އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާއާއި މުދާ ހޯދަން އެމެރިކާއާއި ދެކޮޅަށް އީރާނުން އދ. ގެ އެންމެ މަތީ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައީސީޖޭ) އަށް ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުންތައް ފަށަން އެ ކޯޓުން ނިންމައިފިއެވެ. އެމެރިކާގެ ކޯޓުތަކުން ވަނީ އެ މުދާތައް އީރާނަށް ދޫކުރަން ދެކޮޅު ހަދައި، އެ ދޭންެޖެހެނީ އީރާނުގެ 'ޓެރަރިސްޓު' ހަމަލާތަކުގެ ސަބަބުން ގެއްލުންވި އާއިލާތަކަށް ކަމަށް ނިންމައިފައެވެ.
އައިސީޖޭ އިން ނެރުުނު ބަޔާނެއްގައި ބުނެފައި ވަނީ "އީރާުނުގެ ބައެއް މުދާތަކާ ބެހޭ (އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ދެކޮޅަށް ހުށަހަޅާފައިވާ) އާއްމުކޮށް ހުޅުވާލެވިފައިވާ އަޑުއެހުންތައް 12 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުން ފެށިގެން ދަހޭގް ގައި ކުރިއަށް ގެންދަން ނިންމައިފި" ކަމުގައެވެ.
އަޑުއެހުންތައް "ޚާއްސަކުރެވިފައިވާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ހުށަހަޅާފައިވާ އިބްތިދާއީ ދެކޮޅުހެދުންތަކަށެވެ." ބަޔާނުގައި ވެއެވެ. އެއަށް ފަހު އެމައްސަލައިގައި ކޯޓުން އަމުރެއް ނެރެން ޖެހޭތޯ ފަނޑިޔާރުން ނިންމަވާނެއެވެ.
އީރާނާއި އީރާނުގެ ކުންފުނިތަކުގެ އެތައް ބިލިޔަން ޑޮލަރެއްގެ މުދަލާއި ފައިސާ ހިފަހައްޓައި، އެމެރިކާ ވަނީ ޝާހުގެ ވެރިކަމުގެ ދުވަސްވަރުއްސުުރެ ދެގައުުމުގެ ދެމެދުގައިވާ އެއްބަސްވުމަކާއި ޚިލާފުވެފައި ކަމަށް ބުނެ އީރާނުން އައިސީޖޭއަށް މައްސަލަ ހުށަހެޅީ ޖޫން 2016 ގައެެވެ. އެމެރިކާގެ ކޯޓުތަކުން ވަނީ އީރާނުން އެމެރިކާއާ ދެކޮޅަށް ހިންގާފައިވާ 'ޓެރަރިސްޓު' އަމަލުތަކުގެ ބަދަލެއްގެ ގޮތުގައި 56 ބިލިއަން އެމެރިކާ ޑޮލަރު އެކި ފަރާތްތަަކަށް ދޭން ހުކުމްކޮށްފައެވެ.
އީރާނުން މައްސަލަ އައިސީޖޭއަށް ހުށަހެޅީ އީރާނުގެ ހަމަލާތަކުގައި ގެެއްލުންވި 1000 މީހުންކަަމަށް އެމެރިކާއިން ބުނާ މީހުންނަށް އީރާނުގެ ފައިސާއިން 2 ބިލިއަން ޑޮލަރު ނަގައިދޭން އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމްކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެމެރިކާއިން ބުނާ ޓެރަރިސްޓު ހަމަލާތަކުގެ ތެރޭގައި ބޭރޫތުގައި ތިބި އެމެރިކާގެ މެރީންސްގެ މަރުކަޒަށް 1983 ވަނަ އަހަރު ދެވުނު ހަމަލާއާއި ސައޫދީ އަރަބިޔާގެ އަލްޚުބަރު ޓަވާސް އަށް 1996 ވަނަ އަހަރު ދެވުނު ހަމަލާ ހިމެނެއެވެ.
އައިސީޖޭ އިން ބާއްވާ ހަތަރު ދުވަހުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ، އެކޯޓުގެ ފަނޑިޔާރުންނަށް ކަނޑައެޅިފައިވާ އިޖުރާއާތުގެ ދަށުން އީރާނުން ހުށަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވިދާނެތޯއެވެ.
1946 ވަނަ އަހަރު ގާއިމްކުރެވުނު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަކީ ދޭދޭ ގައުމުތަކުގެ މެދުގައި ގާއިމުކުރެވިފައިވާ މުއާހަދާތަކަށް ބަލައި ގައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތެެއް ނިންމާ ކޯޓެކެވެ. އީރާނުން ދައުވާ ހުށަހަޅާފައިވަނީ އީރާނުގެ ކުރީގެ ޝާހުގެ ވެރިކަމުގައި 1955 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ އިގްތިސާދީ އެއްބަާރުލުމާ ބެހޭ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.