އަޅުގަނޑުމެން ގައިގައި ކަނޑިން ތަޅަންޏާ އައްޑަނަ ނަގާ ވަގުތު އަންނާނެ: ޑރ. ޝަހީމް

ގައިގައި ކަނޑިން ތަޅައި އަބުރު ކަތިލަމުންދާ ކަމަށްވާނަމަ ދިފާއުގައި އައްޑަނަ ނަންގަވަންޖެހޭނެ ވަގުތުތައްވެސް އަންނާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ބޭނުންފުވުޅު ވަނީ އެއްވެސް ދެކޮޅުވެރިކަމެއްނެތި ކެންޕޭން ކުރެއްވުމާއި އެއާގުޅޭ އެހެން ކަންކަންވެސް ކުރެއްވުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުން ވެސް ކެންޕޭން ކުރެއްވުމުގައި ޕީޕީއެމްގެ ފަޅިން އެބޭފުޅުންނާމެދު ވަރަށް ހިތްތަނަވަސް ވެގެންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިދަންނަވަނީ ކެންޕޭން ކުރެއްވުމުގައި އަޅުގަނޑުމެންގެ ހިތް ވަރަށް ތަނަވަސްވެގެންވެޔޭ. އަޅުގަނޑުމެން ބޭނުންވަނީ އީޖާބީ ކެންޕޭނެއް ކުރަން. ޕޮޒިޓިވް ކެންޕޭނެއް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް "ބަހުގެ ހަމަލާ އަޅުގަނޑުމެންނަށްދީ އަޅުގަނޑުމެންގެ އަބުރު ކަތިލައި ދޮގުވާހަކަތައް ފަތުރައި އަޅުގަނޑުމެންގެ ގައިގައި ކަނޑިން ތަޅަންޏާ އަޅުގަނޑުމެން އައްޑަނަ ނަގަންޖެހޭ ވަގުތު އަންނާނެ. އެކަމަކު އެވަގު ގެންނާކަށް އަޅުގަނޑުމެން ބޭނުންނުވޭ. އަޅުގަނޑުމެން ބޭނުންވަނީ ނިކަން އެކުވެރި ކަމާއެކު މިކަން (އިންތިޚާބުގެ ކަންކަން) ކޮށް ނިންމަން،" ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ  އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓުންވެސް ނުކުންނަވައި ވޯޓު ދެއްވަންވީ ޕީޕީއެމްގެ ކެންޑިޑޭޓަށް ކަމަށެވެ. ޕީޕީއެމުން ރިޔާސީ އިންތިޚާބު އިރާދަކުރެއްވިއްޔާ އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެކަން ކުރައްވާނީ އިރާދަކުރެއްވިއްޔާ ސިޔާސީ ގޮތުން "އަޅުގަނޑުމެންނާމެދު ނުރުހުންތެރިވާ ބެފުޅުންގެ ވޯޓުވެސް ހިމެނިގެން" ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.