ނިމުމެއް އެނގެން ނެތް ދިގު ހަނގުރާމައެެއް ކުރުމަށް ވުރެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްކަންދެނީ ފަލަސްޠީނުގެ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އާއެކު ސިޔާސީ އެއްބަސްވުމަކަށް އައުމަށް ކަމުގައި އިސްރާއީލުގެ އެންމެ މަޝްހޫރުއެއް ނޫހުން އިއްޔެ (ބުދަ ދުވަހު) ބުނެފިއެވެ.
ހާއާޓްސް ނޫހުގައި މިއަދު ބުނެފައިވާ ގޮތުގައި އެގޮތަށް ޙަމާސްއާ އެކު ސިޔާސީ ވާހަކަތައް ފަށައިފިނަމަ އެކަން ވާނީ އިސްރާއީލުން ޙަމާސް ގަބޫލުކުރުން ކަމުގައެވެ.
އެނޫހުގެ ސިޔާސީ އެނަލިސްޓް އާމޫސް ހާރައީލް ލިޔެފައިވާ ގޮތުގައި "އިންތިޒާރުކުރެެވެމުންދާ އެއްބަސްވުމު" ގެ މާނައަކީ، ޙަމާސް ޖަމާޢަތަކީ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ޖަމާއަތެއް ކަމާއި، ސުލްހައިގެ މުހިއްމު ބައިވެރިއެއް ކަމުގައި އިސްރާއީލުން ގަބޫލުކުރުމެވެ. އެއީ، އިސްރާއީލުގެ ކަނާތުފިޔަ އަދި ވާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، ކުރަންނުޖެހޭ ވަރުގެ ޚަރަދު ބޮޑު ހަނގުރާމައަކުން ސަލާމަތްވާން ޙަމާސްއާއެކު ވާހަކަ ދެއްކުމަށް ބޮޑުވަޒީރު ނަތަންޔާހޫ ކޮންމެހެންވެސް ބޭނުންވާތީއެވެ.
ހާރައީލް ލިޔެފައިވާ ގޮތުގައި ނަތަންޔާހޫ މިހާރު ދަނީ އަވަސް އިންތިޚާބެއް ބޭއްވުމާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ. އެހެންކަމުން، ޣައްޒާގައި ކުރާ ހަނގުރާމަ ހުއްޓާލައި ދިގުދެމިގެންދާ ސުލްހައެއް ގާއިމުކުރަން އޭނާ ބޭނުންވެއެވެ. އެއީ ޣައްޒާގެ ކައިރީގައިވާ ޔަހޫދީ އާބާދީތަކުގެ މީހުން ހަމާސްގެ ރޮކެޓްތަކުގެ ޝިކާރައަކަށް ވާން ދޫކޮށްނުލައި، އޭނާ އެބައިމީހުންނަށް އަމާން ދިރިއުޅުމެއް ހޯދައިއިދީފިކަން ދައްކައިގެން އިންތިޚާބަށް ނުކުތުމަށްޓަކައެވެ.
ނަތަންޔާހޫގެ ވިސްނުމާއެކު އެމެރިކާވެސް މިހާރު އޮތްކަން ޚަބަރުތަކުން ވަނީ ހާމަވެގެން ގޮސްފައެވެ. އެމެރިކާ ސަރުކާރުގެ މަސްއޫލުވެރިއަކު ދާދި ފަހުން ބުނެފައި ވަނީ، އެމެރިކާއިން މިހާރު ބޭނުންވަނީ ފަލަސްޠީނުގެ މައި ސަރުކާރު "ހިމަނައިގެން ނަމަވެސް، ނުވަތަ ނުހިމަނައި ނަމަވެސް" އިސްރާއީލާ ޙަމާސްއާ ދެމެދު ދެމެހެއްޓެނިވި ގޮތުގައި ސުލްހަ ގާއިމުކުރާށެވެ. އެއީ ނަތަންޔާހޫވެސް އެދޭގޮތެވެ. އަދި އެކަމުގައި މިސްރުގެ އެހީތެރިކަން ލިބެމުންދާ ކަމަށްވެސް އެމެރިކާއިން ބުނެފައި ވެއެވެ.
އިސްރާއީލުގެ ނޫހުގައި ވާގޮތުން، މިފަދަ ވާހަކަތަކަކަށް ޙަމާސްއަށް ދައުވަތުދީފިނަމަ، ފަތަހު ޖަމާއަތުން އިޚްތިޔާރު ކުރި ސުލްހައިގެ މަގަށްވުރެ، ޙަމާސްއިން އިޚްތިޔާރުުކުރި ކުރިމަތިލުމާ ހަނގުރާމައިގެ މަގު މާ ކާމިޔާބު ކަމުގައި އެޖަމާޢަތަށް ބުނެވިދާނެއެވެ.
މިފަދަ ސުލްހައަކުން ނަތަންޔާހޫއަށް ލިބޭނެ ފައިދާއަކީ އިސްރާއީލަށް ވަގަށް ޣައްޒާއަށް މުދަލާއި ހަތިޔާރު އެތެރެކުރާ ބިންގަރާސް މަގުތައް ބަންދުކުރުމަށް ޣައްޒާގެ ސަރަހައްދީ ރޮނގުގައި އިސްރާއީލުން ބިމު އަޑީގައި ބިނާކުރަމުންދާ ފާރު 2019 ނިމެންވާ އިރަށް ފުރިހަމަ ކުރުމަށް ވަގުތު ލިބުމެވެ.