އެނބުރޭ ވަހުތާން (12)

(6 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިހާރު އެ ތާނގައި އޮތީ އެންމެ ތިން ކާރެވެ. އެއީ ނަޞީރުގެ ކާރާއި، ރޫފީގެ ކާރާއި، ނަވީންގެ ކާރެވެ. ނަވީން ޙައިރާން ވާހައި އަވަހަށް ހަމައަކަށް އެޅިއްޖެއެވެ. "ކަލޭމެންނާ ހެދި މަޖާގަނޑު ގެއްލިއްޖެ-" އޭނާ ހޭން ފަށައިފިއެވެ.

"ކީކޭ-؟" ޝަބާނާ ދިޔައީ ސިއްސައިގެންނެވެ. "ކިހިނެއް ވީ-؟"

"މިއީ އަބަދުވެސް އަހަންނަށް ވާ ގޮތެއް- ފާޑެއްގެ ބައްޔެއް- ކަލޭމެން އައި އިރު ބަލިގަނޑު ދަނީ ރަނގަޅު ވަމުން-"

"ހީވަނީ ކަލެއަށް އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން ހެން-" ނަޞީރު ރުޅި އައިސްފައި ބުންޏެވެ.

"އާނ ރަނގަޅަށް ތިޔަ ބުނީ- ދެން އަހަރެން ދަނީ-"

"އެކަމަކު ތިޔަ ޙާލުގައި ހުރެގެން ކާރު ދުއްވާކަށް ނުވާނެ- ނަވީން-" ރޫފީ ބުންޏެވެ.

އިރުކޮޅަކު ޒުވާބު ކުރުމަށް ފަހު ރޫފީއާއެކު ނަވީންގެ ކާރުގައި ގެއަށް ދާން ނަވީން އެއްބަސް ވެއްޖެއެވެ. ރޫފީ ނަޞީރާ މުޚާޠަބްކޮށް ބުނެލިއެވެ. "އަހަރެން ދާނީ މި ތާނގައި އަހަރެންގެ ކާރު ބާއްވާފައި- ހެނދުނު ކްލަބަށް އަންނަމުން އަހަރެންގެ ގޭދޮށަށް މަޑުކޮށްލާތި-"

"އެންމެ ރަނގަޅު-"

   

* * *

   

ޢުމުރުން ތިން އަހަރުގައި ނަޞީރު ގިޓައަށް ޝައުގުވެރި ވާން ފަށައިފިއެވެ. އޭރު އޭނާގެ އަތުގައި އޮންނަނީ ކުޅޭކުޅޭ ގިޓައެކެވެ. ގިޓާ ޖަހާ ޢުމުރަށް އެޅުމާއެކު އޭނާގެ ބައްޕަ އޭނާއަށް ގިޓާ ޖަހަން ދަސްކޮށް ދޭން ފަށައިފިއެވެ. ވަރަށް ގިނައިން ބައްޕަ އޭނާގެ މަންމައާ ދިމާއަށް ބުނެއެވެ. "ސީމާ- އަހަރެމެންގެ ދަރިފުޅަކީ ވަރަށް ހުނަރުވެރި ކުއްޖެއް-"

އޭނާގެ ޢުމުރުން ހަ އަހަރުގައި ބައްޕަ މަރު ބަލީގައި އޮށޯވެއްޖެއެވެ. ޓީބީ ޖެހުނީއެވެ. އެ ޙާލުގައިވެސް ބައްޕަ އޭނާއަށް މިއުޒިކް ދަސްކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ބައްޕައަށް މަސައްކަތު ގޮސް އުޅެވޭ ވަރު ނުވުމުން މަންމަ އަށް ޖެހުނީ ބޭރަށް ނުކުންނާށެވެ. މަސައްކަތު ނުކުންނަން ފެށިތާ ކުރީ ކޮޅު ހެނދުނު ބޭރަށް ގޮސްފައި ހަވީރު ގެއަށް އާދެއެވެ. އެންމެ ފަހުން ހަވީރު ރޭގަނޑަށް ބަދަލު ވެއްޖެއެވެ. މަންމަގެ އުޅުން ވެސް ބަދަލު ވާން ފަށައިފިއެވެ. އަޅާ ހެދުމަށާއި، ރީތި ވާން ކުރާ ޚަރަދު ބޮޑު ވާން ފަށައިފިއެވެ. މޫނުމަތި އަލި ވާން ފަށައިފިއެވެ. ބައްޕަ މުސްކުޅި ވަމުން ދިޔަ ވަރަކަށް މަންމަ ދިޔައީ ޒުވާން ވަމުންނެވެ. ބޭރު ތެރޭގައި މީހުން ދައްކާ ވާހަކަތައް އަޑު އިވުމުން ކަންތައްތައް ވަމުން ދާ ގޮތް ނަޞީރަށް އެނގިއްޖެއެވެ. އަންހެނަކު ގެއިން ބޭރަށް ނުކުމެއްޖެ ނަމަ ހިނގަމުން ދާނީ ނުބައިމަގުތަކުން ކަން އޭނާއަށް ރަނގަޅަށް އެނގިއްޖެއެވެ. އެއީ ކުރާނޭ ކަމެއް ނެތިގެން ނުވަތަ ދުނިޔޭގެ އޮއިވަރުގައި ޖެހިގެން ހިނގަން ޖެހޭ މަގު ތަކެއް ކަމަށް ނަޞީރު ޤަބޫލެއް ނުކުރެއެވެ.

ނަޞީރު އިސްކޫލަށް ދެއެވެ. އެނބުރި ގެއަށް އައިސް ބައްޕަ އަށް ކާން ދީފައި އަމިއްލަ އަށް ކާން ހަދައިގެން ކަނީއެވެ. އޭގެ ފަހުން ގިޓާ ޖަހަން އިށީންނަނީއެވެ. ކަންތައްތައް ކިތަންމެ ބޮޑަށް ބަދަލު ވެގެން ދިޔަ ނަމަވެސް ނަޞީރުގެ ޅަ ޢުމުރަށް ބަލާ އިރު ހުންނަން ޖެހޭ ޅަކަން ހުރެއެވެ. އެ ޢުމުރުގެ އަންހެން ކުދިންނާ އެކީ ކުޅެން އުޅެއެވެ. އަރައިރުން ވެއެވެ. ތަޅައިފޮޅައެވެ. ބައެއް ފަހަރަށް އަނިޔާ ވެސް ވެއެވެ. އޭނާ އަކީ ވަރަށް ބިރު ކުޑަ ކުއްޖެކެވެ. ބިރު އެއީ ކޮން އެއްޗެއް ކަން އެންމެ ފުރަތަމަ އޭނާ އަށް އެނގުނީ ބައްޕަ މަރުވި ދުވަހުއެވެ.

ހޫނު މޫސުމެވެ. އިސްކޫލު ތަކުގެ ޗުއްޓީ ދުވަސްވަރެވެ. މަންމަ ވީ މަސައްކަތު ގޮހެވެ. މޫސުން ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. ވައި ގަދަ ވެ އުޑުމަތި ބަނަވެފައެވެ. ކުއްލިއަކަށް ބޮޑު ޠޫފާނެއް ޖެހިއްޖެއެވެ. ބައްޕަ ހެސް ކިޔާފައި ކެއްސައިގަތް އަޑު އިވިއްޖެއެވެ. އޭނާ ދުވެފައި ގޮސް ބައްޕަ އޮތް ކޮޓަރި އަށް ވަދެއްޖެއެވެ. ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ފަނޑު އަލީގެ ތެރެއިން ބައްޕަގެ ތުރުތުރު އަޅާ ހަށިގަނޑު ފެނުނެވެ. ކުއްލި އަކަށް އަލިގަދަ ވިދުވަރަކާ އެކު ވަރަށް ބާރަށް ގުގުރައިލިއެވެ. ވިދުވަރުގެ އަލީގައި ބައްޕަގެ އަނގައިން ލޭ އައިސްފައި ހުއްޓާ ފެނުނެވެ. އޭނާ ގޮސް ބައްޕަގެ ގައިގައި ހިފަހައްޓައިގެން އެނދުގައި އިށީނދެއްޖެއެވެ. "ބައްޕާ- ކޮންމެވެސް މީހަކަށް ގޮވަންތަ-؟"

ބައްޕަ އެއްވެސް ޖަވާބެއް ނުދިނެވެ. އެކަމަކު ބައްޕަގެ ތުރުތުރު އެޅުން ހުއްޓިއްޖެއެވެ. އަނެއްކާވެސް ވިދުވަރަކާ އެކު ގުގުރާލައިފިއެވެ. ބައްޕަގެ ވިދުވަރެއް، ދިރުމެއް ނެތް ކަޅި ހުއްޓިފައި ވަނީ އޭނާޔާ ދިމާ އަށެވެ. މި ޠޫފާނުގެ ތެރޭގައި ބޭރަށް ނުކުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު ގެންފައި ހުރި ބިރެއްގެ ސަބަބުން ދުވެފައި ގޮސް ޖެހިގެން ހުރި ގޭގައި އުޅޭ އަންހެން މީހާ އަށް ގޮވައިފިއެވެ. އެ މީހާ އައިސް ބަލާފައި އޭނާގެ ބައްޕަ މަރުވެއްޖެއޭ ބުންޏެވެ.

އެ ރެއިން ފެށިގެން އޭނާ ވިދުވަރަށް، ގުގުރިއަށް ބިރު ގަނެ އެވެ. ޠޫފާނެއް އަތުވެއްޖެ ނަމަ އޭނާ ކޮޓަރީގެ ބޮކިތައް ދިއްލައިލައެވެ. ވިދުވަރުގެ އަލި މަޑުވީމާ ނުރައްކާތެރިކަން ކުޑަ ވާނެއޭ ހީވަނީއެވެ. ނަޞީރުގެ މަންމަ އަކަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ.

ބައްޕަ މަރުވީތާ އެއް އަހަރު ފަހުން އަނެއްކާ ވެސް ވަރުގަދަ ޠޫފާނެއް އަތުވެއްޖެއެވެ. މި ފަހަރުގެ ޠޫފާނުގައި އޭނާ ތާށި ވެއްޖެއެވެ. މިއުޒިކް ކިލާހަށް ދާން ގެއިން ނުކުމެގެން ތަންގަނޑަކަށް ދެވުނު ތަނާ އެންމެ ފުރިހަމަ ބާރާއެކު ޠޫފާން އަތުވެއްޖެއެވެ. ދެނަކާ ދެނެއް ނެތެވެ. ގުގުރަނީއެވެ. ވިދަނީއެވެ. ވައި ގަދަ ވަނީއެވެ. އޭރު މަޣްރިބް ނަމާދު ވަގުތު ވެއްޖެއެވެ. އޭނާ އަޅާ އިތިކޮށް ގެޔާ ދިމާއަށް ދުއްވައިގެންފިއެވެ. ވެއްޓެމުން، ތެދުވަމުންނެވެ. ހަމަ ނޭވައެއް ލީ ގެޔާ ހަމައަށް ފޯރީމައެވެ. އޭރު ވެސް ވިދާ ވަރުން ވިދައެވެ. ގުގުރާ ވަރުން ގުގުރައެވެ. ހީވަނީ ވިދުމާއި ގުގުރުމާ އޭނާގެ ފަހަތުން އަންނަނީ ހެންނެވެ.

ނަޞީރު ދޮރުފަތުގައި އަތް އަޅައި ކޮއްޕައިލިއެވެ. އެތެރެއިން ހުރީ މަކުޑި އަޅުވައިފައެވެ. "މަންމާ... މަންމާ... ދޮރު ހުޅުވާ... އަހަރެން ވައްދާ..." އޭނާ ރޮއިރޮއިފައި އާދޭސް ކުރަން ފަށައިފިއެވެ.

އެ ވަގުތު ވަރަށް ގަދައަށް ވިދައިލިއެވެ. އެޔާއެކު ޖެހި ގުގުރިއެއްގެ އަޑު ގަދަ ކަމުން ބިންގަނޑު ވެސް ދިޔައީ ގުޑައިގެންނެވެ. ނަޞީރު ބިރުން ގޮސް ތުރުތުރު އަޅަން ފަށައިފިއެވެ. އަދިވެސް ދޮރެއް ނުހުޅުވެއެވެ.

"މަންމާ-" އޭނާ ދޮރުގައި ބާރަށް ތަޅަން ފަށައިފި އެވެ. "މަންމާ- ދޮރު ހުޅުވާ-"

މި ފަހަރު ވަރަށް ހަރުކަށިކަމާ އެކު މަންމަ ޖަވާބު ދިނެވެ. "ނަޞީރު- ކަލޭ ކުލާހަށް ދޭ- އަހަންނަށް ފައިސާ ލިބެނީ އެއްވެސް ކަމަކާ ނުލައެއް ނޫން-" ދޮރެއް ނުހުޅުވުނެވެ.

"އަހަންނަކަށް ނުދެވޭނެ- މަންމާ- ޠޫފާން ވަރަށް ވަރުގަދަ- ވިދާ ގުގުރަނީ- އަހަރެން ބިރު ގަނޭ... މަންމާ... ދޮރު ހުޅުވާ-"

"ވިޔާނުދާ އަނގަ ނުތަޅާ- ޠޫފާން ކަލޭ ކައެއް ނުލާނެ- މި ތަނުން ދުރަށް ދޭ- އެހެން ނޫނިއްޔާ ތަޅައިގަތް ގަތީނުން އަވަދި ކޮށްލަފާނަން-" މަންމަގެ ރާގު ވަރަށް ހަރުކަށްޓެވެ.

ނަޞީރު ތުރުތުރު އަޅަން ފަށައިފިއެވެ. ދާލަ މަތީގައި ކުޑަކަކޫ ޖަހައިގެން އިށީނދެއްޖެއެވެ. ދެ އަތް މޫނުމަތީގައި އަޅައިފިއެވެ. ދެ ލޯ މަރާ ތަގުޅި ކޮށްފިއެވެ. ވިދުވަރުގެ އަލި ނުބަލަން ވެގެންނެވެ. އޭނާގެ ޚިޔާލަށް އަންނަނީ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ. ތުރުތުރު އެޅުން ގަދަ ވާން ފެށީމާ ކަކޫ އަނގަޔަށް ލައިގެން އޮށޯވެއްޖެއެވެ. އޭނާ ބައި ގަޑިއެއް ހާއިރު ވާން ދެން އެ ތާނގައި އޮތެވެ. ލޯ މަރައިގެން އޮތަސް ގަދައަށް ވިދާލީމާ އޭނާ އަށް އެނގެއެވެ.

ބައި ގަޑިއިރު ވީ ތަނާ ވާރޭ ތުނި ކޮށްލައިފިއެވެ. ޠޫފާން މަޑު ވެއްޖެއެވެ. އޭނާ ހިތްވަރު ކޮށްފައި ތެދުވެއްޖެއެވެ. ފާރު މަތިން އަރައިގެން ގޭތެރެއަށް ފުންމައިލައިފިއެވެ. މަޑުމަޑުން ސިއްރު ފިޔަވަޅު އަޅަމުން މަންމަގެ ކޮޓަރި ހުރަސް ކޮށް ގޭގެ ފެންޑާއާ ދިމާ އަށް ދާން ފަށައިފިއެވެ. މަންމަ އަށް ފެނިއްޖެއްޔާ ދެ ވަރުން އެއްވަރު ކޮށްލާނެ ކަން އެނގޭތީ ބިރުން ޔާސީން މަތީ ހުރެގެންނެވެ. މަންމަގެ ކޮޓަރީގެ ކުޑަ ދޮރު ހުރީ ހުޅުވައިފައެވެ. ކުޑަ ދޮރާ ހަމައަށް އައިސްފައި އޭނާ އަށް ކުރި އަކަށް ނުދެވުނެވެ. ފައި ބިންމަތީގައި ހަރުލައިފިއެވެ. ކޮޓަރި ތެރެއިން އެ ވަގުތު ފެނުނު މަންޒަރު އޭނާގެ ސިކުނޑީގައި އަބަދަށްޓަކައި ހަރުލައިފިއެވެ. އޭނާ ހަޅޭއް ލަވައި ގަނެވޭތޯ އުޅުނެވެ. އެހެން ނަމަވެސް އަޑު އަރު ތެރޭގައި ތާށި ވެއްޖެއެވެ. ހަޅޭއް ގަނޑު އެތެރެ އިން އެތެރެ އަށް ހިނދިއްޖެއެވެ.

    އިރުގަނޑެއް ވާން ދެން ގަބު ވެފައި ހުރެފައި ފާރު މަތިން ފުންމާލައިގެން ބޭރަށް އަތުވެއްޖެއެވެ. މަގުތަކުގައި ވަނީ ތަނބިކަށްޓާ ހަމައަށް ފެން ހެދިފައެވެ. ކިސަޑު ހެދިފައެވެ. އެކަމަކު އޭނާ އަކަށް އެއްވެސް ކަމެއްގެ އިހުސާސެއް ނުވެއެވެ. އޭނާގެ ހަށިގަނޑަށް ވަނީ ވަރުގަދަ ޠޫފާނެއް ޖެހިފައެވެ. އެއް ގޯޅިން ވަދެގެން އަނެއް ގޯޅިން ނުކުންނަމުން ދުވަނީއެވެ. އެއްވެސް ކަމެއްގެ ހޭވަރި ކަމެއް ނެތެވެ.

މި ފަހަރު ގެޔާ ހަމައަށް ގޮސް ދޮރުގައި ޓަކި ޖަހައިލުމާ އެކު ދޮރު ހުޅުވިއްޖެއެވެ. "މިއޮއް ދަންވަރު ކޮން ތާނކު ތެޅިފައި ތިޔަ އައީ-؟" މަންމަ ރުޅި އައިސް ރަތް ވެފައި އަހައިލިއެވެ. ހީވަނީ އޭނާ އަށް ކުށެއް ކުރެވުނީ ހެންނެވެ. މިރޭ ޙަޤީޤަތުގައި ވެސް އޭނާ އަށް ކުށެއް ކުރެވިއްޖެއެވެ. ފުރަތަމަ ފަހަރު އޭނާ ގެއަށް އައީ މާ އަވަހަށެވެ. މި ފަހަރު މި އައީ މާ ލަހުންނެވެ. އޭނާ ދައްކާނޭ ބަހަނާ އެއް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ސިކުނޑި އެ ވަރަކަށް މަސައްކަތެއް ނުކުރިއެވެ. ދެން އޮތީ މަންމަގެ ހޫނު ބޮނޑި އެޅުމެވެ. ތަޅާތަޅާ މަންމަ ވަރުބަލި ވީ އިރު ވެސް އޭނާ އަކަށް ތެޅުމުގެ އިހްސާސެއް ނުކުރެވުނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.