ރައީސް ޔާމީންގެ ކެމްޕޭނުގައި މިނިސްޓަރުންވެސް ގޯއްޗަށް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭގެ ތެރެއިން މާލޭގެ ގެތަކަށް ރައީސް ޔާމީންގެ ސަޕޯޓަރުން ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ދައުލަތުގެ ބަޔެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވަމުން އެބަގެންދަވައެވެ.

"ރައީސް ޔާމީންގެ ކެމްޕޭން ގޯއްޗަށް" މި ނަމުގައި ކުރިޔަށް ގެންދަވާ ކެމްޕޭނުގައި އެންމެ އިސްކޮށް ފެނިގެންދާ ސަޕޯޓަރުންގެ ތެރޭގައި ބަޔެއް ވަޒީރުންނާއި މަޖިލީހުގެ ބަޔެއް މެމްބަރުން ހިމެނިވަޑައިގަންނަވާއިރު އެ ޓީމުގައި ދެހާހެއްހާ ސަޕޯޓަރުން މާލޭގެ އެކި ގެތަކަށް ޒިޔާރަތް ކުރަމުންދާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

"ރައީސް ޔާމީންގެ ކެމްޕޭން ގޯއްޗަށް" ހަރަކާތުގައި ފެނިގެންދާ ބަޔެއް ވަޒީރުންގެ ތެރޭގައި ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޝަރީފް އަދި އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދުގެ އިތުރުން ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް ލުތުފީ އާއި އިގްތިސޯދާބެހޭ ވަޒީރު ސައީދުވެސް ފެނިގެން ދެއެވެ.

ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ރަމަޞާން މަހަށް ފަހު އަލުން ފަށާފައިވާއިރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހުއެވެ. ޕީޕީއެމްގެ ކެމްޕޭން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަނަމަވެސް އިދިކޮޅު ފަރާތްތަކުން އަދި އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ނޭނގެއެވެ.

ނަމަވެސް އަންނަ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އުމަރު ނަސީރު ގެންދަވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކެމްޕޭން ކުރައްވަމުންނެވެ. އުމަރުގެ ކެމްޕޭންތައްވެސް އަދި މަގުމަތިން ފެނިގެން ނުދެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.