މެދުތެރޭ ނައިޖީރިޔާގައި ގެރިބަކަރި ހުއިހައްޕާ ގަބީލާތަކުގެ މީހުންނާއި ދަނޑުވެރިންނާ ދެމެދު ހިނގާ ހަމަނުޖެހުންތަކުގައި 86 މީހުން މަރުވެއްޖެއެވެ.
މަސްރަހު ދިރާސާކުރާ މީހުން ލަފާކުރާ ގޮތުގައި މި ހަމަނުޖެހުންތައް މައިތިރިނުކުރެވި ފުޅާވެގެން ގޮސްފިނަމަ، މިއީ ބޮކޯ ހަރާމަށްވުރެ ވެސް ނައިޖީރިޔާގެ އަމާންކަށް ބިރުބޮޑު ކަމަކަށް ވެގެން ހިނގައިދާނެއެވެ.
ހުއިހައްޕާ މީހުން ނުކުމެ ދަނޑުވެރި އާއިލާތަކަށް ދިން މިހަމަލާތަކާ ގުޅިންގެން ރައީސު މުހައްމަދޫ ބުހާރީ ވަނީ މަޑުމައިތިރިކަން އިޚްތިޔާރުކުރުމަށް ގޮވައިލައްވާފައެވެ.
ޕްލެޓޫ ސްޓޭޓްގެ ބަރިކިނީ ލާޑީ ސަރަހައްދުގެ ދަނޑުވެރިންނަށް ދިން މިހަމަލާ އައިސްފައި މިވަނީ ދަނޑުވެރިންގެ ބަޔަކު ފުލާނީ ގަބީލާގެ ގެރިބަކަރި ހުއިހައްޕާ ބަޔަކަށް ފާއިތުވި ބުރާސްފަތި ދުވަހު ހަމަލާދިނުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުންނެވެ.
އެ ސްޓޭޓްގެ ޕޮލިސް ކޮމިޝަނަރު އުންޑި އަޑި ވިދާޅުވިގޮތުގައި ދެފަރާތުގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ބެރޯމް އަވަށް ހޯދައި ބެލިއިރު "މަރުވެފައިވާ ޖުމްލަ 86 މީހުން" ފެނިފައި ވެއެވެ.
އަޑީ ރިޕޯޓަރުންނަށް މައުލޫމާތު ދެއްވި ގޮތުގައި 6 މީހަކު ޒަޚަމުވެފައި ވާއިރު 50 ގެއެއް ވަނީ ބިމާ ހަމަކޮށްފައެވެ.
މި ހަމަނުޖެހުންތަކަކީ އެސަރަހައްދުގައި ދީނީ، ނަސްލީ، އަދި ސިޔާސީ ގޮތުން ތަފާތު ޖަމާއަތްތަކުގެ މެދުގައި ހިގަމުން އަންނަތާ ޒަމާންތަކެއް ވެފައިވާ ދެކޮޅުވެރިކަމުގެ ސިލްސިލާގެ ބައެކެވެ. އެހެންނަމަވެސް، މިހާރު މިކަން ފުޅާވަމުންދާ ބާރު މިނަށް ބަލާއިރު މިއީ މިހާތަނަށް 20 ހާސް މީހުން މަރުވުމުގެ ސަބަބަކަށް ވެފައިވާ ބޯކޯ ހަރާމުގެ މައްސަލައަށް ވުރެ ބޮޑު މައްސަލައަކަށް ވުން އެކަށީގެން ވެއެވެ.
އާދީއްތަ ދުވަހު ބެރޯމް އަވަށުގެ ޒުވާން ވަނީ ޖޮސް-އަބޫޖާ ހައިވޭ ބަންދުކޮށް، މަގުން ދަތުރުކުރާ ފުލާނީ މުސްލިމުން ވައްތަރު ޖަހާ މީހުންނަށް ހަމަލާދީފައެވެ.
ޕްލެޓޫ ސްޓޭޓްގެ ސަރުކާރުން މިހާރު ވަނީ އެ ސްޓޭޓުގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު ހިންގާފައެވެ. އެ ފިޔަވަޅު އަޅަން ޖެހުނީ ގާނޫނާއި ނިޒާމު "ބޮއްސުންލައިގެންދިޔަ ނުދޭންވެގެންނެވެ. ކާފިޔުއަށް ވަގުތުން އަމަލުކުރަން ފަށާނެ. ކޮންމެ ދުވަހަކު އިރުއޮއްސި ހަޔަކުން ހެނދު ހަޔަކަށް ކާފިއު އޮންނާނެއެވެ." ޕްލެޓޫ ސްޓޭޓް ސަރުކާރުގެ ތަރުޖަމާނު ރުފޫސް ބަތޫރޭ ބުނެފައި ވެއެވެ.