އެނބުރޭ ވަހުތާން (23)

(13 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އަނބުރައިލި ގޯޅި ކަންމަތީގައި ބޮޑު ވަޅުގަނޑެއް އޮތެވެ. ވުމާއެކު ކާރުގެ ދުވެލި މަޑުކޮށްލައިފައި ވަޅުގަނޑުން ނައްޓައިލިއެވެ. އެވަގުތު ކުރިމަތިން ޖިޕެއް އަންނާތީ ފެނުނެވެ. އެކަމަކު ހާސްވާން ޖެހޭ ކަމެއް ނެތެވެ. މަގުގައި ފުދޭ ވަރަށް ތަން އޮތެވެ. ދެ ސަވާރީއަށް ރަނގަޅަށް ދެވޭނެއެވެ. އެހެންނަމަވެސް ކަންތައް ހިނގައިދިޔައީ ހީކުރި ގޮތާ މުޅިން އިދިކޮޅަށެވެ. ޖިޕް ދުއްވަމުން އައި މީހާ ކުއްލިއަކަށް ހާސް ވެއްޖެއެވެ. ބުރެކި ޖެއްސޭތޯ މަސައްކަތް ކުރިއެވެ. ފައިއަޅާ އޮބައިލެވުނީ ރޭހަށެވެ. ޖީޕް ކުއްލިއަކަށް ފުރިހަމަ ބާރާއެކު ދުއްވައިގެންފިއެވެ. ރޫފީއަށް އެއްފަރާތް ވާނޭ ވަގުތެއް ނުލިބުނެވެ. ދޭތި އައިސް ވަރަށް ބާރަށް ޖެހިއްޖެއެވެ.

ޖީޕް ދުއްވަން އިން މީހާ އަވަސް އަވަހަށް ފައިބައިފިއެވެ. އޭނާއަކަށް އެއްވެސް ކަމެއް ނުވެއެވެ. ރޫފީގެ ކާރު ވަރަށް ބޮޑަށް ހަލާކު ވެއްޖެއެވެ. އޭނާއަށް ކާރުން ބޭރަށް ނުކުމެވޭކަށް ވެސް ނެތެވެ. ހުންގާނުގެ ދަގަނޑު ނުކުމެގެން އައިސް ހުރީ އޭނާގެ މެޔަށް ވަދެފައެވެ.

އިޤްބާލް އަޙްމަދު ކާރުގައި އެހެން ހުރަސް ކުރިއިރު އެތަނަށް މީހުން އެއްވެފައި އޮތެވެ. އެ މީހުން ތިބީ އެމްބިއުލަންސަށް އިންތިޒާރު ކޮށްގެންނެވެ. އެ ދުވަހަކީ އިޤްބާލަށް މާ ރަނގަޅު ދުވަހަކަށް ނުވިއެވެ. ކުރީ ރޭ އެއް ގޮތަކަށްވެސް ނުނިދުނެވެ. އިރު އަރަންދެން އޮތީ ހޭލައެވެ. ލޮލު ފިޔައެއް ޖެހުނީ ހެނދުނުއެވެ. ދެ ގަޑިއެއްހައި އިރު ނިދައިފައި ތެދުވެ އޭނާ ފަރުޒާނާގެ ކައިވެންޏަށް ދާން ތައްޔާރު ވާން ފަށައިފިއެވެ. އޮފީހުގައި މުހިންމު ލިޔުންތަކެއް ބަހައްޓާފައި އާދެވުނު ހަނދާންވީ ދެނެވެ. އޭނާއަށް ރޫފީގެ އެކްސިޑެންޓް ހިނގި ތަނާ ދިމާވީ އޭނާ އޮފީހަށް ގޮސްފައި އެނބުރި އައި މަގުމަތީގައެވެ. އޭރު އޭނާ ގަސްތު ކޮށްގެން ހުރީ ކާވެންޏަށް ނުދާށެވެ. އަމިއްލައަށް މާ ރަނގަޅު މީހެއް ކަމަށް ހެދެން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތެވެ.

އެ ތާނގައި މީހުން އެއްވެފައި ވާތީ ފެނިގެން އޭނާ މަގުގެ އެއްފަރާތަށް ކާރު މަޑުކޮށްފައި ފައިބައިފިއެވެ. ރޫފީގެ ފުރާނަ ނެތް މަސްގަނޑު ވަނީ ހުދު ފޮތިގަނޑަކުން ނިވައި ކޮށްފައެވެ. އިޤްބާލް މީހުންތަކުގެ ތެރެއަށް ވަދެއްޖެއެވެ. ފޮތިގަނޑުގެ ދަށުގައިވާ ހަށިގަނޑަށް އެއްވެސް ކަހަލަ އެހީއެއް ބޭނުން ނޫންކަން އެނގެއެވެ. ކީއްވެގެން، ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އިޤްބާލު ފޮތިގަނޑުގެ އެއް ކަނުގައި ހިފައި ހިއްލައިލިއެވެ. އެމީހާގެ މޫނު ފެނުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. އެއީ ރޫފީއެވެ. ޑްރީމް ކްލަބްގެ މިއުޒިކް ގްރޫޕްގެ އިސްމީހާއެވެ. ޕިޔާނާ ޖަހާ މީހާއެވެ. އޭނާގެ ލޯބިވެރިޔާ ޖަހައިގަތް ނަޞީރު އަރުޝަދުގެ އެންމެ ގާތް ރަޙްމަތްތެރިޔާ ރޫފީއެވެ. ރޫފީއަށް މިޙާދިސާ ދިމާވީ ނަޞީރުގެ ކައިވެންޏަށް ދިޔަ މަގުމަތީގައި ކަން ކަށަވަރެވެ. 

   

"ކާރު ދުއްވީ އަމަލުވެފައި ހުރެގެން ކަން ނޭނގެ- އަނގައިން ރާވަސް އެބަ ދުވާ-" އެތަނުން އެކަކު ބުނެލިއެވެ.

"ޖީޕް ދުއްވި މީހާ ކިހިނެއްބާ-؟ އަނެއްކާ އޭނާއަކަށް އެއްވެސް އަނިޔާއެއް ނުވޭތަ-؟" އެހެން މީހަކު ދުވާރު މަތީގައި އިށީނދެގެން ބޮލުގައި ދެ އަތުން ހިފަހައްޓައިގެން ހުރި ޒުވާނާއާ ދިމާއަށް ބަލައިލިއެވެ.

"އަހަރެން... އަހަރެން މި މިީހާ ދަންނަން-" އިޤްބާލް ރޫފީގެ މަސްގަނޑާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. މިހާރުވެސް އިޤްބާލް ތުރުތުރު އަޅަނީއެވެ. "އޭނާގެ ނަމަކީ ރޫފީ- ޑްރީމް ކްލަބްގައި ޕިޔާނާ ޖަހާ މީހެއް- ބަޔަކު މިހާރުވެސް އޭނާއަށް އިންތިޒާރު ކުރާނެ- އެމީހުންނަށް އަންގަންވާނެ- އަހަރެން މިދަނީ އަންގަން-"

އެތަނުން މީހަކު ވަރަށް ފުންކޮށް އޭނާއާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ބޭފުޅާގެ ޙާލުކޮޅު އަނެއްކާ ރަނގަޅުތޯ-؟"

"އާނ- އަހަރެންގެ ޙާލު ރަނގަޅު-" އިޤްބާލް މިހެން ބުނެފައި ކާރާ ދިމާއަށް ހިނގައިގެންފިއެވެ.

   

* * *

   

ނަވީން އުޅެނީ ފަރުޒާނާ ނަލަ ހައްދާށެވެ. ސަލްމާ އޭނާއާއި އެހީވާން އުޅެއެވެ. އެންމެ ފުރަތަމަ ކާރުގެ އަޑު އިވުނީ ނަވީން އަށެވެ. "އެއީ ކާކު...؟"

"މިގެއަށް އެކަކުވެސް އަންނާކަށް ނެތް-" ފަރުޒާނާ ޖަވާބުދިނެވެ. "އެންމެންވެސް ދާން ހަމަޖެހިފައި އޮތީ ކްރިސްޓަލް ހޯލަށް-"

ނަވީން އެނދުން ފައިބައިގެން ގޮސް ކުޑަދޮރުގެ ފޮތިގަނޑު ހިއްލައިލިއެވެ. "އޮހޮހޯ... ނާކާމިޔާބު ލޯބިވެރިޔާ- ކަލޭގެ އިޤްބާލް އަޙްމަދު-"

"އޭނާ އަހަރެންގެ އިޤްބާލަށް ވާންވީ ކީއްވެގެން-" ފަރުޒާނާ ދެލޯ ބޮޑުކޮށްލިއެވެ. "ކަލޭ ބޭނުމިއްޔާ ވޭތޯ ބަލާ-"

"އަހަންނެއް ނޫޅެން-" ނަވީން މޫނު ކުނިކޮށް ލިއެވެ.

"މަންމަ އޭނާޔާ ކޮންމެވެސް ކަމެއް ޙަވާލު ކުރީ ކަމަށް ވެދާނެ-" ފަރުޒާނާ ބުންޏެވެ.

"ނޫން-" ނަވީން ބޯ ހޫރައިލިއެވެ. "ކަލޭގެ ގައިގައި ހުންނަ ބާރު ކަލެއަށް ވަޒަން ނުކުރެވެނީ-"

"ކީކޭ-؟" ފަރުޒާނާ އަނެއްކާވެސް ދެލޯ ބޮޑު ކޮށްލިއެވެ.

"އެއްޗެކޭ ނޫން- އަޅާނުލާ-" ނަވީން އެނބުރި އައިސް އެނދުގައި އިށީނދެއްޖެއެވެ.

"އާނ- ނިމުނީ- އަހަރެންވެސް ހެދުން ބަދަލު ކޮށްލާނަން-"

ފަރުޒާނާ ތައްޔާރުކޮށް ނިމިއްޖެއެވެ.

އެ ވަގުތު ދޮރުގައި ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ. ބޭރުން އިވުނީ ނަޖުމާގެ އަޑެވެ. "ފަރުޒާނާ- އިރުކޮޅަކަށް ބޭރަށް ޖެހިލަބަލަ- ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ-"

ތިން މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. "ހިތްވަރާއެކު ވާހަކަދައްކާތި- ބުނޭ ނަޞީރު ގައިގައި ހުންނަ ފިރިހެން ގޮތެއް އިޤްބާލެއްގެ ނުހުރެއޭ-" ނަވީން މަޝްވަރާ ދިނެވެ.

"އަންނާނަން-" މިހެން ބުނެފައި ފަރުޒާނާ ކޮޓަރިން ނުކުމެއްޖެއެވެ. ބޭރުގައި ނަޖުމާ ހުއްޓެވެ. "މަންމާ- ކިހިނެއްވީ-؟"

ނަޖުމާ އޭނާގެ އަތުގައި ހިފައިގެން ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ. "ހިނގާ ތިރިއަށް- ވަރަށް މުހިންމު ވާހަކައެއް-"

ފަރުޒާނާ ހުއްޓިއްޖެއެވެ. "މަންމާ- ކިހިނެއްވީ-؟ ބުނެބަލަ-" މަންމަގެ މޫނުމަތިން ފެންނަ ކުލަވަރަކުން އޭނާ ބިރުގަތީއެވެ. "މާ ނުބައި ޚަބަރެއްތަ-؟"

"އާނ- އެކަމަކު ކަލެއަކަށް ނޫން- އެހެންވިޔަސް ވަކި ގޮތެއް ނިންމަން ޖެހޭނީ ކަލެއަށް- ހިނގާ- ކަލޭގެ ބައްޕަ ވާހަކަ ދައްކަވާނެ-"

ފަރުޒާނާ އަނބުރައިގަންނަ ގޮތްވާން ފަށައިފިއެވެ. އޭނާ ދިޔައީ ފާރުގައި ހިފަހައްޓަމުންނެވެ. "ނަޞީރު...؟"

"އޭނާއަކަށް ކަމެއް ނުވޭ-"

ދެން... ކިހިނެއްވީ-؟" އަނެއްކާވެސް ފަރުޒާނާ އަހައިލިއެވެ.

"ތިރިއަށް ހިނގާ-" ނަޖުމާ އޭނާ އަތުލަފި ކޮށްގެން ސިޑިއާ ދިމާއަށް ހިނގައިގެންފިއެވެ.

ބޮޑު ކޮޓަރި ތެރޭގައި ޔޫސުފު މަލިކާއި އިޤްބާލާ ދެމީހުން ތިއްބެވެ. މުޅިން ހިމޭނުންނެވެ. ކޮޅަށެވެ. ދެމީހުންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިފައި ފަރުޒާނާގެ ހިތަށް ބިރުވެރިކަން ވެރިވާން ފަށައިފިއެވެ. ޔޫސުފު މަލިކު އަވަސް އަވަހަށް އައިސް ފަރުޒާނާގެ އަތުގައި ހިފަހައްޓައިލިއެވެ. "ދަރިފުޅާ- އިޤްބާލު އައީ ވަރށް ހިތާމަވެރި ޚަބަރަކާއިގެން-"

"ނަޞީރު...؟" ފަރުޒާނާއަށް ކުއްލިއަކަށް އަހައިލެވުނެވެ.

"ނަޞީރެއް ނޫން-" ޔޫސުފު މަލިކު ޖަވާބު ދިނެވެ. "ރޫފީ-"

ފަރުޒާނާގެ ހިތް ހަމަ ޖެހިއްޖެއެވެ. "ކިހިނެއްވީތޯ-؟" އޭނާ އަހައިލިއެވެ. ހިތްހަމަ ޖައްސައިލެވުނީތީ ލަދުވެސްގަތެވެ.

"އޭނާގެ ކާރު އެކްސިޑެންޓްވީ-" އިޤްބާލު ކިޔައިދިނެވެ. "އަހަންނަށް އެހިސާބަށް ދެވުނު އިރު އޭނާ މަރުވެއްޖެ-"

"ޔާރައްބީ... ޔާރައްބީ..." ފަރުޒާނާއަށް ކިޔައިލެވުނެވެ. އެކަމަކު އޭނާއެއް މިހާރަކު ހާހެއް ނުވެއެވެ. ނަޞީރަށް އެއްވެސް ކަމެއް ނުވާތީއެވެ. އޭނާ ހުރީ ސަލާމަތުންނެވެ.

"ކާވެނި ޖެހޭނީ ފަސް ކޮށްލަން-" ނަޖުމާ ބުންޏެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.