(12 ޖުލައި 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޑްރީމްކްލަބަކީ މުއްސަނދިންނަށް ހުޅުވައިފައިވާ ކްލަބެކެވެ. އެހެންނަމަވެސް އާދައިގެ މީހުންވެސް އެތަނަށް ގޮސް އުޅެއެވެ. ޝަބާނާ އެތާނގެ މެމްބަރަކަށް ހަދައި ދިނީ އޭނާގެ ބައްޕަ ޖައްބާރެވެ. ބައްޕަ ދެކޭގޮތުގައި ރަނގަޅު މީހަކާ ގުޅެވޭނީ މޮޅު، މުއްސަނދި މީހުން ގޮސް އުޅޭ ތަންތަނަށް ދިޔައީމައެވެ. އެމީހުންގެ ގެއަކީ މޮޅު މީހުން ގޮސް އުޅޭ ފެންވަރުގެ ގެއެއް ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. ވުމާއެކު ކްލަބް ވެފައި ވަނީ އެކަކު އަނެކަކާ ބައްދަލު ކޮށް ވާހަކަ ދައްކަން ތިބޭ ފިނިއަށްޓަކަށެވެ. ޖައްބާރު އޭނާގެ ދަރިފުޅު ކްލަބަށް ފޮނުވަން ވަރަށް ބާރު އަޅައެވެ. ނަޞީރު ކްލަބާ ގުޅުނީ މުޅިން އަމިއްލަ ގޮތުންނެވެ. އެއްވެސް މީހެއްގެ ބާރެއް އޮވެގެންނެއް ނޫނެވެ. ނަޞީރު ވަރަށް ރަނގަޅަށް ގިޓާ ޖަހަން ދަނެއެވެ. އޭނާ ކްލަބްގެ މިއުޒިކް ގްރޫޕުން ވަޒީފާއެއް ހޯދީއެވެ.
ހުކުރު ދުވަހަކީ ނަޞީރުގެ ޗުއްޓީ ދުވަހެވެ. ޝަބާނާގެ އިންކާރު ކުރުމަކުން އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. މުސްކުޅި، ޒަމާންވީ އެއްޗެއްސާ މެދު ފަރުވާ ބަހައްޓަނީ ކާކު ހެއްޔެވެ؟ ޝަބާނާ ކްލަބަށް ލާފައި ނަޞީރު ދިޔައީ އޭނާގެ ރަޙުމަތްތެރި ރޫފީގެ ގެއަށެވެ. ރޫފީ އަކީ ކްލަބްގެ މިއުޒިކް ގްރޫޕްގެ އެންމެ އިސްމީހާއެވެ.
ރޫފީ އޭރު ގޭގައި އުޅެއެވެ. ނަޞީރު ފެނުމާއެކު ބުންޏެވެ. "ތިޔަ އައީ ހަމަ ބަރާބަރު ވަގުތަށް- މިއަދު ވެސް އަހަރެން މިއުޒިކް ޓެސްޓުން ފޭލި ވެއްޖެ- މިހާރު މި ވިސްނަނީ އަމިއްލަ އަށް މަރު ވާން- ބަލަ މި ތަނަށް ތިޔަ އައީ ކީއް ކުރަން-؟ އަހަރެން ހީކުރީ މިހާރު އުޅޭނީ ޝަބާނާ އާ އެކީގައި ކަމަށް-"
"ޝަބާނާ މަކަރު ހަދައިފި- ހިނގާ ދެ މީހުން އެކީގައި މަރު ވަމާ-" ނަޞީރު ހޭން ފަށައިފިއެވެ. "ޝަބާނާއަށް މިހާރު ފެންނަނީ ކުލަ ހުވަފެން- އަހަންނަށް އަދިވެސް ފެންނަނީ ކަޅާއި ހުދުގެ ހުވަފެން-"
ރޫފީ ވަރަށް ފުންކޮށް ނަޞީރާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ދެރައެއްނުވޭތަ-؟"
"ނުވޭ- އެއްގޮތަކަށްވެސް ނުވޭ-" ނަޞީރު އަވަސް އަވަހަށް ބުނެލި އެވެ. "ކަލޭގެ ޓެސްޓް ނާކާމިޔާބުވީމާ ވަރަށް ބޮޑަށް އުފާ ވެއްޖެ- އަހަރެން މިއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް-"
"އަހަރެންނަށް ކާމިޔާބު ވެއްޖެއްޔާ ކަލެއަށް ވެސް ޖާގައެއް ހޯދައި ދޭނަން-" ރޫފީ ބުންޏެވެ. "މިއުޒިކުގެ ރޮނގުގައި ކަލޭ އަހަންނަށް ވުރެ މާ ކުޅަދާނަ- އަމިއްލަ ނަފްސަށް އިތުބާރު ކުރާ ނަމަ ވަރަށް ރަނގަޅުވީސް-"
"ޕިޔާނާ އިން ނިކަން ރާގެއް ކުޅެލަބަލަ-" ނަޞީރު ރޫފީއާ ވަރަށް ބޮޑަށް ގަޔާވެއެވެ. ރޫފީ ފެނުމުން އޭނާގެ ބައްޕަގެ މަތިން ހަނދާން ވަނީ ކީއްވެގެންބާވައެވެ؟
ކްލަބަށް ވަނުމާއެކު ކުޅިވަރުގެ ފޯރި މި އޮތީ އެންމެ މައްޗަށް ގޮސްފައި ކަން ޝަބާނާ އަށް އެނގިއްޖެއެވެ. މޭޒުތައް ކައިރީގައި އިށީނދެގެން ތިބި މީހުން ތިބީ އުފާވެރި ވާހަކަ ތަކަށް ގެއްލިފަ އެވެ. ކުޅިވަރު ކުޅޭ ކޮޓަރީިގެ ތެރެއިން ދޭތެރެ ދޭތެރެއިން އަތްތިލަބަޑީގެ އަޑު އިވެއެވެ. އެ ތާނގައި ވަރަށް ފޯރިގަދަ މެޗެއް ކުޅެނީ ހެން ހީވެއެވެ. ޝަބާނާ ހޯލު ތެރެ އަށް ވަދެއްޖެއެވެ. އޭރު ބަޔަކު ޑާޓް ކުޅެން ތިއްބެވެ. ޝަބާނާގެ ނަޒަރު ގޮސް ހުއްޓުނީ ކައުންޓަރާ ދިމާ އަށެވެ. ކައުންޓަރުގައި ލެނގިލައިގެން ޑާޓް ކުޅޭ މީހުންނާ ދިމާއަށް ބަލަން އެހެރީ އިޤްބާލް އަޙްމަދު ފިޔަވައި ދެވަނަ މީހެއް ނޫނެވެ.
ފުރަގަހުން ކޮންމެވެސް މީހަކު ބުނެލި އަޑު އިވުނެވެ. "ހަ އަހަރާއި ހަތްތަރި އަހަރާ ދެމެދުގެ ހުރިހައި ފިރިހެނުންގެ ވެސް ސިކުނޑި އެއްގޮތް ވާނެ-"
ޝަބާނާ އެނބުރި ބަލައިލިއެވެ. ނަވީން ހޭން ފަށައިފިއެވެ. ނަވީން އަކީ ބޭނުން ކޮންމެ ވާހަކައެއް ކަޮންމެ ވަގުތެއްގައި ވެސް ދައްކަން ޖެހިލުން ނުވާ ކުއްޖެކެވެ. ހުނުމާއި، މަޖަލުގެ ތެރޭގައި އޭނާ ކޮންމެ ފަދަ އެއްޗެކޭވެސް ކިޔައި ފާނެއެވެ. އަންހެނަކު އެ ކަހަލަ ވާހަކަ ދައްކާތީ ޝަބާނާ ހަމައެކަނި އަޖާއިބު ވަނީއެއް ނޫނެވެ. އެ ކަމާ ނުރުހުން ވެސް ވެއެވެ. އެހެން ނަމަވެސް ކްލަބްގެ މެމްބަރަކަށް ވުމުން ޖެހުނީ މި ކަހަލަ ހުރިހާ ކަމަކަށް ކެތް ކުރާށެވެ. ފައިސާ ލިބުމުން އިންސާނާގެ ދޫވެސް ބޭނުން ގޮތަކަށް ތެޅުވުމުގެ ހުއްދަ ލިބުނީއެވެ.
"އެކި ބާވަތް ބާވަތުގެ ސިކުނޑީގެ ތަޙްޤީޤުތައް ކުރުމަކީ ވަރަށް މަޖާ ކަމެއް-" ނަވީން އޭނާގެ އިސްތަށިގަނޑު ރަނގަޅު ކުރަމުން ބުނެލިއެވެ. "އަހަރެން ކިތަންމެ ގިނަ އިރެއް ވިޔަސް މި މައުޟޫޢުގެ މައްޗަށް ވާހަކަ ދައްކަފާނަން-"
ޝަބާނާ ނަވީން އާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. ފައިސާގެ ސަބަބުން މީހުންނަށް އެހައި ބޮޑެތި ބަދަލުތައް އަންނަނީ ކީއްވެގެން ބާވައެވެ؟ ނަވީންގެ އަމިއްލަ ބިއުޓީ ޕާލަރެއް (އަންހެންކުދިންގެ ސިފަ ބަދަލު ކޮށް ރީތި ކޮށް ހަދާތަނެއް) ހުރެއެވެ. އެ ތަނުން ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބެއެވެ. ނަވީންގެ ކާމިޔާބީ އާ ހެދި ޝަބާނާ ފަހަރެއްގައިވެސް ހަސަދަވެރިއެއް ނުވެއެވެ. ނަވީން އަބަދުވެސް އޭނާޔާ ވާހަކަ ދައްކަނީ ހިތްހެޔޮކަމާ އެކުގައެވެ. ރަޙުމަތްތެރިކަން ނުހަނު ބޮޑަށް އޮވެއެވެ. ބަލަންވީ ކަމަކީ އެއީއެއް ނޫން ހެއްޔެވެ؟
"އޭނާ ކަލެއާ ދިމާއަށް އެބަ ބަލާ-" ނަވީން ލާނެތް ރާގަކަށް ބުނެލިއެވެ. "ދެން އެންމެ ރަނގަޅު ވާނީ އަހަރެން މި ތަނުން ރައްކާވިއްޔާ-"
ކައުންޓަރާ ދިމާއަށް ދިޔަ އިރު ޝަބާނަގެ ހިތަށް އަރަމުން ދިޔައެވެ. ނަވީން އަށް އަހަރެންގެ ހިތުގެ ޙާލު އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މޭގަނޑު ބާރަށް ތެޅެން ފަށައިފިއެވެ.
އިޤްބާލް އޭނާއަށް މަރުޙަބާ ކީ ހިނިތުން ވުމަކުންނެވެ. އެ ވަގުތު ކޮންމެވެސް މީހަކު އެއްލި ތީރެއް ގޮސް ތީރު ބޯޑުގެ މެދަށް ޖެހިއްޖެއެވެ. އަތްތިލަ ބަޑީގެ އަޑުން ހޯލް ގުގުމާލައިފިއެވެ. އިޤްބާލްގެ ސަމާލުކަން ތީރު ބޯޑަށް ހުއްޓިއްޖެއެވެ. އެ ތާނގައި އޭނާ ހުރުމަކީ ބޭނުން ކަމެއް ނޫން ކަމުގައި ޝަބާނާއަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. އެހެން ނަމަވެސް ކެތްކޮށްގެން ހުރީއެވެ.
ތިމާގެ އަމިއްލަ ރީތިކަން ޝަބާނާއަށް ވަޒަން ކުރެވެއެވެ. އަންހެން ކުދިންނަށް މިކަން ވަޒަން ކުރެވެން ފަށަނީ މަދަރުސީ ދައުރު ގައެވެ. ފިރިހެނުން އެކި ގޮތް ގޮތަށް ބަލާ ބެލުން ޝަބާނާއަކަށް ކަމަކު ނުދެއެވެ. އެހެން ނަމަވެސް އިޤްބާލް އޭނާއާ ދިމާއަށް ބަލައިލުމުން ވަރަށް އުފާ ވެއެވެ. އެންމެ ފުރަތަމަ އޭނާ އަށް އިޤްބާލް ފެނުނީ، އޭނާ ޓީޓީ ކުޅެން ހުއްޓައެވެ. އޭނާގެ ކުޅުން ރަނގަޅު ކަމުން އިޤްބާލް އެ ދުވަހު ވަރަށް ތަޢުރީފު ވެސް ކުރިއެވެ.
ޝަބާނާ ކައުންޓަރުގެ އަރިމަތީގައި ހުރި ކުޑަދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އިޤްބާލްގެ ބަލައިލުމަކަށް އިންތިޒާރު ކުރުން ވެގެން ދިޔައީ ވޭނަކަށެވެ. އެ ވަގުތު އިޤްބާލް އޭނާގެ އަތުގައި ހިފަހައިލިއެވެ. ޝަބާނާގެ ހިތް ފުންމައިގެން އަނގައަށް އަތުވެއްޖެއެވެ. ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ.
"އޭތް- ނުލަފާކުއްޖާޔާ- ކިހިނެއްތަ-؟" އިޤްބާލް އޭނާއަށް ލުނބޯ ފަނި ތަށްޓެއް ދިއްކޮށްލިއެވެ. "ނިކަން ބަލާބަލަ- ކަލެއަށް އެންމެ މީރު ޖޫސް އަހަރެން ހަނދާން އެބަހުރި-"
ޝަބާނާ އޭނާއަށް ލިބިގެން ދިޔަ އުފާވެރިކަން ފާޅު ނުކޮށް ވޭތޯ ލައްކަ މަސައްކަތް ކުރިއެވެ. "ޝުކުރިއްޔާ-"
"ކޮންތާނކު ތިޔަ އުޅެނީ-؟ މިއަދު ވަރަށް ފޯރި ގަދަ ޓީޓީ މެޗް ތަކެއް ކުޅެވިއްޖެ-"
ޝަބާނާގެ މޭގަނޑު އަނެއްކާވެސް ތެޅެން ފަށައިފިއެވެ. އިޤްބާލް އޭނާގެ މަތިން ހަނދާން ކުރީ ތާއެވެ! އޭނާ އުޅުނު ތަނެއް އޮޅުން ފިލުވަންވެސް ބޭނުން ވަނީއެވެ. "ގޭގައި ކުޑަކުޑަ މަސައްކަތެއް އޮތީ-" އޭނާ ޖަވާބު ދިނެވެ.
"ކަލޭގެ މެޗް އޮތީ ކިހާ އިރަކު-؟"
"ކުޑަ އިރުކޮޅަކުން ފެށޭނެ-"
"އެހެން ވެއްޖެއްޔާ ހިނގާ އަވަހަށް-"
ދެ މީހުން އެކީގައި ގޮސް ކުޅިވަރު ކުޅޭ ކޮޓަރި އަށް ވަދެއްޖެއެވެ. އެ މީހުންނަށް ވަދެވުނު އިރު ޓީޓީ މެޗެއް ކުޅެ ނިމުނީއެވެ. ޝަބާނާއާއި އަނެއް ކޮޅުން ބައްދަލު ކުރާ ފައުޒިއްޔާ ތައްޔާރަށް އިނެވެ. ޝަބާނާ ފެނުމުން ބުންޏެވެ. "އައީތަ-؟ އަހަރެން މި ހުންނަނީ ކަލޭ ނާދޭތޯ ދުޢާ ކޮށްކޮށް- އަހަންނަށް ނުކުޅެ މެޗް ލިބޭނީ އޭރުންނެއްނު-؟"
ފަނަރަ ވަރަކަށް މިނިޓް ފަހުން މެޗް ފެށިއްޖެއެވެ. ފަށައިގެން އިރުކޮޅެއް ވާންދެން ޝަބާނާ ވަރަށް ރަނގަޅަށް ކުޅުނެވެ. އެހެން ނަމަވެސް އިޤްބާލް ބޭރުގައި ހުރެގެން އޭނާއާ ދިމާއަށް ބަލާކަން އިޙްސާސް ކުރެވުމުން ކުޅުމުގެ މަތިން ހަނދާން ނެތިއްޖެ އެވެ. މިއީ ފިރިހެނަކު ބަލަން ހުރީތީ އޭނާގެ ކުޅުމަށް އަސަރު ކުރި ފުރަތަމަ ފަހަރެވެ. ފުރަތަމަ ގޭމުން 21-15 އިން އޭނާ ދެރަވީއެވެ.
ދެން ކުޅެން އޮތް ދެ ގޭމުންވެސް އޭނާ އަށް ޖެހެނީ މޮޅު ވާށެވެ. މި ގޮތަށް ދިމާ ވުމުން އޭނާއަށް ލިބެނީ އާ ހިތްވަރެކެވެ. ބޭރުގައި ހިނގާ އެއްވެސް ކަމެއް އޭނާ އަކަށް ނޭނގެއެވެ. މި ފަހަރުވެސް ވީ އެހެންނެވެ. އިޤްބާލްގެ މަތިންވެސް އޭނާ ހަނދާން ނެތިއްޖެއެވެ. މި ދެމެޗްގެ ކޮންމެ ޕޮއިންޓަކީވެސް މުހިންމު ޕޮއިންޓެކެވެ. ދެ ގޭމް ވެސް ކަމިޔާބު ކުރީ އޭނާ އެވެ. އެއް ގޭމް 21-12 އިންނެވެ. އަނެއް ގޭމް 21-6 އިންނެވެ. މެޗް ނިމުނުކަން ވެސް އޭނާ އަށް އެނގުނީ ކުޅި ބަލަން ތިބި މީހުންގެ އަތްތިލަބަޑީގެ އަޑުންނެވެ.
މެޗް ނިމުމުން އިޤްބާލް އޭނާ ގޮވައިގެން އަނެއްކާ ވެސް މައި ހޯލަށް އަތުވެއްޖެއެވެ. ކައުންޓަރުގެ ކައިރިއަށް ގޮސް ޖޫހަށް އޯޑަރު ދީފިއެވެ. އިޤްބާލް އެ ދުވަހު ޝަބާނާގެ ކުޅުމަށް ވަރަށް ބޮޑަށް ތަޢުރީފް ކުރިއެވެ. އޭނާ ހިމޭނުން އަޑު އަހަން އިނީއެވެ. ކުއްލި އަކަށް ވާހަކައިގެ މައުޟޫޢު ބަދަލު ކޮށްލައިފައި އިޤްބާލް ބުންޏެވެ. "މި ރެއަކީ ސާދަ ވިލޭރޭ- ވަރަށް ހަނދުވަރު ރީތި ވާނެ- މިކަހަލަ ރޭރޭ ހަނދުވަރުގެ އަލީގައި ކާރު ދުއްވުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް-"
ޝަބާނާގެ ވިންދު އަވަސް ވެއްޖެއެވެ. އޭނާގެ މަންޒިލް އަތު ޖެހުނީއޭ ހީވާން ފަށައިފިއެވެ.
"ކަލޭ ދާނަންތަ-؟" އިޤްބާލް އަހައިލިއެވެ. "އަތިރިމަތީގައި ބައިގަޑިއެއްހާއިރު އުޅެލާފައި އަންނާނީ- މިހާރު މާ ގިނަ ބަޔަކުވެސް ނޫޅޭނެ-"
ޝަބާނާގެ ސިކުނޑި މަޑު މަޑުން ނަސޭހަތް ދޭން ފަށައިފިއެވެ. އެހައި އަވަހަށް ގަބޫލު ނުކުރާށެވެ. "މާދަމާ ހެނދުނު އޮފީހަށް ދާން ޖެހޭނެ-" ޝަބާނާ ބަލިކަށި އަޑަކުން ބުނެލިއެވެ.
"އެގާރަ، އެގާރަގަޑި ބައި ހާއިރު އެނބުރި އަންނާނީ-" އިޤްބާލް ބުންޏެވެ.
"އެންމެ ރަނގަޅު-"
އެ ދެ މީހުން ކްލަބުން ނުކުންނަން އައި އިރު ދެ އަންހެން ކުއްޖަކު ވަންނަނީއެވެ. އެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އާދަޔާ ޚިލާފަށް ރީއްޗެވެ.
"އެއީ... އެއީ ކޮންކުއްޖެއް-؟ އަހަރެން ދުވަހަކުވެސް އެ ކުއްޖާ މި ތަނަކުން ނުދެކެން-" އިޤްބާލް ޝައުޤުވެރިކަމާ އެކު އަހައިލިއެވެ.
"އެ ތަނުން އެއް ކުއްޖަކީ ސަލްމާ ބަޝީރު- ވަރަށް ކުރީއްސުރެވެސް މިކްލަބްގެ މެމްބަރެއް-" ދެވަނަ ކުއްޖާގެ ވާހަކަ ބުނި އިރު ޝަބާނާގެ އަޑު ހިސާބަކަށް ތުރުތުރު އެޅިއެވެ. "ދެން އެހެރީ ފަރުޒާނާ- ފަރުޒާނާ މަލިކު-"
އެ ދެ ކުދިން އޭރު އައިސް އެ މީހުންނާ އަރައި ހަމަ ވެއްޖެއެވެ. ޝަބާނާ ފެނުމުން ފަރުޒާނާގެ މޫނު ދިޔައީ އަލި ވެގެންނެވެ. "އަހާނ ޝަބާނާ-"
ހަތަރު މީހުން އެއްފަހަރާ ހުއްޓިއްޖެއެވެ. ސަލްމާ އިޤްބާލާއި، ފަރުޒާނާ އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. އިޤްބާލްގެ ނަޒަރު ހުއްޓިފައި ވަނީ ފަރުޒާނާއަށެވެ. "މީގެ ކުރިން ދުވަހަކުވެސް އަޅުގަނޑު ފަރުޒާނާއެއް ނުދެކެން-"
"ލައްބަ- އަޅުގަނޑު އުޅެނީ ކިޔަވަން ރާއްޖެއިން ބޭރުގައި- އެނބުރި އައީ އިހަކަށް ދުވަހު-" ފަރުޒާނާ އޮޅުން ފިލުވައި ދިނެވެ.
"ހިންގަވާ- ކޮންމެވެސް އެއްޗެއް ބައްލަވަން-"
"ޝުކުރިއްޔާ- މި ވަގުތަކު ނޫން- އެހެން ކޮންމެވެސް ފަހަރަކުން-" މިހެން ބުނެފައި ފަރުޒާނާ އެނބުރިލީ ޝަބާނާއާ ދިމާއަށެވެ. "ޝަބާނާ އަކީ ވެސް ކްލަބްގެ މެމްބަރެއްކަން އެނގުނީމާ ވަރަށް އުފާވެއްޖެ- ދެން ގިނަގިނައިން ބައްދަލު ވާނެއެއްނު-؟" އޭނާގެ އަޑުގައި އެކުލެވިފައިވާ ޖާދޫގައި އިޤްބާލް ރަނގަޅަށް ޖެހިއްޖެއެވެ. ހޯލް ތެރެއަށް އޭނާ ވަދެގެން ދިޔަ ތަން ކަޅި ޖަހައި ނުލާ ބަލަން ހުރެވުނެވެ.
"މަލިކު...؟ މަލިކު... އެއީ އަނެއްކާ އެއްކަލަ ޔޫސުފް މަލިކުތަ-؟ މަލިކް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ވެރިޔާ-؟" އިޤްބާލް އަހައިލިއެވެ.
(ނުނިމޭ)