ވޯލްޑްކަޕް 2018 ގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ޕޮލަންޑް 2 ލަނޑު 1 ލަނޑުން ބަލިކޮށް ސެނެގާލް މޮޅު ވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފު ފެށިގެން ޕޮލަންޑް ފެނުނީ ފަރުވާތެރި ވެގެން ތިބެ، ލިބޭ ހަނި ފުރުސަތެއްގެ ބޭނުން ކުރަން މަސައްކަތް ކުރި ތަނެވެ. ކުރީގައި ދެ ކުޅުންތެރިން ބައިތިއްބައިގެން ސެނެގާލަށް ލަނޑު ޖަހާނެ ފުރުސަތު ނުދޭން ދިފާޢު ވަރުގަދަ ކޮށްގެން ކުޅުނު ތަނެވެ. ސެނެގާލުންވެސް ކުޅެމުން ދިޔައީ އެއް ސިސްޓަމަކަށެވެ. 4-4-2 ސިސްޓަމަށެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ޕޮލަންޑުންނެވެ.
ސެނެގާލް ޓީމުން މަސައްކަތް ކުރީ ވާތް ފަރާތުން އަރައި ހުރަސް ކޮށްގެން ލަނޑެއް ޖަހާށެވެ. އެހެންވީމާ ޕޮލަންޑާ ޚިލާފަށް ދިފާޢަށް ސަމާލުކަން ދިން ނަމަވެސް ސެނެގާލުން ދިޔައީ ހަމަލާ ދެމުންނެވެ. ސެނެގާލަށް ކުރި ލިބުނީ 37 ވަނަ މިނިޓުގައި ޕޮލަންޑް އަތުން ބައި ކޮޅަށް ވަން ލަނޑަކުންނެވެ. ސެނެގާލްގެ މާން ބޯޅަ ހިފައިގެން ވާތް ފަރާތުން އަރައިގެން އައި އިރު އޭނާގެ ހަރަކާތް ހުރި ގޮތުން ފުރަތަމަ ހީކުރެވުނީ އަމިއްލައަށް ގޯލަށް ޖަހާނޭ ކަމުގައެވެ. އެކަމަކު އޭނާ ކުއްލިއަކަށް ބޯޅަ ކަނާތް ފަރާތަށް ޕާސް ކޮށްލީއެވެ. އޭރު ގޭޔޭއަށް ބޯޅަ ޖަހާނޭ ޖާގަ ވަރަށް ރީތިކޮށް ލިބިފައި އޮތެވެ. އޭނާ ފައިކުރިއަށް ބާރުލާފައި ފޮނުވައިލީ ބޯޅަ ޕޮލަންޑްގެ ގޯލުގެ ކުރިމަތީގައި ހުރި އެ ޓީމުގެ ޝިއޮނެކްގެ ފައިގައި ޖެހިފައި ގޯލަށް ވަނީއެވެ. ގޯލްކީޕަރަށް ގޭޔޭ ރީތިކޮށް ފެނެއެވެ. އެހެންވީމާ އޭނާ ހަރަކާތްކުރީ ރަނގަޅު ދިމާއަށެވެ. ގޯލާ ދިމާއަށް ދިޔަނަމަ އޭނާއަށް އަތުލެވުނީހެވެ. ބޯޅައިގެ މިސްރާބު ހުރި ގޮތުން ބޮޑަށް އެކަށީގެން ވަނީ ބޯޅަ ބޭރަށް ދިއުމެވެ. މިސްރާބު ބަދަލުވީ ޝިއޮނެކްގެ ފައިގައި ޖެހިފައެވެ.
ސެނެގާލުން ފުރަތަމަ ހާފުގައި ލަނޑު ޖަހާނޭ އިތުރު ފުރުސަތުވެސް ހޯދިއެވެ. އެކަމަކު އިތުރު ލަނޑެއް ނުޖެހެއެވެ. ކުޅުމަށް ބަލާއިރު ސެނެގާލް ރަނގަޅު ކަމަށް ފެނެއެވެ. ޓީމުގެ ސްޕީޑާއި ޕޭސް މާ ބޮޑަށްވެސް ރަނގަޅެވެ. މުޅީން ކަހަލަ ގޮތަކަށް ކުޅެމުން ދިޔައީ ވާތް ފަރާތުން ހަމަލާ އުފައްދަމުންނެވެ.
ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 0 ލަނޑުން ސެނެގޯލް ކުރީގައި އޮވެގެންނެވެ.
ސެނެގާލް ދެވަނަ ހާފު ފެށީ ފަހަތަށް ދިފާޢީ ތިން ކުޅުންތެރިން ލައިގެން 3-5-1-1 އަށެވެ. ބޭނުމަކީ ސެނެގާލްގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ހިފަހައްޓަން ތިން ކުޅުންތެރިން ބޭނުން ކުރުމެވެ. ހާފު ފެށިގެން ކުޑަ އިރު ކޮޅެއްގެ ތެރޭގައި (48 ވަނަ މިނިޓުގައި) ޕޮލަންޑަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ލޮވެންޑަވްސްކީ ބޯޅަ ހިފައިގެން ސެނެގާލްގެ އޭރިއާ ތެރެއަށް ވަންނާން ދިޔައިރު އޭނާ ހުއްޓުވާނޭ ކުޅުންތެރިއަކު ސެނެގޯލްގެ ދިފާޢީ ރޮނގަކު ނެތެވެ. އޭނާ ހުއްޓުވެން އޮތީ އޭނާޔާއެކު ދުވެފައި އައި ސެނެގާލްގެ ކުޅުންތެރިޔާ، ސޭން އޭނާ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަނުމުގެ ކުރިން ވައްޓައިލީއެވެ. ޕޮލަންޑަށް ލިބުނު ހިލޭ ޖެހުން ވަރަށް ރީތިކޮށް ސެނެގާލްގެ ގޯލްކީޕަރު ދިފާޢު ކުރިއެވެ. އެޔާއެކު ސެނެގާލްގެ ކުޅުން އަނެއްކާވެސް ހަލުވި ކޮށްލިއެވެ.
56 ވަނަ މިނިޓުގައި ޕޮލަންޑަށް ލިބުނު ފުރުސަތުވެސް ދިޔައީ ބޭރަށެވެ. 78 ވަނަ މިނިޓުގައިވެސް ފުރުސަތެއް ލިބުނެވެ. އެކަމަކު އެ ފުރުސަތުވެސް ބޭކާރު ވެގެން ދިޔައީއެވެ.
ސެނެގާލް ދެވަނަ ލަނޑު ޖެހީ ވަނަ މިނިޓުގައި 60 ނިއަންގް އެވެ. ޕޮލަންޑްގެ ދިފާޢީ ތިން ކުޅުންތެރިންގެ ރޭވުންވެސް ދިޔައީ ފަނުފުލުންނެވެ. ޕޮލަންޑްގެ ކްރިޗޮވިއަކް ބޯޅަ ޖެހީ ގޯލްކީޕަރަށް ޖައްސާލަން ގަސްތު ކޮށްގެންނެވެ. އެކަމަކު އޭރު ވަރަށް ކައިރީގައި ސެނެގާލްގެ ނިއަންގް ހުއްޓެވެ. ކްރިޗޮވިއަކް ބޯޅަ ޖެހުމާއެކު ނިއަންގް ދުއްވައިގެންފިއެވެ. ޕޮލަންޑްގެ ކުޅުންތެރިޔާ އައީ ފަހަތުންނެވެ. އޭނާގެ ފަހަތުގައި ދިފާޢީ ކުޅުންތެރިއަކު ނެތެވެ. އަނެއްކޮޅުން، އެނޫން ގޮތެއް ނެތުމާވެސް އެކު، ގޯލްކީޕަރު އޭރިއާއިން ބޭރަށް ނުކުމެއްޖެއެވެ. ނިއަންގް ބޯޅަ ގޯލްކީޕަރުގެ ގައިން ނައްޓައިލިއެވެ. ދެން އޮތީ ހުޅުވިފައި އޮތް ހުސް ގޯލެވެ. އޭނާ ފަސޭހަ ކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައިލިއެވެ.
މެޗު ނިމެން ކައިރިވުމާއެކު ޕޮލެންޑްގެ ކުޅުން ތަންކޮޅެއް ރަނގަޅު ކޮށްލިއެވެ. ފޯމޭޝަން ބަދަލު ކުރުމަށް ފަހު ކުރިއަށް އަރައި ހަމަލާ ދޭން މަސައްކަތް ކުރަން ފެށިއެވެ.
ޕޮލަންޑް ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނިޓުގައެވެ. ދުރުން ޖެހި ހިލޭ ޖެހުމެއް އޭރިއާ ތެރެއަށް އޮހިގެން ދިޔަ ވަގުތު ކްރިޗޮވިއަކް ބޮލުން ޖަހައި ގޯލަށް ވައްދައިލީއެވެ.
ފަހު ހާފަށް ބަލާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅުނީވެސް ސެނެގާލުންނެވެ. ފުރިހަމަ ހާފެކޭ އެއްގޮތަށް ކުޅުން ރަނގަޅީވެސް ސެނެގާލްގެއެވެ.
މިރޭ ކުޅޭ ފަހު މެޗު އޮންނާނީ 11 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ރަޝިއާ އާއި މިސުރެވެ.