ދިވެހި ރާއްޖޭގެ މުޅިތާރީޚުގައި ވެސް ބިނާކުރި ފުރަތަމަ ބުރިޖު މިރޭ ހުޅުވައިދެއްވައިފިއެވެ.
މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކޮށްފައިވާ ސިނަމާލެ ބްރިޖު ހުޅުއްވައި ދެއްވީ ރައީސް ޔާމީނާއި ޗައިނާއިން މިކަމަށް ޚާއްސަކޮށް ފޮނުވި މަންދޫބު ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވަންގ ޝިއާއޮތާއޮ އެވެ. ބްރިޖު ރަސްމީކޮށް ހުޅުވިގެންދިޔައީ ބްރިޖުގެ މައިދޮރު ދިއްލައިލުމާއެކުއެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުފަތުރުން ގުޅައިލުމަކީ ހުޅުމާލެ ހިއްކުމަށްފަހު ދިމާވި ގޮންޖެހުމެއް ކަމަށެވެ. އޭރުން ފެށިގެން އެދޭތެރޭގައި ބްރިޖެއް އެޅުމުގެ ވާހަކަ ދެކެވުނަށް އެވަރުގެ ތަނަވަސްކަމެއް ނެތުމުން މިހާތަނަށް އެކަން ކުރެވޭގޮތް ނުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ޗައީނާގ ރައީސަށް ބްރިޖުގެ ވާހަކަ ދެންނެވި ކަމަށެވެ. އޭގެ ނަތީޖާއަކީ މިރޭ މިހުޅުވި ތާރީޚީ ބްރިޖު ވުޖޫދު ވުމެވެ.
ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ރާއްޖެއަށް ވެސް ކަންކަން ކުރެވިދާނެ ކަމަށް މިބްރިޖުން އެނގިގެން ހިންގައްޖެ ކަމަށެވެ. ރައީސް ވިދާޅުވީ މި ބުރިޖުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ކަނޑުން ކުރަމުންދިޔަ ދަތުރު ތަކަށް ނިމުން ވެސް އައިސްފައިވާ ކަމަށެވެ.