ޖުމްހޫރީ ކޯލިޝަން އުފައްދަވައި ހިޔަނި ކެބިނެޓް އިއުލާން ކުރައްވައިފި

ޖުމްހޫރީ ކޯލިޝަން އުފައްދައި އެކޯލިޝަންގެ ހިޔަނި ކެބިނެޓް މިއަދު އިއުލާން ކުރައްވައިފިއެވެ.

ޖެޕީގެ ވެރިކަމެއްގައި 20 މިނިސްޓަރުން ތިއްބަވާނެ ގޮތަށް ހަމަ ޖައްސަވައި އެކަން އިއުލާން ކުރެއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ހިޔަނި ކެބިނެޓުގެ ރައީސުލްޖުމްހޫރިއްޔާއަކީ ގާސިމް އިބްރާހީމެވެ. ނާއިބް ރައީސައީސަކީ ގާސިމްގެ ޕޮލިޓިކަލް އެޑުވައިޒަރަކަށް މިހާރުވެސް ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ބަންޑާރަނާއިބަކަށް އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރެވެ. ޑިފެންސް މިނިސްޓަރު އަލީ ވަހީދު، ހޯމް މިނިސްޓަރު އަބްދުﷲ ރިޔާޒު، ފައިނޭންސް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އާޓްސް އެންޑް ކަލްޗަ މިނިސްޓަރު ޔުމްނާ މައުމޫން، ހައުސިން މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ، ޓޫރިޒަމް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދު، އިސްލާމިކް މިނިސްޓަރު އަލީ ޒާހިރު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު، ހެލްތު މިނިސްޓަރު ޑރ. ޝާހް މާހިރު، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަހްމަދު ފަޔާޒު، ލޭބަރ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން، ޓްރާންސްޕޯޓް މިނިސްޓަރު: އަމީން އިބްރާހީމް، ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް، ކޮމިއުނިކޭޝަން މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަހްމަދު އާސިމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސަވާވާނީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ކަމަށާއި، ނާއިބް ރައީސް ކަމަށް ގެންނާނީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ ބައިވެރި ނުކޮށް ޖުމްހޫރީ ކޯލިޝަން އެކުލަވާލުމަށްފަހު ގާސިމް ވިދާޅުވީ އެމްޑީޕީއަށް ވެސް އަދި ޕީޕީއެމަށް ވެސް ވޯޓު ނުދިނުމަށެވެ.

އިދިކޮޅު ކޯލިޝަން ބައިބައިވެ ކުއްލިއަކަށް މިފަދަ ނިންމުމެއް ގާސިމް ނިންމެވުމުން އެކަމާމެދު އެމްޑީޕީގެ ބަހެއް ހޯދުމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ގުޅުމުން ކުރެއްވީ ސުވާލެކެވެ. "ކިހިނެއް ވެގެން މިއުޅެނީ؟" މިހެންނެވެ. އިތުރު އެއްޗެއް ވިދާޅުވާން އޭނާ ބޭނުންފުޅެއް ނުވިއެވެ. ކޯލިޝަނަށް އެމްޑީޕީގެ އެއްބާރުލެއްވުން ނުދެއްވަނީތޯ ދެންނެވުމުން ވެސް އޭނާ ކޮމެންޓެއް ނުކުރެއްވިއެވެ.

ގާސިމް ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ އިންތިޚާބު ބޯމަތިވެފައިވީނަމަވެސް އަދިވެސް ޕާޓީ ތަކުން ނެރޭ އެއް ކެންޑިޑޭޓް ކަނޑައެޅިފައި ނުވުމުން ކަމަށެވެ. އެފަދަ ކެންޑިޑޭޓަކު ނެރެވޭނެ ނަމަ ޖޭޕީން އެ ކެންޑިޑޭޓަކާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
މިއަދު އިއުލާންކުރެއްވި ހިޔަނި ކެބިނެޓަކީ ޖޭޕީއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ހިޔަނި ކެބިނެޓް އިއުލާން ކުރެއްވީ ޖަރުމަނުގައި ހުންނަވައިގެން ފޭސްބުކު ލައިވް މެދުވެރިކޮށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.