ސައުދީ ގައުމީ ފުޓުބޯޅަޓީމް ދަތުރުކުރި ބޯޓުގައި ރޯވެއްޖެ

ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ކުޅެމުންދާ ސައުދީއަރަބިޔާގެ ގައުމީ ފުޓްބޯޅަ ޓީމު ދަތުރުކުރި މަތިންދާ ބޯޓުގައި އަލިފާން ރޯވެއްޖެއެވެ.

ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން އެގައުމުގެ ރޮސްތޯވަށް ދަތުރުކުރި ބޯޓުގައި ރޯވިނަމަވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އަދި ބޯޓުވަނީ ސަލާމަތުން އެސިޓީގެ ވައިގެ ބަނދަރުގައި ޖައްސާފައި ކަމަށެވެ.


އެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އެ ބޯޓުގެ އެއް އިންޖީނުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ.

ބޯޓުގައި އަލިފާން ރޯވެފައިވަނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވެއެވެ.

އެޓީމު ރޮސްތޯވަށް ދަތުރުކުރީ ވޯލްޑްކަޕް ގްރޫޕު "އޭ" ގައި އުރުގުއޭ އާ ދެކޮޅަށް ކުޅެންޖެހޭ މެޗަށެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހުއެވެ. މިއީ މި މުބާރާތުގައި ސައުދީ ކުޅޭނެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރަޝިއާ ބައްދަލުކޮށް 5-0 އިން ސައުދީ ވަނީ ބަލިވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.