ގައުމު އަލުން އެއްބައިވަންތަ ކުރެވޭނީ ސޯލިޙަކަށް، އެމީހަކީ އިބްރާހިމް މުޙަންމަދު ސޯލިޙް- ޝާހިދު

ރާއްޖޭގެ އިޖުތިމާއީ އެކުވެރިކަން ނެތް ކަމަށާއި ގައުމު މިއަދު މިވަނީ ބައިބައިވެ ކުދިދި ވެފައި ކަމަށާއި ރާއްޖެ ދެން އެއްބައިވަންތަ ކުރެވޭނީ "ސޯލިޙަކަށް" ކަމަށާއި އެމީހަކީ އިދިކޮޅު ކޯލިޝަނުން ނެރެފައިވާ އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

އިބޫގެ އުފަން ރަށް ކަމަށްވާ ޅ. ހިންނަވަރަށް އިބޫ އަރިހުގައި ވަޑައިގެން ރޭ އެރަށުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިބޫއަކީ ވަކި ޕާޓީއެއްގެ ކުލައަށް ބެލުމެއް ނެތި، ގައުމު އެކުވެރިކޮށް، އަލުން އެއްބައިވަންތަކަން ގާއިމް ކުރެވޭނެ ބޭފުޅެއް ކަމަށެވެ. ޝާހިދު ވިދާޅުވީ ގައުމު މިއަދު އޮތް ޙާލަތަކީ ގައުމުގެ އެއްބައިވަންތަ ކަމުގެ މޭގަނޑު ކުދިކުދި ވެފައިވާ ފަދަ ޙާލަތެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ މިވަގުތު ބޭނުން ވަނީ ގައުމު އެކުވެރިކޮށްދީ، ރައްޔިތުންގެ ބައިބައިވެފައި ތިއްބާ އެއްކޮށްދޭނެ ސޯލިޙެއް ކަމަށާއި އެމީހަކީވެސް ހިންނަވަރަށް އުފަން އިބޫ ކަމަށެވެ. އިބޫއަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނީ ހިންނަވަރަށް އުފަން އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.