މިއަހަރު ނިމުމުގެ ކުރިން ތިމަރަފުށީ މަގުހެދުމުގެ މަސައްކަތް ފަށާނަން: ރައީސް

މިއަހަރު ނިމުމުގެ ކުރިން ތ. ތިމަރަފުށީގެ ބޮޑުމަގު ހައްދަވައި ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށްޓަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަގު ހެދުމުގެ އިތުރަށް އެރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު ގޯތިވެސް ދޫކުރައްވަން ފަށްޓަވާނެ ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ މިމަގު ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި ނިންމައިދޭނަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަގު ހެދުމަށް ބޭނުންވާ ފައިސާގެ ހިސާބުތަކެއް ކުރެވި އެ އަދަދު ހައުސިން މިނިސްޓަރު އެމަނިކުފާނު އަރިހު ވިދާޅުވެފައިވާ ކަމަށެވެ. އެ މަސައްކަތް ކުރެއްވުމަށް މާގިނަ ވަގުތެއް ނުނަގާނެ ކަމަށާއި އެމަގަކީ ކިލޯމީޓަރެއްހާ ދިގު މަގެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ކޮށްދެއްވާނެކަން އެރަށުގެ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެރަށަކީ ބޮޑު ބިމެއް ހިއްކައިގެން އެއާޕޯޓެއް ތަރައްގީ ކޮށްފައިވާ ރަށެއް ކަމަށެވެ. އޭގެ ސަބަބުން އެއަތޮޅާއި ތިމަރަފުށީގެ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

އެ އެއާޕޯޓުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހޭ ކަމަށްވާނަމަ ޓޫރިޒަމްގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. "މިހިސާބުގަނޑުގައި ވެސް މިރަށުގައި ވެސް ޓޫރިޒަމްގެ ވާހަކަ ދައްކަން އެބަޖެހޭ. ޓޫރިޒަމްގެ ޖާގަ، ގެސްޓް ހައުސް ހެދުމުގެ، ސިޓީ ހޮޓާ ހެދުމުގެ ޖާގަ މިތާ އެބައޮތްކަން އަޅުގަނޑުމެންނަށް އެބައެނގޭ،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.