ޖުލައި ނުވަވަނަ ދުވަހު ބްރިޖު ގުޅާލެވޭނެ: މިނިސްޓަރ

މާލެއާއި ހުޅުލެއާ ދެމެދު ބިނާކުރަމުންދާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" މިމަހު ނުވަވަނަ ދުވަހު މާލެއާއި ހުޅުމާލެއާ ގުޅައިލެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޖުލައި މަހު ނުވަނަ ދުވަހު މާލެއާއި ހުޅުލެއާ ގުޅިގެންދާނެ ކަމަށެވެ. "އެއީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ދުވަހެއް. މާލެއާއި ހުޅުލެއާ ގުޅިގެން މިދަނީ. ބްރިޖުގެ ގުޅުމަށްފަހު އަދި ބައިވަރު މަސައްކަތް ކުރިންވެސް ދެންނެވި ފަދައިން ހުންނާނެ. ޑެކްމަތީގައި ތާރުއެޅުމާއި، ޕްރޮޕަރ ރޯޑުފިނިޝިންއާއި، ރޯޑުމާކިންއާއި، ލައިޓްސްއާއި، ފިނިޝިންގެ ހުރިހާ ކަމެއް ވެސް ހުންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ. ފިނިޝިންގެ މަސައްކަތް ޖުލައި 9 އިން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެގްރީމެންޓުގައިވާ ގޮތުން ބްރިޖު ހުޅުވާނީ ސެޕްޓެމްބަރު 25 ގައި ކަމަށެވެ. އެހެންނަމަވެސް ޖުލައި 26 އަކީ ރާއްޖޭގެ މިނިވަން ދުވަސްވުމުން އެދުވަހަށް ބްރިޖު ނިންމައިދޭނެ ކަމަށް މަސައްކަތްކުރާ ފަރާތުން ބުނި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ބުންޏަސް އެގްރީމެންޓުގައި ވަކި ގޮތަކަށް އޮތުމުން އެބުނި ބުނުމުގެ މައްޗަށް އެކަން ކުރުވަން މަޖުބޫރު ނުކުރައްވާ ކަމަށްވެސް ބާރުނާޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. "މިހާރުވެސް އެއްމަސް ދުވަހުގެ ކުރިއަށް މަސައްކަތުގެ ސްޕީޑުހުރީ. އަޅުގަނޑުމެންނަށް ވަރަށް ޔަގީން އިރާދަކުރެއްވިއްޔާ އޯގަސްޓްމަސް ނިމުމުގެ ކުރިން ބްރިޖު ހުޅުވޭނެ ކަމަށް. އޯގަސްޓް މަސް ނިމުމުގެ ކުރިން ބްރިޖުހުޅުވޭނެ މިހާރު މަސައްކަތް އެދާސްޕީޑުގައި،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.