ނުރައްކާތެރި ފެންބޮޑުވުމުގައި ކެރެލާއިން 324 މީހުން މަރުވެއްޖެ

ކެރެލާގެ ކޮޗިން އެއާޕޯޓު ފެނުއަޑީގައި

ފާއިތުވި 100 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާ ކުރިމަތިވި އެންމެ ނުރައްކާތެރި ވިއްސާރައިގައި ދެކުނުގެ ކެރެލާ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހުކުރު ދުވަހު ތިންގުނަ އިތުރުވެ 324 އަށް އަރައިފިއެެވެ. މޫސުން އަދި އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު މޫސުމާބެހޭ އިދާރާއިން މިހާުރުވެސް ވަނީ ނެެރެފައެވެ.

ފެހިކަން ގަދަ ފަރުބަދަތަކާއި ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބޭރު ޓުއަރިސްޓުން ޒިޔާރަތްކުރާ ކެރެލާގެ ބޮޑު ބައި މިހާރު ފެނު އަޑީގައި އޮތް އިރު، އެތައް ސަތޭކަ ސިފައިންނާއި، މަސްވެރިން ދަނީ ހެލިކޮޕްޓަރާއި ބޯޓުފަހަރުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.

މިއަހަރު ފެށުނީއްސުރެ ކެރެލާއަށް ވަނީ ރެކޯޑު މިންވަރަށް ވާރޭ ފެހިފައެވެ. އެ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖެޔަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވާ ގޮތުގައި ކެރެލާއަށް ކުރިމަތިވެފައި މިވަނީ "100 ވަރަކަށް އަހަރުގެ ތެރޭގައި ކުރަމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުުުވުމެވެ." އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް 324 މީހުން މަރުވެފައިވާ ކަމުގައެވެ.

އެތައް ހާސް ބަޔަކު ތާށިވެފައި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑިފައި ވަނިކޮށް އަނެއްކާވެސް އިތުރަށް ބޯވާރޭ ވެހިދާނެކަމުގެ އިންޒާރާއެކު، ކެރެލާގެ ވެރިން ދަނީ ހާލަތު އިތުރަށް ގޯސްވެދާނެތީ އެކަމަށް ތައްޔާރުވަމުންނެވެ.

"މީހުން ސަލާމަތްކުރުމުގެ މަސައްކަތް އިތުރުކުރުމުގެ ގޮތުން އަހަރުމެން މިދަނީ އެކަމަށް އިތުރު ބޯޓުތައް ނެެރެމުން."  އެ ސްޓޭޓްގެ އިސް މަސްއޫލުވެރިއަކު ކަމުގައިވާ ޕީއެެޗް ކުރިއަން އޭއެފްޕީއާ ވާހަކަދައްކަމުން ބުނެފައި ވެެއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި 320 ބޯޓާއި، ސިފައިންގެ 32 ހެލިކޮޕްޓަރު މިހާރުވެސް ދަނީ ބޭނުންކުރެވެމުންނެވެ.

ކެރެލާގެ ސަރުކާރުން ބުނި ގޮތުގައި އެ ސްޓޭޓަށް ވަނީ "އާދަޔާއި ޚިލާފަށް ނުރައްކާތެރި" ހާލަތެއް ކުރިމަތިވެެފައެވެ. 33 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ސްޓޭޓުގައި 2 ލައްކަ 20 ހާހަށް ވުރެ ގިނަ މީހުން ގެ ދޮރު ދޫކޮށް 1500 ވަގުތީ ކޭޕްމުގައި ދިރިއުޅެމުން ދާއިރު، ސްޓޭޓުގެ މަގުތަކުގެ 10 ހާސް ކިލޯމީޓަރަށްވުރެ ބޮޑު ބައި ވަނީ ހަލާކުވެފައެވެ. ސްޓޭޓުގެ ދެބައިކުޅަ އެއްބައި ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.