ތެދުވެރިކަމާއި އަމާނާތްތެރިކަން ދުލެއް ނުކުރާނަން: އިބޫ

ތެދުވެރި ކަމާއި އަމާނާތްތެރި ކަމަކީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދޫކޮށްލާނެ ދެސިފައެއް ނޫން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ވިލިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގެ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގައި އިންސާފު ގާއިމްކުރެއްވުން ކަމަށެވެ. "އަޅުގަނޑުމެންގެ ވެރިކަމުގެ އެންމެ މުހިންމު ސިފައަކަށް ވެގެންދާނީ ތެދުވެރިކަމާއި އަމާނާތްތެރިކަން. އެއީ އަޅުގަނޑުމެން ދޫކޮށްލާނެ ދެސިފައެއްނޫން،" އިބޫ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވަނީ އިންސާފު ގެއްލިފައި ކަމަށާއި އިންސާފު ނުލިބެނީ ހަމައެކަނި ކޯޓުތަކުން ނޫންކަމަށް ވެސް އިބޫ ވިދާޅުވިއެވެ. "ވަޒީފާ ދިނުމުގައާއި ވަޒީފާއިން ޕްރޮމޯޝަން ދިނުމުގައާއި ވަޒީފާއިން ވަކިކުރުމުގައާއި، އަދި ސަރުކާރުން ދޭ ޚިދުމަތައް ދިނުމުގައި ވެސް މިވަނީ އިންސާފުން އެއްކިބާވެފައި،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތް ހިންގުމުގެ ބާރުންވަނީ އަނެއް ދެބާރުގެ މައްޗަށް ވެރިވެގެންފައިކަމަށެވެ. އެބާރުތައް ގޮށްމުށުގެ ތެރެއަށް ލައްވައިވައި ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ޚުދުމުޚުތާރު ވެރިކަމެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އެންމެ ބޮޑުކަމަކަށް ފާހަގަވެގެން ދިޔައީ ރައްޔިތުންގެ މަޖިލީސް ހުއްޓުވުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް މަޖިލީހުގައި ރައްޔިތުން ތަމްސީލް ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލް ނުކުރެވޭނެ އެއްވެސް ހާލަތެއް އޮވެގެނެއް ނުވާނެ. މަޖިލީހުގެ މެމްބަރަކު ވަކިކުރަން ޖެހިއްޖެ ކަމަށް ވަންޏާ ވަކިކުރުމަށްފަހުގައި ރައްޔިތުންނަށް މަޖިލީހުގައި ތަމްސީލްކުރެވޭނެ ގޮތް ހޯއްދަވައިދެއްވަންޖެހޭނެ. އެހެންނަމަވެސް އަހަރު ވެގެންދިޔައިރު ތިޔަބޭފުޅުންގެ އަޑެއް ތިޔަބޭފުޅުންގެ ބަހެއް ތިޔަބޭފުޅުންގެ ވިސްނުންހުރި ގޮތެއް ރައްޔިތުންގެ މަޖިލީހަކު ހާމައެއް ނުކުރެވޭ،" އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.