އެނބުރޭ ވަހުތާން (8)

(23 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަވީން ދާން އުޅެފައިމެ އިށީނދެއްޖެ އެވެ. ޝަބާނާއާއި އޭނާއާ ދެ މީހުން އިރު ކޮޅަކު ހިމޭނުން ތިއްބެވެ. ޝަބާނާ އިނީ ހުހަށް އޮތް ކޯޓާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެންމެ ފަހުން ހިމޭން ކަން ފޫ ދުއްވާލީ ނަވީން އެވެ. "އެއީ އެއްގޮތަކަށްވެސް ފަރުޒާނާ ގަސްތުގައި ކުރި ކަމެއް ނޫން- އެއީ ވަރަށް ރަނގަޅު ކުއްޖެއް-"

ޝަބާނާ ނަވީން އާ ދިމާއަށް ބަލައިލިއެވެ. "އޭނާ ގަސްތުގައި ކުރި ކަމަކަށް ވިޔަސް އަހަރެންނަށް ވަރިހަމަ-"

"އެހެންތަ-؟ އެކަމަކު ވެސް ބުނަންތަ-؟ ފަރުޒާނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް-"

"އަހަރެން ދަންނަން- އަހަރެންގެ ބައްޕަ ވަޒީފާ އަދާ ކުރަނީ ފަރުޒާނާގެ ބައްޕަގެ ކުންފުނީގައި... އަހަރެން ދަނީ- އެހެން ނޫނީ ޕާޓީއަށް ލަސް ވެދާނެ-"

"އިހަށް މަޑު ކޮށްލަ ބަލަ- އަހަރެން ކަލޭ ގެއަށް ލައި ދޭނަން ހިނގާ-"

އޭނާ ހެދުން ބަދަލު ކުރާ ކޮޓަރިއަށް ވަދެއްޖެ އެވެ. ނަވީންގެ އުޅުމުން ދިރިއުޅުމުގެ އެއްވެސް ކަމަކާ މެދު މާ ބޮޑު ފިކުރެއް ކުރާހެންނެއް ހިޔެއް ނުވެއެވެ. ނަވީންގެ ޙާލާ މެދު ޚިޔާލު ކުރެވުމުން ޝަބާނާ ދެރަ ވިއެވެ. އަދި ހަސަދަ ވެރި ވެސް ވިއެވެ. ނަވީންގެ ބޮޑު ބޭބެ އޭނާއަށް ބިއުޓީ ޕާލަރެއް ހުޅުވައި ދީފައި ހުރެއެވެ. އަދި އެ ނޫން ވެސް ޚަރަދުތައް ކުރެ އެވެ. އެހެން ނަމަވެސް...

ޝަބާނާގެ ޚިޔާލު ކުއްލި އަކަށް އިޤްބާލާ ދިމާ އަށް އެނބުރިއްޖެއެވެ. "މިހާރު އެ ދެމީހުންނަށް ގެއާ ހަމައަށް ދެވިދާނެއެވެ." ޝަބާނާ ހިތާހިތާ ކިޔައިލިއެވެ. "އެ ދެ މީހުން މިހާރު ވާހަކަ ދައްކާނީ ބާވައެވެ؟ ނޫނީ ފަރުޒާނާ އިޤްބާލް ގެއަށް ވެއްދީ ބާވައެވެ؟"

"ކަލޭގެ ރީތި ކަމުގެ އެހީގައި ކަލެއަށް ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ- އެކަމަކު އެއިން އެއްވެސް ކަމެއްގެ ވައްޓަފާޅިއެއް ކަލެއަކަށް ނޭނގޭ-" ނަވީން ފުން ނޭވައެއް ލިއެވެ. "ވައްޓަފާޅިއާ ރީތިކަމާ ދެ ކަން އެކީގައި ލިބެނީ ވަރަށް މަދު މީހަކަށް-"

ހިނި އައިސް ފައި އިން ނަވީން އާ ދިމާއަށް ޝަބާނާ ފުން ކޮށް ބަލައިލިއެވެ. ނަވީން ވެސް ވަރަށް ރީއްޗެވެ. ފަރުޒާނާ އަށް ވުރެވެސް ރީއްޗެވެ. އެކަމަކު ވެސް އިޤްބާލަށް ކަމު ދިޔައީ ފަރުޒާނާއެވެ.

ޝަބާނާގެ ސިކުނޑީގައި އެނބުރޭ ޚިޔާލުތައް ނަވީންއަށް އެނގުނީ ކަހަލައެވެ. "ނޫނޭ ޝަބާނާ- އެހެންނެއް ނުވާނެ- ފަރުޒާނާ އިޤްބާލާ ދިމާއަކަށް ނޭނބުރޭނެ- އަހަރެންނަށް ޔަޤީން-" އޭނާ ކަށަވަރު ކޮށް ދިނެވެ.

ދެ މީހުން ކްލަބުން ނުކުމެގެން ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ނަވީން ޝަބާނާގެ އަތުގައި ހިފައިލިއެވެ. "ޝަބާނާ- އަހަރެން ކަލެޔާ ވަރަށް ގާތް ގުޅުމެއް ބާއްވާ ހިތްވޭ- ނިކަން ބުނެބަލަ- ކަލޭ ފިރިހެނުންނަށް އެއްވެސް ކަހަލަ ޝަވްޤުވެރި ކަމެއް ބަހައްޓަންތަ-؟ މި ބުނީ އިޤްބާލް ނޫން މީހެއްގެ މައްޗަށް ވާހަކަ-"

ޝަބާނާ ކުޑަ ކޮށް ހާސްވާ ގޮތް ވިއެވެ. މިހައި މިނިވަންކޮށް ވާހަކަ ދެއްކުމަކީ އޭނާއަށް މުޅިން އާ ކަމެކެވެ. އޭނާ އުޅުނު މާޙަވްލު ގައި އަންހެނުން އަންހެނުންނަށް ވެސް މި ކަހަލަ ވާހަކަ ދައްކައެއް ނޫޅެއެވެ. "ނޭނގޭ-" އޭނާ މަޑު މަޑުން ބުނެލިއެވެ. "އަހަރެން ތިޔަ ކަހަލަ ޚިޔާލެއް ނުކުރަން-"

"އަހަރެން ޚިޔާލު ކުރަން- އަބަދުވެސް ހުންނަނީ އެ ޚިޔާލުގައި-  ފިރިހެނުންނާ ދޭތެރޭ ޚިޔާލު ކުރުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް- ކޮންމެ ކަހަލަ، ކޮންމެ މިޒާޖެއްގެ މީހަކަށް ވިޔަސް ހެޔޮ-" ނަވީންގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެއެވެ. އިހު ހުރި ހިނިތުން ވުމަށް ނަފްރަތުގެ އަސަރު ފާއްދާލައިފިއެވެ. ދުލުން ބޭރު ވަމުން ދިޔަ ބަސްތަކާއި މޫނުމަތީން ފެންނާން ހުރި އަސަރަކާ އެއްވެސް ގުޅުމެއް ނެތެވެ.

"ކަލޭ ތިޔަ ދައްކަނީ އަޖާއިބު ވާ ކަހަލަ ވާހަކަ-" ޝަބާނާ ބުންޏެވެ. ނަވީންގެ ވާހަކަތައް އެކަންޏެއް ނޫނެވެ. ޝަބާނާ އަށް ނަވީންވެސް ވަނީ އަޖާއިބު ވާ ފަދަ ކުއްޖަކަށެވެ. އޭނާ ދެކެ ރުޅި އަންނަން ވީ ކަމެއް ނުވަތަ ފިކުރާ ވާންވީ ކަމެއް ޝަބާނާ އަކަށް ނޭނގުނެވެ.

"އާނ- އަހަރެން ދައްކަނީ އަޖާއިބު ވާ ކަހަލަ ވާހަކަ-" ނަވީން ހިނިތުން ވެލިއެވެ. "އަހަރެންގެ ޙަރަކާތްތައް އަދި ކަލެއަށް ނުފެންނަނީ- އެ ދުވަހަކުން އަދި މާ ބޮޑަށް އަޖާއިބު ވާނެ-"

   

ނަވީން ވަރަށް ކުޑަ އިރު އޭނާގެ މައިންބަފައިން ވަނީ މަރު ވެފައެވެ. އޭނާ އުޅެ ބޮޑުވީ ބޮޑުބޭބެ އިރުޝާދުގެ ގޭގައެވެ. ނަވީންގެ މަންމަ އަކީ ބޮޑުދައިތަ ޝަމްސާގެ ވަރަށް ގާތް ރައްޓެއްސެކެވެ. މައިންބަފައިން މަރުވީ އިރު އޭނާގެ އުމުރަކީ އެންމެ ހަތަރު އަހަރެވެ. މަންމަގެ ފަރާތުގައި ވެސް އަދި ބައްޕަގެ ފަރާތުގައި ވެސް އެއްވެސް ގާތްތިމާގެ މީހަކު ނެތެވެ. މި ދަނޑިވަޅުގައި އޭނާ ބަލައި ބޮޑުކުރުމުގެ ކަންތައްތަކާ ޙަވާލުވީ ބޮޑުދައިތަ ޝަމްސާއެވެ. ބަޮޑުދައިތަގެ ދަރިއަކު ނެތުމުގެ ސަބަބުން މައެއްގެ ފަރާތުން ލިބެން ވީ ފުރިހަމަ ލޯބި ނަވީން އަށް އޭނާގެ ފަރާތުން ލިބުނެވެ. މިއީ ލޭގެ ގުޅުމެއް އޮވެގެން ލިބުނު ބޮޑުދައިތައެއް، ބޮޑުބޭބެއެއް ނޫނެވެ.

ބޮޑުދައިތަ ޝަމްސާ އަކީ ވަރަށް މުއްސަނދި މީހެއްގެ ދަރިއެކެވެ. ވުމާ އެކު ބޮޑު ދައިތަވެސް ވަނީ ވަރަށް ބޮޑު މުދާވެރިއަކަށް ވެފައެވެ. ބޮޑުދައިތަގެ ހިޔާވަހިކަމުގެ ދަށުގައި ނަވީން އުޅޭތާ އެންމެ ތިން އަހަރު ވީ ތަނާ ބޮޑުދައިތަ މަރު ވެއްޖެއެވެ. އޭރު ނަވީންގެ އުމުރުން ވީ ހަތް އަހަރެވެ. ބޮޑުދައިތަ މަރު ވުމުގެ ކުރިން ލިޔުނު ވަސިއްޔަތުގައި އޭނާ އަށް ވަރަށް ގިނަ މުދާ ލިބޭ ގޮތަށް ލިޔެފައި އޮތެވެ. އެހެން ނަމަވެސް އެ މުދާތައް އޭނާ އަށް ލިބެނީ އުމުރުން ބާރަ އަހަރު ވީމައެވެ.

   

އޭނާ ދިރި އުޅެމުން ގެންދިޔައީ ވަރަށް ބޮޑު ގެއެއް ގައެވެ. އޭނާގެ އިތުރަށް އެ ގޭގައި އުޅެނީ ބޮޑުބޭބެ އިރުޝާދާއި، ނަވީންގެ ކަންތައްތައް ބަލަހައްޓާ އަންހެނަކާއި، ގޭގެ އެހެނިހެން ކަންތައްތައް ބަލަހައްޓާ އަންހެނެކެވެ. ބޮޑުބޭބެއަކީ ވިޔާނުދާ، އާވާރާ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަނބިމީހާ ދުނިޔޭގައި އިންދާ ބޭނުންހައި ގޮތަކަށް އުޅުމުގެ ފުރުޞަތު އޮތީ ނުލިބިފައެވެ. މުދަލާއި ފައިސާއަކީ ވެސް އަނބިމީހާގެ ތަކެއްޗަށް ވެފައި، ޚުދު ތިމާ ކުރާ އެއްވެސް ކަމެއް ހައްދަވައިގެން ނޯންނާތީއާވެސް އެކުގައެވެ. އަނބިމީހާ މަރުވުމާ އެކު އޭނާ ބޭނުން ކުޅިއެއް ޖަހާނެ ފުރުޞަތު ލިބުނީއެވެ.

ނަވީން ރަނގަޅަށް ބޮޑުވެ ތަސައްރަފު ފުދުމުގެ މާ ކުރިން ބޮޑެތި މީހުންނަށް އެނގެން ޖެހޭ ހުރިހައި ކަމެއް ދަސްވެ ނިމިއްޖެއެވެ. އިރުޝާދުގެ ޙަރަކާތް ތަކާއި، ބަހުރުވަ ރަނގަޅަށް ސިކުނޑިއަށް ނެގިއްޖެއެވެ.

ގޭތެރޭގެ ކަންތައްތައް ބަލަހައްޓަން ގެންގުޅޭ މީހާ ނިކަން އަވަސް އަވަހަށް ބަދަލުވެއެވެ. މި ގޮތަށް ބަދަލުވާ ކޮންމެ މީހަކާ އެކު ބޮޑުބޭބެ ކޮންމެވެސް ބާވަތެއްގެ ޢަމަލެއް ހިންގާ ތަން ނަވީން އަށް ފެނެއެވެ. ވުމާއެކު މި ކަހަލަ ކަންތައްތައް ނަވީންއަށް ވަނީ އާދައިގެ ކަން ކަމަށް ވެފައެވެ.

އެއް ދުވަހަކު އޭނާއާ އެކު އެއް ކުލާހުގައި ކިޔަވަން އުޅޭ ކުއްޖަކަށް ގޭގެ ވާހަކަތައް ކިޔައި ދިނެވެ. އެ ކުއްޖާއަށް އެ ވާހަކަތައް ކަމު ނުދިއުމުން ނަވީން ޙައިރާން ވިއެވެ. "ކިހިނެއްވީ-؟"

"ކަލޭ ވަރަށް ގޯސް- ބޮޑުބޭބެ އާ ބެހޭ ގޮތުން މީހުން ތިޔަ ކަހަލަ ވާހަކަ ދައްކާތަ-؟"

އޭނާ ގެއަށް އައިސް ބޮޑުބޭބެއަށް އެ ދުވަހު ކަންތައް ވީ ގޮތް ކިޔައި ދިނެވެ. ބޮޑުބޭބެ އޭނާގެ ބޮލުގައި ޖަހައިލާފައި ވަރަށް ބާރަށް ހީނގަތުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރެއެވެ.

މި ގޭގައި ނަވީން ތަރުބިއްޔަތު ކުރެވެމުން ދިޔައީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އޭނާ އަށް ދޮގު ހަދަން ދަސް ކޮށް ދިނީ އެ ގެއަށް މަސައްކަތް ކުރަން ގެނައި ނަސީމާ އޭ ކިޔާ މީހެކެވެ. ބޮޑުބޭބެގެ އައިނެއް އޭނާގެ އަތުން ވެއްޓި ތެޅުނީއެވެ. ނަސީމާ އޭނާ އަށް ވިސްނައި ދިނެވެ. "ބުޅާ މޭޒު މައްޗަށް އަރައިގެން އުޅެނިކޮށް އައިނު ވެއްޓުނީއޭ ބުނޭ-"

"އޭރުން ވާނީ ދޮގަކަށްނު-؟ ވާހަކަ ނުދެއްކޭ ޖަނަވާރެއްގެ ބޮލުގައި އަހަރެންގެ ކުށް އަޅުވަނީ ކީއްކުރަން-؟" ނަވީން ދެކޮޅު ހެދިއެވެ.

"ނިކަން ވިސްނާލަބަލަ- ކަލެއަށް ފައިދާ ވާނީ އަހަރެން މި ބުނި ގޮތަށް ހެދީމާ- ތިމަން އަތުން ނުވެއްޓެއޭ ބުނާކަށް ބުޅަލަކަށް ނޭނގޭނެ- ކަންތައް ވީ ގޮތް ރަނގަޅަށް ކިޔައި ދީފިއްޔާ ކަލެއަށް އަދަބު ލިބޭނެ- ދޮގު ހެދިޔަސް ލިބޭނެ އަދަބެއް ނޯންނާނެ- އަދި ބުޅަލަކަށްވެސް އަދަބެއް ނުލިބޭނެ-"

"އެއީ ޤަބޫލު ކުރުން ރަނގަޅު ވާހަކަ އެކެވެ. ނަވީން ކަންތައް ކުރީ ނަސީމާ ބުނި ގޮތަށެވެ. އޭގެ ސަބަބުން އޭނާ އަށް ލިބުނު އެއްވެސް ގެއްލުމެއް ނެތެވެ. ނަސީމާ ދިއުމުން ދެން ގެނައި މީހާގެ ފަރާތުން ވެސް އިތުރު ފިލާވަޅެއް ލިބުނެވެ. އެއީ މީސް މީހުންގެ ބަލިފައިތައް ހޯދައި، އޭގެ ބޭނުން ހިފައިގެން އެކިއެކި ފައިދާތައް ހޯދާނޭ ގޮތެވެ. އެ ހިސާބުން ފެށިގެން ބްލެކްމެއިލް ކުރަން އޭނާ އަށް ދަސް ވެއްޖެއެވެ. އޭގެ ފަހުން އަންނަ ކޮންމެ އަންހެނަކަށް ޖެހެނީ ނަވީން ބުނި ގޮތަކަށް ކަންތައް ކުރާށެވެ. ބޮޑުބޭބެއާއި، އެމީހުންނާ ދޭތެރޭ އޮންނަ ނޭދެވޭ ގުޅުން ބޭޒާރު ކޮށްލަފާނޭ ކަމުގެ ބިރު ދައްކައިގެން ފައިސާ ހޯދުމާއި، މީރު ކާ ތަކެތި ހައްދައިގެން ކެއުން އޭނާގެ އާދަ އަކަށް ވެއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.