަދަ އެއްވެސް މައުލޫމާތެއް އަނބުރައި ގެނެސްފަިއ ނުވާނެ ވާހަކަ އާއްމުންގެ މައުލޫމާތަށްތައކައި ދެންނެވީމެވެ."

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.