އިމްރާން ޚާން ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައިފި

އިމްރާން ޚާން ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވަނީ

ޕާކިސްތާނުގައި ފާއިތުވި ޖުލައި މަހުގެ 25 ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކުރި ޕާކިސްތާން ތަހްރީކޭ އިންސާފު (ޕީޓީއައި) ގެ ޗެއާމަން އިމްރާން ޚާން މިއަދު ހެނދުނު އެގަައުމުގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައިފިއެވެ. އިސްލާމްއާބާދުގައި ހުންނަ ރިޔާސީ ގަނޑުވަރު އައިވާނޭ ސަދްރުގައި މިއަދު ހެނދު 10:18 ވީއިރު އޭނާއަށް ހުވައި ލައިދެއްވީ ޕާކިސްތާނުގެ ރައީސު މަމްނޫން ހުސައިނެވެ.

ހުވައި ކުރުމުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ކްރިކެޓް ތަރިން ކަމުގައިވާ ވަސީމް އަކްރަމާއި ޖާވީދު މިޔާންދާދާއި އިންޒަމާމުލް ހައްޤުގެ އިތުރަށް އިންޑިޔާގެ ކްރިކެޓް ތަރި ނަވްޖޯތުސިންގް ސިއްދޫވެސް ހާޒިރުވެފައި ވެއެވެ. އަދި ޕާކިސްތާނުގެ ސިފައިންގެ އެންމެ މަތީވެރިޔާއާއި، ސިފައިންގެ ތިން ބައިގެ ކޮމާންޑަރުންނާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޕާކިސްތާނުގެ ބައެއް ލަވަކިއުންތެރިންނާއި، ފިލްމުސްޓާރުންވެސް ހާޒިރުވެފައި ވެއެވެ. އެހެންނަމަވެސް، އިދިކޮޅު އެެއްވެސް ޕާޓީއެއްގެ ލީޑަރަކު ހާޒިރުވެވަޑައިނުގަންނަވާކަން ފާހަގަކުރެވެއެވެ.

އުމުރުފުޅުން 65 އަހަރުގެ އިމްރާން ޚާން ވަނީ ބޮޑުވަޒީރަކު އައްޔަންކުރުމަށް އިއްޔެ އެގައުމުގެ ގާނޫނޫހަދާ މަޖިލިސް، ނޭޝަނަލް އެސެންބްލީގައި ނެގުނު ވޯޓު 176 ވޯޓުން ކާމިޔާބުކުރައްވާފައެވެ. އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވަނީ 172 ވޯޓެެވެ. އެ މަގާމަށް އޭނާއާ ވާދަކުރެއްވި ޕާކިސްތާން މުސްލިމް ލީގް-ނަަވާޒްގެ މިޔާން ޝެހެބާޒް ޝަރީފަށް ލިބިވަޑައިގަތީ 96 ވޯޓެވެ.

އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގެ ދައުުރު ފެށުމާއެކު އެތައް ގާތްގަނޑަކަށް ބައިގަރުނު ވަންދެން، ދެޭތެެރެ ދޭތެރެއިން ސިިފައިންގެ އިންގިލާބުތަކުން މެދުކެނޑުމާއެކު، ޕާކިސްތާނު ޕީޕަލްސް ޕާޓީއާ، ޕާކިސްތާނު މުސްލިމް ލީގުން އެގައުމުގައި ކުރަމުން އައި ވެރިކަން ނިމުމަކަށް އަައީއެވެ.

ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވުމާއު އޭނާގެ ކުރިމަތީގައި އޮތީ އުނދަގޫ މަސައްކަތެކެވެ. އެއީ އޭނާ ވައުދުވެވަޑައިގެންފައިިވާ ފަދައިން ޕާކިސްތާނުން ކޮރަޕްޝަން ނައްތާލައި އައު ޕާކިސްތާނެއް ބިނާކުރުމެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.