ފަލަސްޠީނު މީހުން ހިމާޔަތްކުރުމަށް ގުޓަރޭޝް ހަތަރު ކަމެއް ހުށަހަޅުއްވައިފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް

އިސްރާއީލުން އަތްގަަދަކޮށްގެން އުޅޭ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ މީހުންނަށް ދެވޭ ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ހަތަރު ކަމެއް ހުށަހަޅުއްވައިފިއެވެ. އެެހެންނަމަވެސް، އެ ހުށަހެޅުންތަކާ ދެކޮޅު ހަދަމުން އިސްރާއީލުން ބުނެފައިވަނީ "ފަލަސްޠީނު މީހުންނަށް ބޭނުންވާ ހަމައެކަނި ހިމާޔަަތަކީ އެމީހުންގެ ވެރިންގެ ކިބައިން އެމީހުން ހިމާޔަތްކުރުން" ކަމުގައެވެ.

އެ ހުށަހެޅުންތައް އައިސްފައިވަނީ ޣައްޒާގައި ހަމަނުޖެހުން އިތުރުވެ ފާއިތުވި މާރިޗު މަހުން ފެށިގެން އިސްރާއީލު ސިފައިން ފަލަސްޠީނުގެ 171 މީހުން މަރާފައިވާތީ، ސަލާމަތީ މަޖިލީހުގެ އެދުމަކަށް ސެކްރެޓަރީ ޖެނެރަލް ތައްޔާރުކުރެއްވި 14 ސަފުހާގެ ރިޕޯޓެއްގައެވެ. ސަލާމަތީ މަޖިލީހުން އެދުނީ "ބައިނަލްއަގްވާމީ ހިމާޔަތް ދިނުމާބެހޭ ހުށަހެޅުންތަކެެއްވެސް ހިމެނޭހެން، އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނު އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަަށަވަރުކޮށްދޭނޭ ހުށަހުޅުންތަކެއް" އެކުލަވާލުމަށެވެ.

ރިޕޯޓަށް ރައްދުދެމުން އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޯން ބުނީ "އިސްރާއިލުގެ ކިބައިން ފަލަސްޠީނު މީހުން ރައްކާތެރިކުރާނެ ގޮތުގެ މަޝްވަރާ ދިނުމަށްވުރެ ބޮޑަށް އދ. އިން ޖެހެނީ ފަލަސްޠީނުގެ ވެރިން އެމީހުންގެ އަމިއްލަ ރައްޔިތުންގެ ދިރުއުޅުން ނުުރައްކަލަށް ހުށަހަޅަމުން ދާތީ އެމީހުން ޒިންމާދާރުކުރުވާށެވެ."

ގުޓަރޭޝް އޭނާގެ ހަތަރު ހުށަހެޅުން ހުށަހެޅުއްވި އިރު އެކަންކަން ކުރާނެ ވަކި ގޮތްތަކެއް ހުށަހަޅުއްވާފައި ނުވެއެވެ. އޭނާ ވިދާޅުވެފައި ވަނީ "(އެކަންތައް ކުރުމަށް) އިސްރާއީލާއި ފަލަސްޠީނު މީހުންގެ އެއްބާރުލުމާއި، އަސްކަރީ ހަރަކާތްތައް ހުއްޓާލައި، ހަމަލާތައް ބަދަަލުުކުރުން ހުއްޓާލުމާއި، އެކަންތައް ކުރެވޭނެ އިތުރު ވަސީލަތްތައް" ބޭނުންވާނެ ކަމުގައެވެ.

ސެކްރެޓަރީ ޖެނެރަލްގެ ފުރަތަމަ ހުށަހެޅުމަކީ ފަލަސްޠީނު ރައްޔިތުން އަމަލީގޮތުން ހިމާޔަތްކުރުމަށް ޓަަކައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖެއް ނުވަތަ އދ. ގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާ ސިފައިން އެކުލެވޭ ފައުޖެއް ފޮނުވުމެވެ. މިކަމަށް އދ. ސަލާމަތީ މަޖިލީހުގެ ރުހުން ބޭނުުްވާނެއެވެ. ދެވަނަ ހުށަހެޅުމަކީ ހިމާޔަތާއި ރައްކާތެރިކަމުގެ ހާލަތު އޮތް ގޮތުގެ ރިޕޯޓު ތައްޔާރުކުރުމާއި، މެދުވެރިންގެ ރޯލު އަދާކުރުން ހިމެނޭހެން އދ. ގެ ނުވަތަ އދ. އިން ބޭރުގެ އޮބްޒާވަރުން ފޮނުވުމެވެ. ތިންވަނަ ހުށަހެޅުމަކީ ހިފާފައިވާ ބިންތަކުގައި އދ. އިން ހިންގާ ޕްރޮގްރާމްތައް އިތުރުކުރުމެެވެ. އަދި ހަތަރުވަނަަ ހުށަހެޅުމަކީ އެ ބިންތަކުގެ މައްސަލަތައް ބަަލައި ހޯދުމުގައި އދ. ގެ މަސްއޫލުވެރިން އެތަންތަނުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުުރުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.