ގއ. ހަގެވިއްލާ ނަމަކަށް ކިޔާ ފަޅު ރަށެއް ކައިރީ އޮންނަ ފަރަކަށް އެރި މަސްބޯޓުގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ބޯޓާ ބެހޭ މައުލޫމާތު ފަހުން ދެއްވާނެ ކަމަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެބޯޓު އަދިވެސްހުރީ ފަރަށް އެރިތަނުގައި ކަމަށެވެ.
މިމަހުގެ 25 ވަނަ ދުވަހުގެރޭ ފަރަށްއެރި އެބޯޓުގައި އެއްވެސް މީހަކުނެތެވެ. ބެލޭވޭ ގޮތުގައި އެއީ ލެއްގި ބޯޓެވެ. ބޯޓު އަރައިފައިވާ ދިމާއިން ދަތުރުކުރާ ބައެއް މަސްވެރިން ބުނެފައިވަނީ އެބޯޓު އަރައިފައިހުރި ގޮތާއި މިންވަރަށް ބަލާއިރު ފުންކުރަން އެހާފަސޭހަވާނޭ ކަމަށް ނުބެލެވޭ ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ބޯޓުގެ އަޑިން 3 ފޫޓްވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް އެ ބޯޓު ދިޔަވެފައިވާ ކަމަށެވެ.
އީޕީއޭގެ ޑިރެކްޓަރޖަނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުން އެތަނުން ބައްލަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ބޯޓަކީ ކޮންފަރާތަކުން ރަޖިސްޓްރީކޮށްގެން ދުއްވާ ބޯޓެއްތޯ ބެލުމުގެ މަސައްކަތް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް އެ މައުލޫމާތު އެނގިފައެއް ނުވެއެވެ.