އެމެރިކާއިން ތުރުކީގެ ދަގަނޑާއި އެލްމެނިއަމުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާތީ، އެކަމަށް ރައްދުދިނުމުގެ ގޮތުން ތުރުކީއަށް އެތެރެކުރާ އެމެރިކާގެ ބައެއް މުދަލުގެ ޑިއުޓީ ބޮޑުކުރަން ތުރުކީ ސަރުކާރުން ނިންމައިފިއެވެ. މިއީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އަރާރުން އަނެއްކާވެސް އިތުރަށް ގޮސްވެގެން ދާނެ ކަމެކެވެ.
މި އަރައިރުމުގެ ސަބަބުން ތުރުކީގެ ފައިސާ ލީރާގެ އަގު ދަށަށްދާން ފަށާފައިވާއިރު، ފާއިތުވި ހުުކުރު ދުވަހާއި ހޯމަ ދުވަހު ލީރާގެ އަގުގެ ހަތަރުބައިކުޅަ އެއްބައި ދަށަށް ދިޔައެވެ. ނަމަވެސް ފަހުން %5 މައްޗަށް ޖެހިފައި ވެއެވެ.
ބުދަ ދުވަހު ވައިޓް ހައުސްއިން ބުނެފައި ވަނީ އެމެރިކާއިން ތުރުކީގެ ބައެއް މުދަލަށް ނަގާ ޑިއުޓީ ބޮޑުކުރުމުން، އެކަމުގެ ބަދަލުގައި ތުރުކީން އެމެރިކާގެ ބައެއް މުދަލަށް ނަގާ ޑިއުޓީ ބޮޑުކުރުމަކީ "ހިތާމަހުރިކަމެއް" ކަމުގައެވެ. އަދި ތުރުކީގައި ހައްުޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީ ވަގުތުން ދޫކޮށްލުމަށް ވައިޓް ހައުސްއިން ގޮވާލާފައި ވެއެެވެ.
"ޔުނައިޓެޑް ސްޓޭޓްސް (އެމެރިކާ) އިން ތުރުކީގެ މުދަލުން ޑިއުޓީ ބޮޑުކުރީ ގައުމީ ސަލާމަތުގެ މަސްލަހަތަށް ބަލާފައި. އެއީ ބަދަލުހިފުމުގެ ގޮތުން ކުރިކަމެއް ނޫން." ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ބުންޏެވެ. "ތުރުކީން ޑިއުޓީ ބޮޑުކުރުމަކީ ހަމަ ގައިމުވެސް ހިތާމަހުރި ކަމެއް. އެއީ ނުބައި އަތަށް އެޅި ފިޔަވަޅެއް" އޭނާ އިތުރަށް ބުންޏެވެ.
ތުރުކީގެ ނާއިބު ރައީސު ފުއާދު އޮކްތޭ ވިދާޅުވީ، ޑިއުޓީ ބޮޑުކުރީ އެމެރިކާ ސަރުކާރުން ގަސްތުގައި ތުރުކީގެ އިގްތިސާދަށް ހަމަލާދިނުމާ ގުޅިގެން އެކަމަށް ބަދަލުހިފަން ހަމަޖެހިފައިވާ އޮނިގަނޑުގެ ތެރެއިން ކަމުގައެވެ.
ޑިއުޓީ ބޮޑުކުރުމުގެ ގަރާރު މިހާރު ވަނީ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ސޮއިކުރައްވައި ތުރުކީގެ ރަސްމީ ގެޒެޓްގައި ޝާއިއުކޮށްފައެވެ. އެރްދޮޣާން ވިދާޅުވެފައި ވަނީ އެމެރިކާއިން ކުރަނީ އިގްތިސާދީ ހަނގުރާމައެއް ކަމަށާއި، ތުރުކީ އެ ހަނގުރާމައިން މޮޅުވާނެ ކަމަށެވެ.
ގެޒެޓްގައި ޝާއިއުކުރި ގަރާރުގައިވާ ގޮތުން އެމެރިކާއިން އެތެރެކުރާ ހަނޑުލުގެ ޑިއުޓީ %50 އަށް، ރަލާއި އެފަދަ ބުއިންތަކުގެ ޑިއުޓީ %140 އަށް، އަދި ދުންފަތާއި، ކޮސްމެޓިކްސްގެ ޑިއުޓީ %60 އަށް ވަނީ ބޮޑުކޮށްފައެވެ.