މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު މާދަމާ އަލުން ހުޅުވައިލާނެ ކަމަށް ގެދޮރާބެހޭ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ މާލެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު މާދަމާ އަލުން ހުޅުވާލައި އިއުލާނު ކުރާނެ ކަމަށެވެ. މީގެކުރިން މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ މާލެ ދަފްތަރުގެ މަސައްކަތް ހައުސިންގ މިނިސްޓްރީގެ ދަށަށް ގެންގޮސް ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާއިރު ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލަނީ ސަރުކާރުން އިއުލާނު ކުރައްވާފައިވާ ހިޔާ މަޝްރޫއުއިން ދޫކުރާ 7000 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށްޓަކައި ކަމަށެވެ.
މާލެ ދަފްތަރުގައި އަލުން ރަޖިސްޓްރީ ވިޔަސް އިލެކްޝަން ކޮމިޝަނުން މިހާރު އާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ ކަމަށާއި ކުރިން ދަފްތަރުގައި ތިބި މީހުންނާއި ފަހުން ދަފްތަރުގައި ރަޖިސްޓްރީވާ މީހުންނަށްވެސް ވޯޓާސް ލިސްޓުގައި މިހާރުވެސް އޮތްގޮތަށް އެޑްރެހަށް ބަދަލެއް ނައިސް ވޯޓުލުމުގެ ހައްގު ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ 31 އަހަރު ކުރިން އޭރުގެ ސަރުކާރުން ހުޅުވާލި މާލޭ ދަފްތަރުގައި މާލޭގެ ރައްވެހިންގެ އިތުރުން ރަށްރަށުން މާލެ އައިސް މާލޭގައި ވަޒަންވެރިވި ގިނަބަޔަކުވެސް ވަނީ ޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެ ދަފްތަރުގައި ބާރަ ހާހަށްވުރެގިނަ މީހުން މިހާރުވެސް އެބަތިއްބެވެ.