ރޭ ދަންވަރު އެކަނި މަހަށް ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ނ. ޅޮހީ ފެހިވިނަ (30 އަހަރު) ގެ ހުސައިން އަދުނާނު ދާދިދެންމެއަކު ފެނިއްޖެއެވެ.
އެމްއެންޑީއެފުން ކަށަވަރުކޮށް ދެއްވި ގޮތުގައި ކޯސްޓްގާޑުންނާއި ވައިގެ މަގުން ޙުސައިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނުނުއިރު ޙާލުވެސް ރަނގަޅެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާއަށް ސިއްޙީ ފަރުވާ ދިނުމަށްޓަކައި ރަށަކަށް ގެންދިއުމަށެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޙުސައިން ފެނުނީ ސީޕްލޭންއެއްގައި ވައިގެ މަގުން ބަލަމުން ދަނިކޮށެވެ. ކޯސްޓްގާޑު އުޅަނދު ފަހަރުގައިވެސް ޙުސައިން ފެނޭތޯ ދިޔައީ ބަލަމުންނެވެ. އާޒިމް ވިދާޅުވީ މިހާރު ދަތުރު ކުރަމުން ދަނީ ނ. މަނަދޫއަށް ޙުސައިން ގެންދިޔުމަށް ކަމަށެވެ. އޭނާ ފެނުނީ މަހަށް ނުކުމެ އުޅުނު ކުޑަކުޑަ ދޯނީގައި އިންދައި ކަމަށެވެ.
ރޭ ދަންވަރު ޙުސައިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް އޭނާގެ ޚަބަރެއް ނުވެ ގެއްލުނީ 1:20 ހާއިރުއެވެ. އޭނާ މަހަށް ގޮސްއުޅެނިކޮށް ދިޔަ ކުޑަކުޑަ ދޯނީގެ އިންޖީނު ހުއްޓިގެން އާއިލާއަށް ގުޅި ކަމަށްވެއެވެ. ނަމަވެސް ފަހުން އޭނާއަށް ގުޅިއިރު ފޯނު އޮންނަނީ ނިވިފައެވެ. ރޭ އޭނާ ގެއްލުނު ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށްވެސް ވެއެވެ.