މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދިޔަނަމަ މަޖިލީހުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުން ވަކިކޮށްފައިވާ ކަމަށް ބުނެފައިވާ 12 މެންބަރުންގެ ފަރާތުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެމެންބަރުން އެރުވި އެއްވެސް މަޝްވަރާއެއް ރައީސް ޔާމީން ގަބޫލުފުޅު ނުކުރެއްވި ކަމަށެވެ. އެ މަޝްވަރާތައް ގަބޫލު ނުކުރައްވައި ރައީސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދިފާއު ކުރައްވައި އޭނާ ސަލާމަތް ކުރެއްވުމަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
"މަޝްވަރާގެ އުސޫލުން ރައީސް ޔާމީން ކަންކަން ކުރެއްވި ކަމަށްވާނަމަ މިއިން އެއްވެސް މެންބަރަކު ދުރަށް ނުދާނެ. އެންމެންވެސް ތިބޭނީ ރައީސް ޔާމީން އަރިހުގައިކަން ކަށަވަރު،" ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެބޭފުޅުންނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށާއި އެމީހުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަޔު ކޯޓުތަކުންނާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ހޯއްދައިވައި ދެއްވަން ޖެހޭ ކަމަށެވެ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ރަނގަޅު މަގު ދައްކަވަން މަސައްކަތްކުރެއްވި އެންމެން ވެސް މިހާރު ތިއްބެވީ ޖަލުގައި ކަމަށެވެ.
މި 12 މެންބަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަކީ އެބޭފުޅުންގެ ތާއީދު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް އޮތްކަން ހާމަކޮށް ދެއްވުމަށް ބޭއްވި ޕްރެސްއެކެވެ.
އޭގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އިބޫއަކީ އެއްވެސް ނުސާފުކަމެއްނެތް ބޭފުޅެއް ކަމަށެވެ. ދައުލަތުގެ ޚަޒާނާއަށް އެމަނިކުފާނު ޚިޔާނާތްތެރި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިހަވަންދޫ ދާއިރާގެ މެންނަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ނަގާ ވޯޓަކީ "ދަތްތޫނު މިޔަރެއް" ގެ އަނގައިން ސަލާމަތްވުމަށް ދޭން ވޯޓަކަށް ހަދަން ޖެހޭ ކަމަށެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް ހައްދަވާނީ އިތުރުފުޅު ކަމަށާއި މިހާރުވެސް ކެންޕޭން ކުރައްވަމުން ގެންދަވަނީ ދައުލަތުގެ މުދަލާއި ފައިސާއިން ކަމަށެވެ. އެކަންކަން ކަމާބެހޭ ފަރާތްތަކުން ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ދިއްދޫ ދާއިރާއަށް ވެސް ކަމެއް ކޮށްދެއްވާފައި ނުވާނެ ކަމަށާއި ހުރިހާ ކަމެއްކޮށްފައިވާނީ އެބޭފުޅުންގެ މަސައްކަތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސާދުﷲ ހިލްމީ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ތިނަދޫއިން ރައީސް ޔާމީނަށް 10 އިންސައްތަ ވޯޓުވެސް ލިބިވަޑައި ނުގަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި އިބޫ ހޮވުމަށް ޖާނާމަލުން ގުރުބާންވާން ތައްޔާރަށް ތިއްބެވި ކަމަށްވެސް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރައްވާނީ އެ 12 މެންބަރުން ނުކުމެ އެމީހުންގެ މަސައްކަތުން ކަމަށެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ދެންކުރެވޭނެ އެއްވެސް ކަމެއްނެތް ކަމަށެވެ. އެމަނިކުފާނުވަނީ އެއަށްވުރެ މާގިނަ ގޯސްތައް ހަދަވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.