އެއާޕޯޓު ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަކީ ވިއްކާލުން: ރައީސް ޔާމީން

އެމްޑީޕީ ސަރުކާރުން އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު މިހާރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލި ވާހަކަ ވާހަކަ ދައްކަވާތީ އެއަށް އެބޭފުޅުން މިހާރު ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދެއްވަމުން ގެންދަވާ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ތ. ދިޔަލިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އަމިއްލަ ބާރެއް ނުފޯރާ ގޮތަށް ދިގުމުއްދަތަކަށް ކުއްޔަށް ދިނުމަކީ ވިއްކާލުން ކަމަށެވެ. "އެއާޕޯޓު ވިއްކާލި ވާހަކަ އަޅުގަނޑުމެން މިއަދު ދައްކަމުން ގެންދާތީ މިއަށް އެބޭފުޅުން ކޮންމެވެސް ތަފްސީލެއް އެބަދެއްވާ. ނޫނެކޭ ތިމަންނަމެން ވިއްކާލީއެއްނޫނޭ. އެކަމަކު ތިމަންނަމެންނަށް އަތެއްނުލެވޭނެޔޭ، އެތަން ހިންގަންވާނެ ގޮތަކާމެދު އެއްޗެއް ނުބުނެވޭނެޔޭ. އެތަނުގައި ތިބެންވާނީ ދިވެހި މުވައްޒަފުން ކަމަށް ނުބުނެވޭނެޔޭ، އެތަނުން ނަގަންވާނެ ޓެކްސްގެ އަދަދެއް ނުބުނެވޭނެޔޭ، އެތަނަށް ޖައްސަންވާނީ ކޮންމެ ގައުމެއްގެ އެއާލައިނެއް ކަމެއް ކަމެއް ނުބުނެވޭނެޔޭ،" ރައީސް ވިދާޅުވިއެވެ.

އެއާޕޯޓަކީ އަމިއްލަ އެއްޗެއް ކަމަށް އެމްޑީޕީން ބުނާއިރު އޭގެ މައްޗަށް އަމިއްލަ ބާރެއްނެތް ކަމަށާއި، އެއާޕޯޓު ވިއްކުމުގެ ބަދަލުގައި ދިގުމުއްދަތަށް ކުއްޔަށްދިނީ ކަމަށް އެބޭފުޅުން ވިދާޅުވީ ކަމަށް ރައީސް ވިދާޅުވިއެވެ. "ބާރު ނުފޯރާ ގޮތަށް ރާއްޖޭގެ ސަރުކާރުގެ ސިޔާދަތު ނުހިނގާ ގޮތަށް ދޫކުރާ ކޮންމެ އެއްޗަކީ އަޅުގަނޑުމެންގެ ބާރެއްނެތް އެހެން މީހުންގެ ބާރުއޮންނަ ކޮންމެ އެއްޗަކީ އެބަޔަކު އެމުދަލަކަށް ތަސައްރަފް ކުރަން ބޭނުންވާ ގޮތަށް ދޫކޮށްލެވޭ މުދަލަކީ އެއީ ވިއްކާލުމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު ޖީއެމްއާރަށް ދިން އެގްރީމެންޓަކީ އުފެދުމުގައި ވެސް ސައްހައެއްޗެއް ނޫންކަމަށް އޭރުގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމް ޝަކޫރު ވިދާޅުވެފައިވަނިކޮށް އެއަށް މިސަރުކާރުން ބަދަލު ދޭންޖެހުނީ ކީއްވެތީ އިދިކޮޅުން ނުވަތަ އެމްޑީޕީން މިހާރުވެސް ސުވާލު އުފައްދާ ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް އަމަލުކުރެއްވީ ބޭރުގެ އިންވެސްޓަރުންގެ ހިތުގައި ރާއްޖެއާމެދު އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.