ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޖުލައި 2 އިން 25 ގެ ނިޔަލަށް ހުޅުވައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން މިމަހު ދެވަނަ ދުވަހު ކުރައްވައިފައިވަ އިއުލާނެއްގައި ވިދާޅުވެފައިވަނީ ޖުމުލަ 10 ދާއިރާއަކުން ސިފައިންގެ އަށް މީހުން ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިގޮތުން އެމްއެންޑީއެފް މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި ސަޕޯޓް ސަރވިސްއަށް ކުރިމަތި ލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި، ދައްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން އަދި އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރި މީހެއްކަމުގައި ވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެއެވެ. މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 31 ޖުލައި 2018 ތާރީޚްކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާ އަށް އެދޭ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 2 ވީ ހޯމަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމާއި ވަޒީފާއަށް އެދޭފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޖުލައި 10 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14.00 ގެ ނިޔަލަށްކަމަށް ޑިފެންސް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެރެކޯޑް ބަލާފޯމް ރަސްމީގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެކަމާއި އަދި އެމްއެންޑީއެފްގެ ވެބްސައިޓުން މި ފޯމްތައް ޑައުންލޯޑު ކުރެވޭނެކަމަށްވެސް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާއަށްއެދޭ ފޯމް ހުށަހަޅުއްވާއިރު ކުށުގެ ރެކޯޑްފޯމް ފުރިހަމަ ކުރައްވާ ހުށަހަޅުއްވަންވާނެކަމަށާއި ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ހުށައަޅުއްވާއިރު، ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން އިންޓަވިއުއަށް ޙާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަން ޖެހޭނެކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.