ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ފިސާރި ކެރިވަޑައިގަންނަވާ ރަނިންމޭޓެއް ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ މާމެންދުއަށް ނިސްބަވެ ވަޑައިގަންނަވާ ޑރ. ޝަހީމް މިހާރު އުޅުއްވަނީ ކެންޕޭން ދަތުރުފުޅެއްގައި ހުވަދުއަތޮޅުގައެވެ. އެދަތުރުފުޅުގައި ޝަހީމް ގެންދަވަނީ ގޭގެއަށާއި ތަންތަނަށް ވަޑައިގެން މީހުންނާ ބައްދަލު ކުރައްވައި ކެންޕޭން ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ މީހުންނާއި އެޕާޓީގެ ހަރުގެތަކަށްވެސް އެމަނިކުފާނު ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ. "ޑރ. މުހަންމަދު ޝަހީމް އަލީ ސައިދަކީ ކެރޭ ހީވާގި އިޚުލާސްތެރި ރަނިންމޭޓެއް،" ނީހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ހޫނުމަރުހަބާއެއް ދަންނަވާ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ކެންޕޭން ހަރަކާތްތަކުގައި ޝަހީމް ވިދާޅުވަމުން ގެންދަވަނީ އިދިކޮޅު ލީޑަރުންނާއި އާންމުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވައި ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށް ވިދާޅުވަމުންނެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވައިފި ކަމަށްވާނަމަ އިސްލާމްދީނާއި ގައުމުގެ ތަރައްގީއަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ގައުމު އަމާން ބަނދަރަކަށް ގެންދަވާނެ ކަމަށް ވެސް ޝަހީމު ވިދާޅުވެއެވެ.
ޑރ. ޝަހީމަކީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީން ސަރުކާރުގައި އިސްލާމިކް އެފެއާޒު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދު ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އެމަނިކުފާނު މިހާރު އަދާ ކުރައްވާ ވަޒީފާއަކީ މޯލްޑިވްސް އިސްލާމިކް ޔުނިވަރުސިޓީގެ ޗާންސެލަރުގެ މަގާމެވެ.