ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަރަށް ބޮޑެތި ތަރައްގީ ގެނެސް ދެއްވާފައި ކަމަށާއި އިތުރު ތަރައްގީ ގެނެސް ދެއްވުމަށްޓަކައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީން ކޮޅުމަޑުލުގެ 7 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ބާއްދަލު ވުމުގައެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަރަށްމަދު ކަމެއް ފިޔަވައި ހުރިހާ ކަމެއް ފުއްދަވައި ދެއްވައިފައި ކަމަށެވެ. އެކަމަށްޓަކައި ރައީސަށް އިތުރު ދައުރެއް ދެއްވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތިމަރަފުށީގެ ފެނުގެ ނިޒާމަކީ ވެސް 28 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ގާއިމްކުރި ނިޒާމެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ 4 އަހަރުގެ ތެރޭގައި މިހާތަނަށް ވަނީ 26 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކޮށްދެއްވައިފައެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފެނުގެ ނިޒާމް ގާއިމް ކުރައްވައިފައިވަނީ މާލެ ހިމެނޭ ގޮތަށް 6 ރަށެއްގައި ކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް އިތުރު 14 ރަށެއްގައި ފެނުގެ ނިޒާމް ގާއިން ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސަށް ވޯޓު ދެއްވައި ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވާށޭ. އޭރުން އިތުރު ތަރައްގީ ގައުމަށް ލިބުގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.
"ރައީސްގެ ހުރިހާ ވައުދެއްހެން މިވަނީ ފުއްދަވައި ދެއްވައިފައި. އެއީ ހުސް ވައުދުވާ ބޭފުޅެއްނޫން. ރިއާސީ އިންތިޚާބުގައި އޮތީ ދެޗޮއިސް. އެއީ ދޯނި ބަންނަން ދަސްކުރަން އެލްބޯޑު އަޅުފައިވާހުރި ކެޕްޓަނެއްގެ ފަހަތުގައި ތިބޭނީތޯ އާއި، މިއޮތްހާ ދުވަހު ފަރަކަށް ނާރުވައި ގަދަކަޑުގައި ދުއްވި މީހެއްގެ ފަހަތަށް އަރާނީތޯ،" މިނިސްޓަރ ވިދާޅުވިއެވެ. ރައީސް ޔާމީނަކީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކެޕްޓަނެއް ކަމަށްވުމުން އިންތިޚާބުގައި އެމަނިކުފާނުގެ ފަހަތްޕުޅަށް ރައްޔިތުން އަރައި އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.