(16 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ލައްބަ- އޭނާ-" ޝަބާނާގެ އަޑުގައި ވަނީ ފޫއްސާއި، ހިތާމައިގެ އަސަރެވެ. އިޤްބާލްގެ އެދުމަށް ފަރުޒާނާ އިޖާބަ ދިން ނަމަ އޭނާގެ ހުރިހާ އުއްމީދެއް ވަޔައް ބުރައިގެން ދިޔައީހެވެ. އިޤްބާލް ފަރުޒާނާގެ ފަހަތުން ދިޔައީސް ކަން ކަށަވަރެވެ.
އެހެން ނަމަވެސް އިޤްބާލް ކާރާ ދިމާއަށް ހިނގައިގަތުމުން ގެނބެމުން ދިޔަ އޭނާގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ.
އިޤްބާލް ކާރު ދުއްވަމުން ދަނީ ވަރަށް ބާރަށެވެ. ދުއްވާ އެއްޗެހި ހިސާބަކަށް މަދު ވެފައި ވުމުގެ ސަބަބުން އެއްވެސް ކަހަލަ ނުރައްކަލަކާ ދިމައެއް ނުވެއެވެ. "ފަރުޒާނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް-" ޝަބާނާ ދައްކާނޭ ވާހަކައެއް ނޭނގިގެން ފަރުޒާނާގެ ވާހަކަ ފެށިއެވެ. "ބައްޕަ މަސައްކަތް ކުރައްވަނީ މަލިކް ކޮންސްޓްރަކްޝަން ކޮމްޕެނީގައި-"
"އެހެންތަ-؟" ފަރުޒާނާ އާ މެދު އެއްވެސް ކަހަލަ ޝައުގު ވެރިކަމެއް ހުރި ކަމުގެ އަލާމާތެއް އިޤްބާލްގެ ކިބަޔަކުން ނުފެނެއެވެ.
ދަތުރު ނިމިގެން ދިޔައީ އެކި ކަހަލަ ވާހަކަ ދެއްކުމުގައެވެ. އިޤްބާލްގެ ކާރު ގޮސް ހުއްޓައިލީ އަތިރިމަތީގައި ހުރި ހަރުގެއެއްގެ ކައިރި އަށެވެ. ޝަބާނާ ފައިބަން ކާރުގެ ދޮރު ހުޅުވައި ދިނީވެސް އިޤްބާލެވެ. ޝަބާނާ ފައިބާ، އަތިރި މައްޗަށް ކަޅި ހިންގައިލިއެވެ. ހަނދުވަރުގެ އަލީގައި އަތިރިމަތި ފެންނަނީ އަޖާއިބު ވާހައި ރީތި ގޮތަކަށެވެ.
ކާރު ތަޅުލުމަށްފަހު އިޤްބާލް ޝަބާނާގެ އަތުގައި ހިފައިގެން ގޮނޑު ދޮށާ ދިމާއަށް ހިނގައިގެންފިއެވެ. ދެ މީހުން ކުރެ މީހަކު އަނގަޔަކުން ނުބުނެއެވެ. މުޅި ތަން ވަނީ ހިމޭން ވެފައެވެ. އެހެން ނަމަވެސް އެ ހިމޭންކަން އެތައް ވާހަކައެއް ކިޔައި ދޭ ކަހަލައެވެ. "ހިނގާ ހަރުގެއަށް ދަމާ- މާ ބޮޑަށް ފިނި ވެއްޖެ- އަރިދަފުސް ވެސް އަޅައިދާނެ-"
ހަރުގެ ތެރެއަކު ދޯންޏެއް ނެތެވެ. އިށީންނަން ހަދާފައި ހުރި އަށި ކަހަލަ ދެ ތަން ހުއްޓެވެ. ދެ މީހުން ގޮސް އެ ތަނުން އަށްޓެއްގައި އިށީނދެއްޖެއެވެ. އެކަކުވެސް ބަހަކުން ބަހެއް ނުބުނެ އެތައް އިރެއް ވެއްޖެއެވެ. އިޤްބާލް އިނީ އިސް ޖަހައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެހެން އިނދެފައި ކުއްލިއަކަށް އިސް އުފުލައި ޝަބާނާއާ ދިމާއަށް ބަލައިލިއެވެ. އިޤްބާލްގެ ލޮލުގައި ހުރި ކުލަވަރު ފެނުމުން ޝަބާނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. މޭގަނޑު ތެޅެން ފަށައިފިއެވެ. ވާން އުޅޭ ގޮތް އޭނާއަށް އެނގެއެވެ. އެ ވަގުތު އޭނާގެ ހިތް ވަނީ އިޤްބާލްގެ މައްޗަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ފުރިފައެވެ. ދެ މީހުން މަޑުމަޑުން ކައިރިއަށް ޖެހިލިއެވެ.
ޝަބާނާ ސަލާމަތް ވާކަށް މަސައްކަތެއް ނުކުރެއެވެ. އެހެން ނަމަވެސް ނޭފަތު ކުރިއަށް ފެން އެރުމުން ކެތެއް ނުކުރެވުނެވެ. އޭނާ މަޑުމައިތިރި ކަމާއެކު އިޤްބާލް ދުރަށް ޖައްސައިލިއެވެ. އިޤްބާލް ޙައިރާން ވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. އަދި ހީނގެންފައި ބުންޏެވެ. "މަޢާފް ކުރޭ-"
"އިޤްބާލް-" އޭނާ އިޤްބާލްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. އޭނާ ބޭނުން ވަނީ ހުރިހައި ވާހަކައެއް ބުނާށެވެ.
"ހިނގާ ދަމާ- މާދަމާ ހެނދުނު އޮފީހަށް ވެސް ދާން ޖެހެއެއްނު-؟" އިޤްބާލްގެ އަޑުގައި ހުރި ފަރުވާ ކުޑަ ކަމެއްގެ ސަބަބުން ޝަބާނާއަށް ނުރޮވުނީ ކިރިޔާއެވެ. "އިޤްބާލް ހީކުރެއްވީ އަޅުގަނޑަކީ ބޭނުން ކޮންމެ އަތަކަށް ލަންބާލެވޭ މީހެއްކަމަށްތޯ-؟"
"އެހެން ހީކުރެވުނު ކަމަށްވެސް ވެދާނެ- މިހާރު މިިހިރީ އިޞްލާޙު ވެފައި-" އިޤްބާލް ތަންކޮޅެއް ބާރަށް ބުންޏެވެ.
"އަޅުގަނޑުވެސް ތިޔަ ހުރިހައި ކަމެއް ބޭނުން- އެހެން ނަމަވެސް މި ގޮތަކަށް ނޫން- އަޅުގަ..."
އިޤްބާލް ސިގިރޭޓް އެއްލައިލިއެވެ. "ޝަބާނާ- އެކަން އެހައި ހިސާބުން އެ ނިމުނީ- އަހަރެން މަޢާފަށް ވެސް އެދިއްޖައިން- އިތުރަށް ކަލޭ ބޭނުން ވަނީ ކޮންކަމެއް-؟"
"އަޅުގަނޑު ބޭނުން ވަނީ އިޤްބާލް-" ޝަބާނާގެ ހިތް ގަދަ އަޑުން ރޮނީއެވެ.
"ހިނގާ ދާން-"
ދެ މީހުން ހަރުގެއިން ނުކުމެގެން އައިސް ކާރަށް އަރައިފިއެވެ. އެނބުރި އައި މަގުމަތީގައި ދެ މީހުން ކުރެ މީހަކު އަނގަޔަކުން ނުބުނެއެވެ. އިޤްބާލް ވިސްނަމުން ދިޔައީ ފަރުޒާނާ މަލިކާ މެދުގައެވެ. ޝަބާނާ ވިސްނަމުން ދިޔައީ ވިއްސި ވިހާލިވެގެން ދިޔަ އޭނާގެ ފޮނި ހުވަފެނާ މެދުގައެވެ. އަނެއްކާ އިޤްބާލް ވެސް އެހެން މީހުން ހެން... މި ޚިޔާލުން އޭނާގެ ސިކުނޑި ހާސް ކުރުވަމުން ދިޔައެވެ. އެހެން ނަމަވެސް އިޤްބާލް ކޮންމެ ކަހަލަ މީހަކަށް ވިޔަސް ހަމައިން ނައްޓައި ނުލީތީ އޭނާ އުފާ ކުރިއެވެ.
ފަރުޒާނާ އަށް އޭނާ ބޭނުންވާ ވަރަކަށް އެއްވެސް މީހެއްގެ ސަމާލު ކަމެއް ނުލިބެއެވެ. މަންމަ އަވަދި ނެތި އުޅެނީ އަމިއްލަ މަސައްކަތުގައެވެ. ބައްޕަ އަކީ ފައިސާ ޖަހާ މެޝިނެކެވެ. ތަޢުލީމް ޙާޞިލް ކުރަން ވެސް އޭނާއަށް ދާން ޖެހުނީ ރަށުން ބޭރަށެވެ. ފުރަތަމަ ކޮޅުނބަށް، ދެން ނިވް ޔޯރކަށެވެ. ބޮޑުވެ ތަސައްރަފު ފުދުމުންވެސް އޭނާއާ މެދު އެއްވެސް މީހަކު ފަރުވާލެއް ނުބަހައްޓާކަން ހަނދާނެއް ނުނެތެއެވެ. ބައްޕަގެ މަސައްކަތް ބުރަ ކަމަކީ މަޢާފް ކުރެވިދާނޭ ކަމެކެވެ. އެހެން ނަމަވެސް މަންމަ އޭނާޔާ ދޭތެރޭ ފަރުވާ ކުޑަ ކުރުން ވީ މަޢާފް ނުކުރެވޭ ވަރުގެ ބޮޑު ކުށަކަށެވެ.
ޔޫސުފް މަލިކަކީ އުފެދުމުގައިވެސް ރަހެކެވެ. ވެރިއެކެވެ. ވަރަށް ވިސްނުން ތޫނު، ރަނގަޅު ވެރިއެކެވެ. ހިނާއަކީ އޭނާގެ އަވަށްޓެރިއެކެވެ. އިސްކޫލު ދުވަސްވަރު ވެސް ހިނާ އާއި ޔޫސުފް މަލިކަކީ ދެ ރަޙުމަތްތެރިންނެވެ. ހިނާ އަކީ ވަރަށް ހިމޭން، އަމިއްލަ ގޮތް ބޮޑު ކުއްޖެކެވެ. އެހެނިހެން ކުދިން ފަދައިން ހީނ، ސަކަރާތް ޖަހައި އުޅުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. ތިމަން އިންނަން ބޭނުން ވަނީ ހިނާއާކަން ޔޫސުފް މަލިކަށް ކަށަވަރެވެ. އޭނާއާއި ނަޖްމާއާ ދިމާވީ މި ކަންތައް ގަނޑުގެ ތެރޭގައި އުޅެނިކޮށެވެ. ނަޖްމާ އަކީ ވެސް އާދައިގެ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް ހިނާ ކަހަލަ މަޑުމައިތިރި ކުއްޖެއްވެސް ނޫނެވެ. އަޒުމް ވަރުގަދަ ކުއްޖެކެވެ. ދެރަ ވުމާއި، ހަތިޔާރު ބެހެއްޓުމަކީ އޭނާ ކުރާ ހިތްވާ ކަން ކަމެއް ނޫނެވެ. ގަދަ މަސައްކަތް ކޮށްގެން ބޭނުންތައް ފުއްދުމަކީ އޭނާ ޖެހިލުންވާ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ އެހެން މީހުން ލައްވައި މިގޮތަށް މަސައްކަތް ކުރުވަން ވެސް އޭނާ ފިސާރި ރަނގަޅަށް ދަނެއެވެ. އޭނާގެ ކިބައިގައި އެކުލެވިފައި ވަނީ އަޖާއިބެއް ފަދަ ސިޙްރީ އަސަރެކެވެ. އެ ސިޙްރުގައި ޖެހިގެން ގޮސް މި ވީ ކީއްކަން ޔޫސުފް މަލިކަށް އެނގުނީވެސް އޭނާއާ އިނދެވުނު ފަހުންނެވެ.
ހިނާ އާ މިހާރު ވެސް ދޭތެރެ ދޭތެރެއިން ދިމާވެއެވެ. އޭނާގެ ކިބައިގައި މިހާރު ވެސް އެ ހިމޭން ކަމާއި، އަމިއްލަ ގޮތް އެކުލެވިފައި ވެއެވެ. އެހެން ނަމަވެސް އޭނާ ފެނުމުން ކޮންމެވެސް ހިތާމައެއްގެ ހިޔަނި ފެންނަހެން ވެސް ހީވެއެވެ. އޭނާ ޔޫސުފް ދެކެ ރުޅިއެއް ނާދެއެވެ. ޝަކުވާއެއް ވެސް ނުމެ ކުރޭ މެއެވެ. އޭނާ ބުނީ ހަމައެކަނި މިހެންނެވެ. "ކޮންމެ އިންސާނަކަށް ވެސް އެ މީހެއްގެ އަމިއްލަ ކަންތައްތައް ބޭނުން ވަގުތަކު، ބޭނުން ގޮތަކަށް ބަދަލު ކުރުމުގެ ޙައްޤު ލިބިގެން ވޭ-"
ހިނާ ނެތުމުން ޔޫސުފަށް މިހާރު އެކަމުގެ އުނިކަން އިޙްސާސް ކުރެވެއެވެ. މި ކަން އޭނާ އަށް އިޙްސާސް ކުރެވެން ފެށީ ނަޖްމާގެ ޖާދޫއިން ނެއްޓުމުންނެވެ. ނަޖްމާގެ ބޭނުމަކީ ހަމަ އެކަނި އޭނާގެ އަމިއްލަ މަޤްޞަދުތައް ޙާޞިލް ކުރުންކަން އެނގުމުންނެވެ. ނަޖްމާ އޭނާއާ ގުޅުނީ އޭނާގެ ކިބައިގައި ކުރިއަށް ދިއުމުގެ ހުނަރުވެރިކަން ހުރިކަން އެނގުމުންނެވެ. ނަޖްމާ ބޭނުން ވަނީ ޔޫސުފްގެ އެހީގައި މުޅި ދުނިޔެ ޙާޞިލް ކުރާށެވެ. މަޝްރޫޢަކަށް ފަހު މަޝްރޫޢެއް ރާވައި އެ މަޝްރޫޢުތައް ހިންގުމުގައި ޔޫސުފް ހަތިޔާރަކަށް ބޭނުން ކުރުމަކީ ނަޖްމާގެ އާދައެވެ. ކަމަކަށްޓަކައި ޔޫސުފްގެ ފަސްބައިގައި އެލިގަތުމަށް ފަހު އެ ކަމެއް ނުވަނީސް ވީއްލައެއް ނުލާނެއެވެ.
ޔޫސުފްގެ ދިރިއުޅުން ވަނީ މެޝިނެއްގެ ހިނގުމަށް ބަދަލު ވެފައެވެ. އެއާއެކު ހިނާގެ ލޯބިން މަޙްރޫމް ވުމުން އޭނާގެ ދިރުއުޅުން ވަނީ ވަރުގަދަ ވޭނަކަށްވެސް ވެފައެވެ. ޔޫސުފް ދެކެ ހިނާ ނިހާޔަތަށް ލޯބި ވެއެވެ. ޔޫސުފް އަތުން ބީވެގެން ދިއުމުންވެސް އެއީ ތިމާގެ މައިތިރި ކަމުގެ ސަބަބުން ވީ ކަމެއް ކަމަށް އޭނާ ޤަބޫލު ކުރީ ހެޔޮ ހިތުންނެވެ. އެކަމުގައި ޔޫސުފްގެ އެއްވެސް ކުށެއްނެތް ކަމަށް އޭނާ ބުނެއެވެ. ޔޫސުފް ގެއްލުމުން އޭނާގެ ލޯބީގެ ނައު ދާނެ ދިމާއަކަށް ދާން އޮޔަށް، ވަޔަށް ދޫކޮށްލީއެވެ. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ތަނެއްގައި ޖެހޭނޭ ކަން އޭނާ އަށް އެނގެއެވެ. ޖެހެނީ ކޮން ތަނެއްގައިތޯ ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަކަށް އޭނާއެއް ނުބަލައެވެ.
ވީ ވެސް އެހެންނެވެ. ޔޫސުފް އޭނާ ދޫކޮށްލާފައި ގޮސް އެހެން ގެއެއް އާބާދު ކޮށްފިއެވެ. އޭނާ ހިތާމައިން ހިތް ހަލާކު ވެފައި ހުރީއެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސް ތަކެއް ނުވެ އޭނާގެ ކާވެނި ޖައްބާރާ ކުރެވިއްޖެއެވެ. ޖައްބާރަކީ ވެސް ޔޫސުފް ފަދައިން އަބުރުވެރި، ގޮތް ހުރި މީހެކެވެ. ދެ މީހުންގެ ގާތްކަން ވެސް ހިސާބަކަށް އޮވެއެވެ.
ހިނާގެ ކާވެނި ވުމުން ޔޫސުފް ވެސް ވަރަށް ބޮޑަށް ހިތް ހަމަ ޖެހުނެވެ. ވުމާއެކު އޭނާގެ ހުރިހާ ސަމާލު ކަމެއް ނަޖްމާގެ މައްޗަށް އަނބުރައިލިއެވެ. ވިސްނަ ވިސްނައިގެން ނަޖްމާ އެކި ބާވަތް ބާވަތުގެ މަޝްރޫޢުތައް ފެންމަތި ކުރަނީއެވެ. ޔޫސުފް އެ މަޝްރޫޢުތައް ހިންގަނީއެވެ. ކުރުކޮށް ދަންނަވާ ނަމަ ނަޖްމާ އަކީ ސިކުނޑިއެވެ. ހަށިގަނޑަކީ ޔޫސުފެވެ.
ކޮންސްޓްރަކްޝަން ނުވަތަ ޢިމާރާތް ކުރުމުގެ މަސައްކަތް ޔޫސުފް ފަށައިފިއެވެ. އެ ދުވަސްވަރަކީ މި ފަންނު އަލަށް ތަޢާރަފް ވީ ދުވަސްވަރެވެ. ޔޫސުފަކީ އެ ރޮނގުގައި ކުޅަދާނަ މާހިރެކެވެ. ވުމާއެކު އޭނާ ކުރިއަށް ދާން ފެށީ ނުހަނު ހަލުވިކަމާ އެކުގައެވެ. މަސައްކަތް ކުރިއަށް ދަމުންގޮސް މަލިކު ކޮންޓްރަކްޝަން ކޮމްޕެނީ ވުޖޫދަށް އަތުވެއްޖެއެވެ. ހޭބޯ ނާރައި ކުރަން ޖެހޭ ވަރަށް މަސައްކަތް ލިބެން ފަށައިފިއެވެ.
މިހާރު ހިނާ އަކީ އޭނާގެ މާޒީގެ ބަލި ހަނދާނެކެވެ.
ޔޫސުފް މަލިކް އޭނާގެ ކުންފުނިން ޖައްބާރަށް މަސައްކަތު ސަރުދާރެއްގެ ވަޒީފާ ދީފިއެވެ. ޖައްބާރަކީ ގޮތް ހުރި، ހަރުދަނާ މަސައްކަތްތެރިއެކެވެ. އަމިއްލަ ނަފްސަށްޓަކައި މަސައްކަތް ކުރުމަކީ އޭނާ ޚިޔާލުވެސް ކުރާ ކަމެއް ނޫނެވެ. އޭނާގެ އަންހެނުން ހުންނަނީ މި ކަމުގައި އޭނާއަށް ވުރެ ހަފިލި މަތީގައެވެ.
(ނުނިމޭ)